މާލޭ ސިޓީ ކައުންސިލް

ކަދުރު ބޭނުންވާ މީހުން ނަންނޯޓް ކުރުމަށް އަންގައިފި

މާލެއާއި ވިލިމާލޭގައި ގައި ދިރިއުޅޭ މީހުންނަށް ބެހުމަށް ލިބިފައިވާ ކަދުރު ހޯދުމަށް ނަން ނޯޓުކުރުމަށް ހުޅުވާލައިފި އެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ މިނިސްޓްރީ އޮފް އިސްލާމިކު އެފެއާޒުގެ ފަރާތުން މާލެއާއި ވިލިމާލޭގައި ދިރިއުޅޭ ފަގީރުންނަށް ބެހުމަށް، މާލޭ ސިޓީ ކައުންސިލާއި ހަވާލުކޮށްފައިވާ ކަދުރުތަކުގެ ތެރެއިން، މާލެއާއި ވިލިމާލޭގައި ދިރިއުޅޭ ފަގީރުންނަށް ބެހުމަށްފަހު ބާކީހުރި 2903 ޕަކެޓު ކަދުރު އެ ކައުންސިލްގައި އެބަހުރި ކަމަަށެވެ.

އެހެން ކަމުން މާލެއާއި ވިލިމާލޭގައި ދިރިއުޅޭ މީހުންގެ ތެރެއިން ކަދުރު ބޭނުންވާ މީހުން 9955788 ނަންބަރު މޮބައިލްއަށް އެސްއެމްއެސް ކުރުމަށް އެދޭ ކަމަަށެވެ.

އެ ފުރުސަރު މާދަމާ ރޭ 21:00 ގެ ނިޔަލަށް ހުޅުވާލެވިފައިވާ ކަމަށާ ކަދުރު ޕަކެޓް ދޫކުރެވޭނީ ފުރަތަމަ އެސްއެމްއެސް ފޮނުއްވާ ފަރާތްތަކަށް އިސްކަންދީގެން ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

އެސްއެމްއެސް ކުރާއިރު ފުރިހަމަ ނަމާއި އައިޑީ ނަންބަރު އަދި މިހާރު ދިރިއުޅޭ އެޑްރެސްގެ އިތުރުން އަވަށާއި މަގުގެ ނަން އަދި މޯބައިލް ނަންބަރު ޖަހަންޖެހޭނެ ކަމަށް ވަނީ ބުނެފައެވެ.

ސައުދީ ސަރުކާރުން ކޮންމެ އަހަރަކުވެސް ދިވެހި ރައްޔިތުންނަށް ބެހުމަށް 50 ޓަނުގެ ކަދުރު ހަދިޔާ ކުރެއެވެ.

މީގެ ކުރީ އަހަރުތަކުގައި ކަދުރު ބެހިގޮތަށް މި ސަރުކާރުގެ ވެރިން ވަރަށް ބޮޑަށް ފާޑުކިޔާފައިވާއިރު ކަދުރު ބެހުމުގައި ސަރުކާރުން އަމަލު ކުރަމުންދާ ގޮތަށް ގިނަ ބަޔަކު ދަނީ މި ސަރުކާރަށް ފާޑުކިޔަމުންނެވެ.