ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ސިންގަޕޫރުގައި ވީޑިއޯ ކޯލް މެދުވެރިކޮށް މަރުގެ ހުކުމެއް އިއްވައިފި

May 21, 2020

މަސްތުވާތަކެތީގެ މައްސަލައެއްގައި ސިންގަޕޫރުގެ ކޯޓަކުން މެލޭޝިއާގެ ރައްޔިތަކަށް ވީޑިއޯ ކޯލް މެދުވެރިކޮށް މަރުގެ ހުކުމް އިއްވައިފި އެވެ.

މުޅި އޭޝިއާ ސަރަހައްދުގައި ކޮވިޑް-19 އިގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ސިންގަޕޫރުގައި، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ޝަރީއަތްތައް ވެސް ކުރިއަށް ގެންދަނީ ވީޑިއޯ ކޯލް މެދުވެރިކޮށެވެ. ނަމަވެސް، މިއީ އެ ގައުމުގެ ތާރީހުގައި، ވީޑިއޯ ކޯލް މެދުވެރިކޮށް މަރުގެ ހުކުމެއް އިއްވި ފުރަތަމަ ފަހަރެވެ.

ހެރޮއިން ވިޔަފާރި ކުރުމުގެ ދައުވާ އުފުލާފައިވާ 37 އަހަރުގެ މެލޭޝިއާ ރައްޔިތެއް ކަމަށްވާ ޕުނިތަން ގެނަސަން ނަމަކަށް ކިޔާ މީހާ މަރަށް ހުކުމް ކޮށްފައި ވަނީ 2011 އިގެ މައްސަލައަކާ ގުޅިގެންނެވެ.

ވީޑިއޯ ކޯލް މެދުވެރިކޮށް މަރުގެ ހުކުމެއް އިއްވުމާ ގުޅިގެން ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން ދިޔަ ނަމަވެސް، ގެނަސަންގެ ވަކީލު ވިދާޅުވީ، ވީޑިއޯ ކޯލް މެދުވެރިކޮށް އިއްވީ ހަމައެކަނި ހުކުމް ކަމަށާއި، ޝަރީއަތުގެ އިތުރު އެއްވެސް މަރުހަލާއެއް ކުރިއަށް ގެންގޮސްފައި ނުވާ ކަމަށެވެ. ނަމަވެސް، އެ ހުކުމް އިސްތިއުނާފު ކުރާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ވަރަށް ހަރުކަށި ސިޔާސަތެއް ގެންގުޅޭ ސިންގަޕޫރުގައި ފާއިތުވި 10 ވަރަކަށް އަހަރުގެ ތެރޭގައި، މަރުގެ ހުކުމް އިއްވާފައިވާ އެތަކެއް ސަތޭކަ މީހުން ދަންޖައްސާފައިވާ ކަމަށް އެމްނެސްޓީ އިންޓަނޭޝަނަލުން ވަނީ ބުނެފަ އެވެ.