ސުޕްރީމް ކޯޓް

ސުޕްރީމް ކޯޓުގެ ނިންމުމަކީ ބޭނުން ބޮޑު ބަދަލެއްް: އޭޖީ

ސުޕްރީމް ކޯޓުގައި އޮންލައިންކޮށް ޝަރީއަތްތައް ކުރިއަށް ގެންދަން ނިންމުމަކީ ބޭނުން ބޮޑު ތާރީހީ ބަދަލެއް ކަމަށް އެޓާނާ ޖެނެރަލް އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19އާ ގުޅިގެން ސަރުކާރު ބަންދު ކުރުމާއެކު ކޯޓުތަކުގެ ޝަރީއަތްތައް ވަނީ މެދުކެނޑިފަ އެވެ. ކުރިމިނަލް ކޯޓުގައި ވަނީ މިފަހުން އޮންލައިންކޮށް ޝަރީއަތްތައް ކުރިއަށް ގެންދަން ފަށާފަ އެވެ.

ސުޕްރީމް ކޯޓުން ވެސް ޝަރީއަތްތައް ފެށުމަށް ނިންމައި މިއަދު ނެރުނު ގަވައިދުގައި ބުނީ ކޯޓަށް މީހުން ހާޒިރުވެ ޝަރީއަތް ކުރިއަށް ގެންދަން ރައްކާތެރި ނޫން ހާލަތުގައި ޝަރީއަތްތައް ކުރިއަށް ގެންދާނީ މައިކްރޯސޮފްޓް ޓީމްސް މެދުވެރިކޮށް ނުވަތަ ފޯނު ނުވަތަ އެ ނޫން ވެސް ޓެލެކޮންފަރެންސިން ނިޒާމެއް މެދުވެރިކޮށް ކަމަށެެވެ.

މިފަދަ ހާލަތްތަކުގައި ފަނޑިޔާރުން، ޝަރީއަތް ކުރާ މަޖިލީހުގައި ނުވަތަ އެ ނޫން ވެސް ތަނެއްގައި ތިބެގެން ޝަރީއަތް ކުރިއަށް ގެންދެވިދާނެ ކަމަށާއި ނަމަވެސް ފަނޑިޔާރުން ތިއްބަވަން ޖެހޭނީ ގައުން ތުރުކުރައްވައިގެން ކަމަށް ގަވައިދުގައި ވެއެވެ. ހަމައެހެން ވަކީލުން ވެސް ތިއްބަވަން ޖެހޭނީ ކޯޓު ފަޓުލޫނުގަ އެވެ.

ގަވައިދުގައިވާ ގޮތުން ކޮންމެހެން ސިއްރު ކުރަން ޖެހޭ ސުޕްރީމް ކޯޓުގެ ޝަރީއަތްތައް މެނުވީ އެހެން ޝަރީއަތްތައް ޓްވިޓާ އަދި ޔޫޓިއުބު މެދުވެރިކޮށް ލައިވް ކުރާނެ އެވެ.

ބަންޑާރަނާއިބް އިބްރާހިމް ރިފްއަތު ވިދާޅުވީ ސުޕްރީމް ކޯޓްގެ ނިންމުމަކީ ބޭނުން ބޮޑު ތާރީހީ ބަދަލެއް ކަމަށެވެ. ޓެކްނޮލޮޖީ ބޭނުން ކުރުމުން ހަރަދާއި ވަގުތު ސަލާމަތްވާނެ ކަމަށާ ޝަރީއަތް އަވަސްވެ، އިންސާފު ހޯދަން ހިނގަންޖެހޭ ދިގު މަގު ކުރު ވެގެންދާނެ ކަމަށެވެ.

"ކޯޓުތަކުގެ އަބުއިކަން މާޒީވެ ޝަރީއަތުގެ އަޑާއި މަންޒަރު ދުރާއި ގާތުން ފެނިދެނިވުމުން އިންސާފް ލިބޭކަން އިހުސާސްކުރެވޭނެ."

ސުޕްރީމް ކޯޓުން އެކުލަވާލި ގަވައިދުގެ ދަށުން އޮންްލައިންކޮށް ޝަރީއަތްތައް ފަށާނީ އަންނަ މަހުން ފެށިގެންނެވެ. އެއާއެކު މިހާރު ހުއްޓާލާފައި އޮތް އިސްތިއުނާފުގެ މުއްދަތު ގުނުން ވެސް އެ ދުވަހުން ފެށިގެން ގުނަން ފަށާނެ އެވެ.

މިއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ސޯޝަލް މީޑިއާ މެދުވެރިކޮށް ޝަރީއަތްތައް ލައިވް ކުރާ ފަހަރެވެ. މީގެކުރިން ޓީވީތައް މެދުވެރިކޮށް ކުރިމިނަލް ކޯޓުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތް ލައިވް ކުރި އެވެ.