ނ. މަނަދޫއިން ކޮވިޑް-19 އަށް ޕޮޒިޓިވްވީ އުމުރުން ދުވަސްވީ މީހާ މަރުވެއްޖެ އެވެ. އެމީހާ މިއަދު މަރުވި އިރު ކޮވިޑް-19 ޖެހުމަށް ފަހު އޭނާ ވަނީ ބަލިން ރަނގަޅުވެފަ އެވެ.
ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި 80 އަހަރުގެ އަންހެން މީހާ މަރުވީ ޝޮކެއް ޖެހިގެން އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ. އޭނާ މަރުވި އިރު އޭނާގެ އާއިލާގެ އެންމެން ވެސް މި ވަގުތު ތިބީ ކަރަންޓީނުގަ އެވެ.
އަންހެންް މީހާ ކޮވިޑަށް ޕޮޒިޓިވްކަން އެނގުނީ އޭނާގެ ބަނޑުގައި ރިއްސާތީ ރަށުން އައިޖީއެމްއެޗަށް ގެނެސް ޓެސްޓް ކުރުމުންނެވެ. އޭނާއާ ކޮންޓެކްޓްވި ގިނަ ބަޔަކު މަނަދޫއިން ޓެސްޓްކުރި އެވެ. އޭގެ ތެރެއިން ނުވަ މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައި ވެއެވެ.
ގެއިން ބޭރަށް ނުކުމެ ނޫޅޭ، އަންހެން މީހާއަށް ކޮވިޑް ޖެހުނު ގޮތެއް އަދިވެސް ސާފުވެފައެއް ނުވެއެވެ. އަދި މަނަދޫއަށް ކޮވިޑް ދިޔަ ގޮތެއް ވެސް މިހާތަނަށް ހޯދިފައެއް ނުވެ އެވެ.
މާލެ ފިޔަވައި އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދެ ރަށުގެ ތެރޭގައި މަނަދޫ ހިމެނެ އެވެ. ދެން ކޮމިއުނިޓީ ސްޕްރެޑެއް އޮތީ ށ. ނަރުދޫގަ އެވެ.
ރާއްޖެއިން ކޮވިޑް ޖެހިގެން ހަތަރު މީހަކު ވަނީ މަރުވެފަ އެވެ. އެއީ ތިން ދިވެހިންނާއި ބިދޭސީއެކެވެ. ތިން ދިވެހިންނަކީ ވެސް ދުވަސްވީ މީހުނެވެ.