ފުރަތަމަ ފަހަރަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކެބިނެޓް ބައްދަލުވުމެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ބާއްވައިފި އެވެ.
ކޮވިޑް-19 އާ ގުޅިގެން ސަރުކާރު ބަންދުކޮށް މާލެ ލޮކްޑައުންކުރި ފަހުން ގިނަ ކަންކަން ކުރިއަށް ދަނީ އޮންލައިންކޮށެވެ. ގައިދުރުކުރުން މުހިންމުވެފައިވާ މި ދަނޑިވަޅުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުރިހާ ބައްދަލުވުންތަކެއް ވެސް ކުރިއަށް ގެންދަވަނީ އޮންލައިންކޮށެވެ.
އެގޮތުން ކޮންމެ ރެއަކު ވެސް ރައީސް ސޯލިހު، އޮންލައިންކޮށް ގައުމީ ޓާސްކު ފޯސްއާއެކު ބައްދަލުވުން ބާއްވަވައި ކޮވިޑް-19 އާ ގުޅޭ އެންމެ ފަހުގެ ތަފްސީލްތައް ހޯއްދަވަ އެވެ.
މިއަދު، އޮންލައިންކޮށް ފުރަތަމަ ފަހަރަށް ރައީސް ސޯލިހު ކެބިނެޓް ބައްދަލުވުން ބާއްވާފައިވާއިރު މި ބައްދަލުވުމުގައި އޮންލައިންކޮށް ހުރިހާ މިނިސްޓަރުންނާއި ނައިބު ރައީސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
އޮންލައިންކޮށް ކުރިއަށް ދިޔަ ކެބިނެޓް ބައްދަލުވުމުގައި މަޝްވަރާ ކުރައްވާފައިވަނީ ކޮވިޑް-19 އާ ގުޅޭ ގޮތުން އަޅާފައިވާ ފިޔަވަޅުތަކާ ގުޅޭ ގޮތުންނެވެ.
ވީޑިއޯ ކޮންފަރެންސްކޮށް ކެބިނެޓް ބައްދަލުވުން ބާއްވާފައިވާއިރު މިހާރު ރައްޔިތުންގެ މަޖިލިސް ވެސް ކުރިއަށް ގެންދަނީ އޮންލައިންކޮށެވެ. ކޮމިޓީ ބައްދަލުވުންތައް ވެސް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ. ހަމައެހެން، ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތްތައް ފެށުމަށް ސުޕްރީމް ކޯޓުން ވެސް ވަނީ ތައްޔާރުވެފަ އެވެ.