މިއީ އަހަރުމެންނާއި ބައްދަލުވި ވަރަށް ތަފާތު ރޯދަމަހެކެވެ. ދެން ނުވެސް އަންނާނެ ފަދަ ރޯދަ މަހެކެވެ. މި ރޯދަމަސް ނިމުމަކާއި ކައިރިވީ އެވެ. ހުރިހާ ގޮތަކުން ވެސް ތަފާތެވެ. ބޭރަކަށް ނުދެވެ އެވެ. ފިނިބުރެއް ނެތެވެ. ކައްކާ ކެއުން ވެސް މިފަހަރު އެހެން ރޯދަމަސްތަކާއި ހާސްބައި ތަފާތެވެ.
ރޯދަމަހަކާ އަޅާބަލާއިރު ބާޒާރު ތިޔާގި ނޫން ވެސް ފަހަރެެެކެވެ. އަދި މި ރޯދަ މަސްހާ ބާޒަރު ކުރަން އުނދަގޫ ޒަމާނެއް ދެން ނުފެނި ވެސް ހިނގައި ދާނެ އެވެ. އެހެން ރޯދަމަސްތަކުގައި އެކި ފިހާރަތަކަށް ދުއްވައިގެން ނަމަވެސް ކޮންމެވެސް އެއްތަނަކުން ރެސިޕީތަކަށް ބޭނުންވާ ހުރިހާ އެއްޗެއް ހޯދާލައި ހަމަ ކޮށްލެވޭނެ އެވެ. މިފަހަރު އެކަމެއް އެހެނެއް ނުވިއެވެ.
ލޮކްޑައުނާއެކު ދިވެހިންނަށް ދަސްވީ ހިތް ތިރި ކޮށްލާށެވެ. ހުރި އެއްޗަކުން ފުއްދާލައި މިންވަރަށް އީމާންވާށެވެ. ރޯދަ ވީއްލަން ބައިވަރު ވައްތަރުތަކެއް ނެހެދިއަސް ހުރި އެއްޗަކުން ކޮންމެވެސް މީރު ރަހައެއް ލައްވާލައިގެ ލިބުނު އެއްޗަކަށް ޝުކުރުކޮށްލާށެވެ.
ރޯދާވީއްލާ ގަޑީގެ ސުފުރާ މަތީގައި ފޮނި ކާއެއްޗެއް ހުރުމަކީ ގިނަ ގޭގެ އާއްމު ކަމެކެވެ. ނަމަވެސް މިފަހަރު އެކަން ކުރަން ދަތި ވަނީ އަގު ބޮޑުހާ ބަޓަރާއި، ކިރިމި އަދި ޗީޒް ފަދަ އެއްޗެހި އެއް ވަގުތު ކާލަން ހަދާ ޑިޝްއަކަށް އަޅަން ގަނެލަން ވެސް ޖެހިލުން ވާތީ އެވެ. ގަންނަން ބޭނުމަސް ފަސޭހައިން ގަނެ ވެސް ނުލެވޭތީ އެވެ. ފްރިޖުުގައި އޮންނަ ބަޓަރު ގަނޑާއި ދިމާލަށް ބަލާލާފައި ވެސް އެއްޗެއް ނެތް ދުވަހަކަށް ނޫނީ ހާއްސަ ދުވަހަކަށް އޭތި ރައްކާ ކޮށްލެވޭތީ އެވެ.
ކޮންމެ ދުވަހަކު ރޯދަ ވީއްލާ ގަޑިއަށް ކޮންމެވެެސް ފޮނި އެއްޗެއް ނަހަދަން ހުއްޓަސް، އެއްޗެއް ތައްޔާރު ކޮށްލެވެނީ އެއީ އަހަރުމެންގެ ތެރޭގައި އަބަދުވެސް އޮތް އާދައެއް ކަމަށް ވާތީ އެވެ. މިފަދަ އުނދަގޫ ހާލަތްތަކުގައި ބައެއް ފަހަަރަށް އާއްމުކޮށް ކަންކަން ކުރާ ގޮތްތަކަށް ބައެއް ކަންކަން ބެެހެއްޓުމުން ހިތަށް ހަމަޖެހުން ލިބޭނެތީ އެވެ. އާއިލާގެ ތެރެއަށް އުފާވެރިކަން ވެސް ގެންނާނެތީ އެވެ.
ފުޑް ބްލޮގެއް ކަމުގައިވާ ލޮނުމެދުގައި ބުނެފައި ވަނީ އެމީހުން ކައިރީ މިފަހަރު އެންމެ ގިނަ ބަޔަކު އެދެނީ ފޮނި ކާނާއެއްގެ ގޮތުގައި ފަސޭހަ އާދައިގެ ކޭކެއް އަޅާނެ ގޮތް ބުނެދޭށެވެ. އެހެންވެ ލޮނުމެދުގައި ހިއްސާ ކޮށްފައި ވަނީ "ވެނީލާ ސްޕޮންޖް" ކޭކްގެ ރެސިޕީ އެކެވެ. މި ރެސިޕީގައި ބަޓަރުގެ ބަދަލުގައި ބޭނުން ކޮށްފައި ވަނީ ތެލެވެ.
މި ރެސިޕީއަކީ ހަދާލަން ވަރަށް ފަސޭހަ ރެސިޕީ އެކެވެ. ކޭކް އަޅަން ބަޓަރުގެ ބަދަލުގައި ތެޔޮ ބޭނުން ކުރުމުން ކޭކުގެ ބަޓާ ކޭކް ޓެކްސްޗާ ގައި ތަފާތު ކަމެއް ހުރެދާނެ އެވެ. އަދި ރަހަ ވެސް ތަފާތު ވެދާނެ އެވެ. ބަޓަރަކީ ރަހަ ނުވަތަ ފްލޭވާ ގެންނަން އެހީތެރިވާ އެއްޗެކެވެ. ބަޓަރުގެ ބަދަލުގައި ތެޔޮ އަޅައިގެން ފިހާ ކޭކުގައި ތެތް ކަމެއް ހުުރުން އެކަށީގެން ވެއެވެ.
ބަޓަރާއި ނުލާ ކޭކެއް އެޅިދާނެ އެވެ. ބަޓަރުކޮޅެއް ގަންނަން ނުނުކުމެވޭނެތީ ބަޓަރު ނާޅާ ހަދާ ފޮނި އެއްޗެހި މި ދުވަސްވަރު ހިނގަ އެވެ. އަދި މިިގޮތަކީ ޖީބަށް ވެސް ލުއިވާނެ އެވެ. މިފަހަރު ޓްރައިކޮށްލަ ބަލާށެވެ.