ރައްޔިތުންގެ މަޖިލިސް

ވިއްސާރާގައި ގެއްލުން ވަމުންދާތީ ކުއްލި މައްސަލައެއް

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ބައެއް ރަށްރަށަށާއި ގިނަ ބައެއްގެ ގޯތިގެދޮރާއި އާންމުންގެ މުދަލަށް ގެއްލުންތަކެއް ލިބެމުން ދާތީ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

އައްޑޫ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައިގަނެ ބަހުސް ކުރުމަށް ފެންނަ ކަމަށް ފާސްކުރީ 44 މެންބަރުންގެ ވޯޓުންނެވެ. މައްސަލައަށް ބަހުސް ކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.

ނިހާދު މި މައްސަލަ ހުށަހެޅުއްވި އިރު، މިހާރު ކުރަމުންދާ ވިއްސާރާގައި އެންމެ ގިނަ ގެއްލުންތަކެއް ވެފައި ވަނީ އޭނާ ތަމްސީލު ކުރައްވާ އައްޑު އަތޮޅުުގެ ރަށްތަކެވެ. އައްޑު އަތޮޅުގެ ރަށްރަށަށް ކުރި ވިއްސާރަގައި އެ އަތޮޅުގެ 600 އަށް ވުރެ ގިނަ ގެއަށް ގެއްލުން ލިބިގެން ރިޕޯޓު ކޮށްފައިވެ އެވެ. އޭގެ ތެރެއިން ފޭދޫގެ 500 އަށްވުރެ ގިނަ ގެ ހިމެނެ އެވެ.

މި މައްސަލަ ހުށަހަޅުއްވަމުން ނިހާދު ވިދާޅުވީ ކްލައިމެޓް އެމަޖެންސީއަކީ ޖޯކެއް ކަމަށް ނުދެކި މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން މީހުންގެ ގެދޮރަށާއި މުދަލަށް ލިބޭ ގެއްލުންތައް ކުޑަ ކުރުމަށް މިހާރުން މިހާރަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި، ގެއްލުންވި އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވާ ލައްވާ ކަމަށެވެ.