ކޮވިޑް-19 އާ ގުޅިގެން ގެސްޓްހައުސްތަކުގެ އާމްދަނީ ދަށްވެފައި ވާތީ، ފެން ބިލު ދެއްކުމުގައި ލުއި ތަކެއް ހޯދައިދޭން ގެސްޓް ހައުސް އެސޯސިއޭޝަނުން އޮފް މޯލްޑިވްސް (ގޭމް) އިން ފެން ކުންފުނީގައި އެދިއްޖެ އެވެ.
ގޭމް އިން ނެރެފައިވާ ބަޔާނެއްގައި ބުނީ ފެން ބިލްތަކުގެ މައްސަލަ މާލެ، ވޯޓާ އެންޑް ސުވެރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ޝާހުގެ ސަމާލު ކަމަށް ގެނެސްފައިވާ ކަމަށާ، އަދި ފެން ބިލްތައް ދެއްކުމުގައި ލުއި ގޮތްތަކެއް ހޯދައި ދޭނެ ކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށެވެ.
ގޭމް އިން ދާދި ފަހުން ވަނީ ގެސްޓްހައުސްތަކުގެ އިސް ފަރާތްތަކާއެކު ވާޗުއަލް މީޓިންއެއް ވެސް ބާއްވާފަ އެވެ. އެ ބައްދަލުވުމުގައި ގިނަ އަދަދެއްގެ ގެސްޓްހައުސް ތަކުން ވަނީ މިހާލަތާ ގުޅިގެން ހުރި ކަންބޮޑުވުންތައް ހިއްސާ ކޮށްފަ އެވެ.
ރާއްޖޭގައި 600 އެއްހާ ގެސްޓްހައުސް ހިންގަ އެވެ. އަދި ކޮވިޑް-19 އާ ގުޅިގެން މި ތަންތަނަށް 30 މިލިއަން ޑޮލަރު ވަރުގެ ގެއްލުމެއް ވާނެ ކަމަށް ގޭމުން ވަނީ ބުނެފަ އެވެ.
ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ވަނީ އާއްމު ގޭބިސީތަކުގެ ކަރަންޓު ބިލުން 40 ޕަސެންޓް އަދި ފެން ބިލްތަކުން 30 ޕަސެންޓުގެ ޑިސްކައުންޓެއް ދޭން ފަށާފަ އެވެ. މި ބަދަލާއެކު އާއްމުންގެ ފެން ބިލްތަކާއި ކަރަންޓު ބިލްތައް ވަނީ ކުޑަވެފަ އެވެ. ނަމަވެސް މިލުއިތައް ވިޔަފާރިތަކަށް ދީފައެއް ނުވެ އެވެ.