މިދިޔަ މަހު ރާއްޖޭގެ ބާޒާރުގައި އަގުތައް އެންމެ ބޮޑަށް ދަށަށް ގޮސްފައި ވަނީ ކަރަންޓާއި ފެނުން ކަމަށް އިންފްލޭޝަން ހިސާބު ތަކުން ދައްކައިިފި އެވެ.
ނޭޝަނަލް ސްޓެޓިސްޓިކް ބިއުރޯ އިން ނެރެފައިވާ މިދިޔަ މަހުގެ އިންފްލޭޝަން ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު ކަރަންޓު ބިލުތަކުން 40 ޕަސެންޓް އަދި ފެން ބިލްތަކުން 30 ޕަސެންޓް ވަނީ ދަށްވެފަ އެވެ. މި ދަށްވުން އައިސްފައިވަނީ ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ފެނާއި ކަރަންޓު ބިލުން ސަބްސިޑައިޒްކޮށް ދިނުމުންނެވެ. ސަރުކާރުން މިހާތަނަށް ފެނާއި ކަރަންޓު ބިލުގެ ސަބްސިޑީއަށް 60 މިލިއަން ރުފިޔާ ހޭދަކޮށްފައި ވެއެވެ.
ނޭޝަނަލް ސްޓެޓިސްޓިކް ބިއުރޯ އިން ބުނެފައިވާ ގޮތުގައި ދެން އެންމެ ބޮޑަށް އަގު ދަށްވެފައި ވަނީ ގޭ ކުލިންނެވެ. މި ބައިން 5.01 ޕަސެންޓް ދަށްވެފައިވެ އެވެ. އަދި މޮބައިލް މުއާސަލާތީ ދާއިރާއިން 4.76 ޕަސެންޓް ދަށްވެފައިވެ އެވެ. މޮބައިލް މުއާސަލާތީ ދާއިރާގެ އިންފްލޭޝަން ދަށްވީ ކޮވިޑް-19 އިގެ ސަބަބުން ދިރާގާއި އުރީދޫން ދިން އިނާޔަތްތަކާއި ޑިސްކައުންޓްތަކުގެ ސަބަބުންނެވެ.
ކިރާއި ޗީޒް އަދި ބިހުގެ ބައިން 0.44 ޕަސެންޓް، އެއްގަމު މަހުގެ ބައިން 1.41 ޕަސެންޓް ދަށްވި އެވެ. މީގެ އިތުރުން ހިފާ ގެންގުޅޭ ތަކެތީގެ ބައިން 0.62 ޕަސެންޓް އަދި ފައިވާނާއި ބޫޓު ފަދަ ތަކެތީގެ ބައިން 0.85 ޕަސެންޓް ދަށްވި އެވެ. ސައިކަލުން 0.21 ޕަސެންޓު ދަށްވެފައި ވެއެވެ.
މިދިޔަ މަހު އަގުތައް މައްޗަށް ގޮސްފައި ވަނީ ތަރުކާރީ އާއި މަހުގެ ބައިންނެވެ. ތަރުކާރީގެ އަގުތައް ހުރީ 6.39 ޕަސެންޓްގަ އެވެ. މަސް 1.16 ޕަސެންޓުގައި ހުރި އިރު ދުފުމުގެ ބައިން 3.62 ޕަސެންޓް މަތިވި އެވެ. އަދި މޭވާގެ އަގުތައް 0.54 ޕަސެންޓް މަތިވެފައިވެ އެވެ.
މިދިޔަ މަހު ރާއްޖޭގެ ޖުމްލަ އިންފްލޭޝަން ވަނީ 3.33 ޕަސެންޓް ދަށްވެފަ އެވެ. ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިންފްލޭޝަން ދަށަށް ދާނެ ކަމަކަށް ނުބެލެވެ އެވެ.