ކޮވިޑް-19އާ ދެކޮޅަށް މަސައްކަތްކުރުމަށް ދެމެހެއްޓެނިވި ޕޮލިސީއެއް ބޭނުންވާ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގައިވެސް އިގްތިސާދީ ހުރިހާ ހަރަކާތެއް ވަނީ ހުއްޓިފައެވެ. އަދި ރާއްޖޭގެ ބޯޑަރު ބަންދުކޮށް މާލެ ސިޓީ ވަނީ ލޮކްޑައުން ކޮށްފައެވެ.
އެކަމުގެ ސަބަބުން އެތައް ބައެއްގެ ވަޒީފާ ގެއްލި ދިރިއުޅުމުގެ ހަރަދުތައް ކުރެވޭނެ ގޮތެެއް ނެތި އާއިލާތަކަށް ވަނީ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފައެވެ.
ނާޒިމް ވިދާޅުވީ ރާއްޖެއާއި އިގްތިސާދު ލޮކްޑައުން ކޮށްގެން ތިބުމުގެ ސަބަބުން މީހުންގެ އާމްދަނީ ގެއްލި، ފަގީރުކަން އާންމުވެ އަދި އިޖްތިމާއީ ވަބާތައް ކުރިމަތިވެ އެކަމުގެ ސަބަބުން ކޮވިޑް-19 އަށް ވުރެ ގިނަައިން މީހުން ދުނިޔެ ދޫނުކުރާނެތޯ މިއީ ވިސްނާލަން ޖެހޭ ކަމެއް ކަމަށެވެ.
އަދި ބައްޔަށް ވެކްސިނެއް ލިބެންދެން ލޮންޑައުންގަައި ތިބޭނީތޯ ނުވަތަ ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅައިގެން ރާއްޖެއާއި އިގްތިސާދު ހުޅުވާލާނީ ނާޒިމް ވަނީ ސުވާލު ކުރައްވާފައެވެ.
"އުފައްދަން ޖެހޭ ސުވާލަކީ ބައްޔަށް ވެކްސިނެއް ލިބެންދެން ލޮކްޑައުންގައި ތިބޭނީތޯ (މަސްތަކެއް ނުވަތަ އަހަރުތަކެއް) ނުވަތަ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން އަދި ވަލްނަރަބަލް ގްރޫޕްތަކަށް ހާއްސަ އިސްކަމެެއްދީގެން ގައުމު އަދި އިގްތިސާދު ހުޅުވާލާނީތޯ؟" ނާޒިމް ސުވާލު ކުރައްވާފައިވެއެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 1،100 އިން މައްޗަށް އަރާފައެވެ. އެ ބަލީގައި ހަތަރު މީހަކު ވަނީ މަރުވެފައެވެ.
ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރީ މާޗް މަހުގެ 27 ވަނަ ދުވަހުއެވެ. އަދި މާލެ ސިޓީން ކޮވިޑްގެ ބަލިމީހަކު ފެނުމާއި ގުޅިގެން އޭޕްރީލް މަހުގެ 15 ދުވަހުން ފެށިގެން މާލެ ސިޓީވަނީ ލޮކްޑައުން ކޮށްފައެވެ. އެ މުއްދަތު މިމަހުގެ 28 އަށް ހަމަވާނެ އެވެ.
އޭގެ ފަހުން ލޮކްޑައުންގެ މުއްދަތު އިތުރު ނުކުރާނެ ކަމުގެ އިޝާރާތެއް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވަނީ ދެއްވާފައެވެ. އަދި ބޯޑަރު ހުޅުވާލާ ރާއްޖޭގެ ފަތުުރުވެރިކަން ފެށުމަށް ގިނަ ތައްޔާރީތަކެއް ދަނީ ވަމުންނެވެ. ނަމަވެސް އަދިވެސް އެކަމަށް ދުވަސްތަކެއް ހޭދަވާނެ ކަމަށް ބެލެވެއެވެ.