ރައީސް މުހައްމަދު ނަޝީދު

ސަރުކާރަށް ފާޑުކިޔާނެ ޖާގަ ލިބެނީ ރައީސަށް އިތުބާރު ބޮޑުވީމަ: ނަޝީދު

ސަރުކާރުގެ ތެރޭގައި ހިނގާ ގޯސް ކަންކަމަށް މަޖިލީހުގެ މެންބަރުންނަށާއި އެމަނިކުފާނަށް ފާޑުވިދާޅުވުމުގެ ޖާގަ ލިބެނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހިޔާނާތްތެރިވެވަޑައިނުގަންނަވާނެ ކަމުގެ ފުރިހަމަ އިތުބާރު އޮންނާތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 ގެ ސަބަބުން ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ ސިޔާސަތުތަކާ އުސޫލުތަކަށް ފަހަކަށް އައިސް އެމްޑީޕީގެ ބައެއް މެންބަރުންނާއި ރައީސް ނަޝީދު ގެންދަވަނީ ވަރަށް ބޮޑަށް ފާާޑުވިދާޅުވަމުންނެވެ. އެމަނިކުފާނުގެ ކެތްތެރިކަން ހިފެހެއްޓޭނީ ވެސް ވަކި މިންވަރަކަށް ކަމަށް ރައީސް ނަޝީދު އިއްޔެ ވިދާޅުވި އެވެ.

ރައީސް ނަޝީދު އެންމެ ބޮޑަށް ނުރުހުން ފާޅު ކުރައްވަމުން ގެންދެވީ ހުއްދައެއް ނެތި އެއް ރަށުން އަނެއް ރަށަށް ދަތުރު ނުކުރެވޭ ގޮތަށް އަދި މާލެ ސަރަހައްދުގައި ކާފިއު ހިންގާ ގޮތަށް ލޮކްޑައުން ކުރުމާ ގުޅިގެން އެކި ބޭނުންތަކަށް ކުރު މުއްދަތަކަށް މާލެ އައިސް ތިބި ރަށްރަށުގެ ގިނަ ބަޔަކު ރަށަށް ނުދެވި މާލޭގައި ތާށިވި މައްސަލާގަ އެވެ.

އެމްޑީޕީގެ ބައެއް މެންބަރުންނާއި ރައީސް ނަޝީދު ދެއްކެވި ވާހަކަތަކަށް އިޝާރާތް ކުރައްވަމުން މިއަދުގެ ޖަލްސާގައި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވީ އެއިން ސަރުކާރު ފެއިލްވި ކަން ވަރަށް ސާފުވެގެން ގޮސްފައިވާ ކަމަށެވެ.

ސައީދުގެ ވާހަކަ އިރުކޮޅަކަށް މެދުކަނޑާލެއްވުމަށް ފަހު ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުގައި ހިނގަމުންދާ ގޯސް ކަންކަމަށް ފާޑުވިދާޅުވެ އެ ކަންކަން ބަލަން މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ މެންބަރުންނަށް ކެރިވަޑައިގަންނަވާނެ ކަމަށެވެ. އެއީ ދައުލަތުގެ ފައިސާއަށް ރައީސް ހިޔާނާތްތެރިވެވަޑައިނުގަންނަވާނެ ކަމުގެ ޔަގީންކަން އޮތުމުން ލިބޭ ޖާގައެއް ކަމަށެވެ،

"އެމްޑީޕީގެ މެންބަރުން ސާރުކާރަށް ފާޑުކިޔުމަކަށް ޖެހިލުންވެވަޑައެއް ނުގަންނަވާނެ، އެއީ މެންބަރުންނަށް ވަރަށް ބޮޑު ޔަގީންކަމެއް އެބަ އޮވޭ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް [ދައުލަތުގެ] ފައިސާގައި ޖެހިވަޑައިނުގަންނަވާނެ ކަން." ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ދެން ވިދާޅުވީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި އޭރު ތިއްބެވި ޕީޕީއެމްގެ މެންބަރުންނަށް ވަރަށް ޖޯޝުގައި މަޖިލީހުގެ މަސްއޫލިއްޔަތު އަދާކޮށް އޭރުގެ ސަރުކާރުގެ ކަންކަމަށް ފާރަވެރިނުވެވުނީ އޭރުގެ ރައީސް އަބްދުﷲ ޔާމީން އެފަދަ ކަމެއް ނުކުރައްވާނެ ކަމުގެ އިތުބާރު މެންބަރުންނަށް ނެތުމުން ކަމަށް ވެދާނެ ކަމަށެވެ.

"ދެން ކުރީގައި ތިއްބެވި އިއްޒަތްތެރި މެންބަރުންނަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާއާ ގުޅޭ ގޮތުން އެ ވަރުގެ ބޮޑު އިތުބާރެއް ނެތުނީމަ ކަމަށް ވެދާނެއޭ އެހާ ޖޯޝުގައި އޭރު މަޖިލީހުގެ މަސްއޫލިއްޔަތު އަދާ ކުރެވެމުން ނުގެންދެވުނީ." ސައީދުގެ ވާހަކައަށް ރައްދު ދެއްވަމުން ނަޝީދު ވިދާޅުވި އެވެ.

ނަޝީދުގެ ވާހަކައަށް ފަހު ސައީދަށް ފުރުސަތު ދެއްވި އެވެ. ނަޝީދުގެ ވާހަކައަށް ސައީދު ވެސް ރައްދު ދެއްވި އެވެ. ވިދާޅުވީ މެންބަރުން ބޭނުންވާ ކަމެއްގައި ސަރުކާރުން ހަމަ ފޮނުވާއިރަށް އެއްވެސް ދިރާސާއެއް ނެތި ކަންކަން މި މަޖިލީހުން ފާސްކޮށްފައިވާ ކަމަށެވެ. އެ އިޝާރާތް ކުރެއްވީ އޯވަޑްރޯ ކުރުމުގެ ހުއްދަ ދޭން މަޖިލީހުން ފާސްކުރި ކުރުމަށެެވެ.

މަޖިލީހުގެ ކުރީގެ ރައީސުންނާ ތަފާތުކޮށް ނަޝީދު ގެންދަވަނީ ރިޔާސަތުގައި އިންނަވާ ސަރުކާރުގެ ގިނަ ކަންކަމަށް ފާާޑުވިދާޅުވެ، ގައުމުގެ މައްސަލަތަކާ ގުޅޭ މައުލޫމާތުތަކަށް ހަވާލާދީ އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތް ހާމަ ކުރައްވަމުންނެވެ. ބައެއް ފަހަރު މެންބަރުންގެ ވާހަކަ މެދުކަނޑާލުމަށް ފަހު ވެސް ވާހަކަފުޅު ދައްވަކައި ރައްދު ދެއްވަ އެވެ.