ވިޔަފާރި

ފުރަތަމަ ކުއާޓަރުގައި އެސްޓީއޯގެ ފައިދާ 10 ޕަސެންޓް އިތުރު

May 17, 2020

ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އަށް މި އަހަރުގެ ފުރަތަމަ ކުއާޓަރު (ފުރަތަމަ ތިން މަހު) ލިބުނު ސާފު ފައިދާ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު، 10 ޕަސެންޓް އިތުރު ވެއްޖެ އެވެ.

ސަރުކާރުގެ އެންމެ ބޮޑު ކުންފުނި އެސްޓީއޯ އަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 114 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ ތިން މަހު ލިބުނު 103 މިލިއަން ރުފިޔާއާ އަޅާ ބަލާނަމަ 10 ޕަސެންޓުގެ ފައިދާ އިތުރުވުމެކެވެ. އަދި މިއީ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ލިބުނު 82 މިލިއަން ރުފިޔާއާ އަޅާ ބަލާއިރު ވެސް އިތުރު ވުމެކެވެ.

އެސްޓީއޯގެ މާލީ ރިޕޯޓަށް ބަލާއިރު މިދިޔަ އަހަރު އެ ކުންފުނިން 2.1 ބިލިއަން ރުފިޔާގެ ވިޔަފާރިކޮށްގެން އާމްދަނީގެ ގޮތުގައި 2.4 ބިލިއަން ރުފިޔާ ހޯދާފައިވެ އެވެ. އެ ކުންފުންޏަށް މި ކުއާޓަރުގައި ލިބުނު އާމްދަނީ އިތުރުވި މައިގަނޑު ސަބަބަކީ ތެލުން ލިބުނު އާމްދަނީ އިތުރުވުމެވެ.

ތެލުން އާމްދަނީގެ ގޮތުގައި އެ ކުންފުންޏަށް 1.7 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ލިބިފައިވަނީ 1.6 ބިލިއަން ރުފިޔާ އެވެ. ތެޔޮ ނޫން އެހެން ވިޔަފާރިތަކުން އާމްދަނީގެ ގޮތުގައި 773 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި އެ ކުންފުންޏަށް މިދިޔަ ކުއާޓަރުގައި ޖުމްލަ ފައިދާގެ ގޮތުގައި 357 މިލިއަން ރުފިޔާ ހޯދާފައިވެއެވެ.

އެ ކުންފުނީގެ ސާފު ފައިދާ މިދިޔަ ކުއާޓަރުގައި އިތުރުވީއިރު، ހިއްސާއަކަށް ޖެހިފައިވަނީ 101 ރުފިޔާ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓަރުގައި ހިއްސާއަކަށް ޖެހުނީ 73ރ. އެވެ.