ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު 2009 ވަނަ އަހަރުގެ މެއި މަހަށް ފަހު ފުރަތަމަ ފަހަރަށް 50 ޑޮލަރަށް ވުރެ ދަށަށް ހިނގައްޖެ އެވެ.
ތެލުގެ އަގު ބައިނަލްއަގުވާމީ ބާޒާރުގައި ކަނޑައެޅުމަަށް މުހިންމު މިންގަނޑެއްގެ ގޮތުގައި ބަލާ "ބްރެންޓް ކްރޫޑް" ގެ އަގު ބުދަ ދުވަހު ވަނީ 49.92 ޑޮލަރަށް ދަށްވެފަ އެވެ. ރެކޯޑް މިންވަރަކަށް ތެލުގެ އަގު ދަށަށް ގޮސްފައި މި ވަނީ ތެލުގެ ޑިމާންޑް ދަށްވެފައި ވަނިކޮށް ތެލާއި ގޭހުގެ ސަޕްލައި މައްޗަށް ދިއުމުން އަގުތައް ދަށްވަމުންދާ ވަގުތެއްގަ އެވެ.
ތެލުުގެ އަގަށް މި ބަދަލު އައި އިރު ވެސް އެމެރިކާގައި ތެލުގެ އަގު ކަނޑައަޅާ ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓް ކްރޫޑްގެ އަގު ވަނީ 50 ޑޮލަރަށް ވުރެ ދަށަށް ގޮސްފަ އެވެ.
ހަކަތައިގެ އަގު ހެޔޮ ބާވަތެއް ކަމަށްވާ ޝޭލްގެ އުފެއްދުންތެރިކަން ނޯތު އެމެރިކާ ސަރަހައްދުގައި މައްޗަށް ގޮސް އެ ބާވަތުގެ ތެލާއި ގޭހުގެ ސަޕްލައި އިތުރުވާތީ، މާކެޓް ދިރާސާކުރާ ފަރާތްތަކުން ލަފާކުރަނީ ތެލުގެ އަގު އަދިވެސް ދަށަށް ދާނެ ކަމަށެވެ. މިގޮތަށް ބޮޑަށް ލަފާކުރެވެނީ ތެޔޮ އުފައްދާ ގައުމުތަކުގެ އެންމެ ބޮޑު އިއްތިހާދު ކަމަށްވާ އޯޕެކުން ތެލުގެ ސަޕްލައި ދަށްކުރުމަށް ދެކޮޅު ހަދަމުން ދާތީ އެވެ.
"ބޭނުންވާ ވަރަށް ވުރެ އިތުރަށް ކުރަމުންދާ ސަޕްލައި އަށް ބަދަލެއް ގެންނަން އޯޕެކުން އެއްވެސް ކަމެއް ނުކުރާނެ ކަމަށް ބެލެވޭތީ، ކުރިއަށް އޮތް ދުވަސްތަކުގައި ތެޔޮ ފީފާއެއްގެ އަގު 40 ޑޮލަރާ ހަމަޔަށް ދަށްވެދާނެ،" މާކެޓް ދިރާސާކުރާ ސީއެމްސީ މާކެޓްސްގެ މައިކަލް ހިއުސަންއާ ހަވާލާދީ ބީބީސީގައި ބުނެފައިވެ އެވެ.
އޭނާ ވިދާޅުވެފައި ވަނީ ތެލުގެ އަގު ކުރިން ހުރި މިންވަރަށް ދާން ދެ އަހަރެއްހާ ދުވަސް ނަގާނެ ކަމަށް، ތެލުގެ ވިޔަފާރީގެ ތެރޭގައި އުޅޭ މީހުން ބުނާ ކަމަށެވެ. -- ބީބީސީ