މިދިޔަ އަހަރު ތަސްދީގު ކުރި ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން މުސްތަގިއްލު މަގާމެއްގެ ގޮތުގައި އުފައްދާ ޗިލްޑްރެންސް އޮމްބަޑްސްޕާސަންގެ މަގާމުގެ މުސާރައަށް މަހަކު 35،000 ރުފިޔާ ދިނުމަށް ރައްޔިތުންގެ މާލިއްޔަތު ކޮމިޓީއަށް މިއަދު ފާސްކޮށްފި އެވެ.
މި މަގާމަށް މިހާތަނަށް މީހަކު އައްޔަން ކޮށްފައި ނުވާއިރު، އާ މަގާމަކަށް ވާތީ އެ މަގާމުގެ މުސާރަ ކަނޑައަޅާފައެއް ވެސް ނުވެ އެވެ. އެހެންކަމުން ފިނޭންސް މިނިސްޓްރީން ފޮނުވީ އެހެން މިނިވަން މުއައްސަސާތަކުގެ މެންބަރުންނަށް ލިބޭ މުސާރައިގެ އަދަދު އެ މަގާމުގެ މުސާރައަށް ވެސް ހަމަޖެއްސުމަށެވެ. އެއީ މަހަކު 45،000 ރުފިޔާ އެވެ.
ނަމަވެސް މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވިދާޅުވީ އެ މަގާމުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތަކާ އަޅާބަލާއިރު 45،000 ރުފިޔާއަކީ ބޮޑު އަދަދެއް ކަމަށެވެ. އެހެންވެ މުސާރައަށް މަހަކު 25،000 ރުފިޔާ އަދި އިތުރު އިނާޔަތަށް 10،000 ރުފިޔާ ދިނުމަށް އޭނާ ހުށަހެޅުއްވި އެވެ.
އިލްޔާސްގެ ހުށަހެޅުއްވުމާ އެއް ގޮތަށް ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ މަގާމުގެ ޖުމުލަ މުސާރައަށް 35،000 ރުފިޔާ ދިނުމަށް ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އަށް މެންބަރުންގެ ވޯޓުން ފާސްކުރި އެވެ. އެ ހުށަހެޅުއްވުން ފާސްކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.
ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުގައި ބުނާ ގޮތުން އެ މަގާމަށް މީހަކު އައްޔަން ކުރާނީ ވެސް މިނިވަން މުއައްސަސާތަކަށް މެންބަރުން އައްޔަން ކުރާ އުސޫލުންނެވެ. އެއީ ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމުން ރައީސުލްޖުމްހޫރިއްޔާ މީހަކު އައްޔަން ކުރުމެވެ.
ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ މަގާމުގެ މުސާރައަށް މަހަކު 35،000 ރުފިޔާ ދިނުމަށް މާލިއްޔަތު ކޮމިޓީން ފާސްކުރިއިރު، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން މާލީ ހާލަތު ދަށްވުމުން ސަރުކާރުން ވަނީ 20،000 ރުފިޔާއަށް ވުރެ މަތީ މުސާރައިގެ މަގާމުތަކުގެ މުސާރަ މި ހާލަތަށް ކުޑަ ކުރުމަށެވެ.
މާލިއްޔަތު ކޮމިޓީން ފާސްކުރި ގޮތް މަޖިލީހުގެ ތަޅުމަށް ވެސް އަދި ގެންދާނެ އެވެ. އަދި މަޖިލީހުގެ ތަޅުމުގައި ކޮމިޓީ ރިޕޯޓަށް ބަހުސް ކުރާނެ އެވެ. މަޖިލީހުގެ ކޮންމެ މެންބަރަކަށް ކޮމިޓީ ރިޕޯޓަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ. ފަހު ގޮތެއް ކަނޑައަޅާނީ މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރުމަށް ފަހު، ނަގާ ވޯޓަކުންނެވެ.