ދުނިޔެ

އަފްޣާންގައި މިސްކިތަކަށް ހަމަލާދީ ނަމާދަށް ތިބި ބަޔަކު މަރާލައިފި

May 20, 2020

ކާބުލް (މެއި 20) - އަފްޣާނިސްތާނުގެ ޕަރުވާން ސަރަހައްދުގައި ހުރި މިސްކިތަކަށް ބަޑި ހިފައިގެން ތިބި ބައަކު ވަދެ ހަމަލާދީ، ގިނަ ބައަކު މަރާލައިފި އެވެ.

އެ ސަރަހައްދުގެ ފުލުހުންގެ އިސް އޮފިސަރު ވިދާޅުވީ އިއްޔެ މިސްކިތަށް ދިން ހަމަލާގައި މަރުވެފައި ވަނީ ރޯދަ ވީއްލައިގެން ނަމާދަށް އަރާ ތިބި ބަޔަކު ކަމަށެވެ.

އެގޮތުން މިހާތަނަށް ހަތް މީހަކު މަރުވެ، އިތުރު 12 މީހުން ޒަހަމްވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ހަމަލާދިން މީހުން ވަނީ ފިލައިފަ އެވެ. އަފްޣާނިސްތާނުގެ އިންޓީރިއާ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އެ ހަމަލާގެ ފަހަތުގައި ތިބީ ތާލިބާނު ކަމަށެވެ. ނަމަވެސް، އެ ގައުމުގައި ހަރަކާތްތެރިވާ ހަރުކަށި ފިކުރުގެ ހަނގުރާމަވެރި ޖަމާއަތުން ވަނީ އެކަން ދޮގު ކޮށްފަ އެވެ.

އަފްޣާނުގައި އާއްމުންނަށް އަމާޒުކޮށް ދެމުންދާ ހަމަލާތައް އިތުރުވަމުން ދާތީ އދ. އިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މިދިއަ ހަފުތާގައި ވެރިރަށް ކާބުލްގައި ހުރި ހޮސްޕިޓަލަކަށް ވެސް ހަމަލާދީ 24 މީހަކު މަރާލައިފައި ވެއެވެ. އޭގެ ތެރޭގައި އަލަށް ވިހޭ ތުއްތު ކުދިންނާއި، ވިހައިގެން ތިބި އަންހެނުން ވެސް ހިމެނެ އެވެ.

އެ ހަމަލާތަކާ ގުޅިގެން، ހަނގުރާމަވެރި ޖަމާއަތްތަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަންތައް ފެށުމަށް ރައީސް އަޝްރަފް ޣަނީ ވަނީ ސިފައިންނަށް އަންގަވައިފަ އެވެ.