ހަބަރު

ޗިލްޑްރަންސް އޮމްބަޑްސްޕާސަނަށް ނިއުމާތު އައްޔަން ކުރަން މަޖިލީހުން ރުހުން ދީފި

ޗިލްޑްރެންސް އޮމްބަޑްސްޕާސަންގެ މަގާމަށް އައްޔަން ކުރަން މަޖިލީހުން ރުހުން ނިއުމާތު ޝަފީގް -- ފޮޓޯ: ނިއުމާތު ފޭސްބުކް
0%
0%
0%

ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން މުސްތަގިއްލު މަގާމެއްގެ ގޮތުގައި އުފައްދާ ޗިލްޑްރެންސް އޮމްބަޑްސްޕާސަންގެ މަގާމަށް ނިއުމާތު ޝަފީގް އައްޔަން ކުރަން ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ މަގާމަށް މ. މާފުށީގެ ނިއުމާތު ޝަފީގް އައްޔަން ކުރަން ރުހުން ދޭން މަޖިލީހުން ފާސްކުރީ 70 މެންބަރުންގެ ވޯޓުންނެވެ. އޭނާއަށް ރުހުން ދޭން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.

ނިއުމާތަކީ ރާއްޖޭގެ ގާލް ގައިޑް އެސޯސިއޭޝަންގެ ޗީފް ކޮމިޝަނަރެވެ. މީގެ ކުރިން ކުޑަކުދިންނަށް ކިޔަވައިދިނުމަށް ތައުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވި ބޭފުޅެކެވެ. އެ ގޮތުން ރާއްޖޭގައި ޕްރީ ސްކޫލްގެ ތައުލީމު ގާއިމު ކުރުމުގެ ގޮތުން ޔުނިސެފްގެ ކޮންސަލްޓެންޓެއްގެ ގޮތުގައި ވެސް ނިއުމާތު މަސައްކަތް ކުރައްވާފައިވެ އެވެ.

ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ މަގާމަށް އައްޔަން ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވީ ވެސް ނިއުމާތުގެ ނަން އެކަންޏެވެ. އެ މަގާމަށް މީހަކު އައްޔަން ކުރާނީ ރައީސް ފޮނުއްވާ ނަންތަކުގެ ތެރެއިން މަޖިލީހުން ދިރާސާކޮށް ރުހުން ދޭ ބޭފުޅަކަށެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އުފައްދަން ޖެހޭ އޮމްބަޑްސްޕާސަންގެ މަގާމަށް ނިއުމާތު އައްޔަން ކުރަން މަޖިލީހުން ރުހުން ދިންއިރު، މި ގާނޫނު ތަސްދީގުކޮށްފައި ވަނީ މިދިޔަ އަހަރެވެ. މި މަގާމަށް އައްޔަން ކުރާ މީހެއްގެ މުސާރައަކީ މަހަކު 35،000 ރުފިޔާ ކަމަށް ރައްޔިތުންގެ މަޖިލީހުން މިދިޔަ މެއި މަހު ފާސްކޮށްފައިވެ އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910