ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވި މީހުންގެ އަދަދު 100 އިން މައްޗަށް އަރައިފި އެވެ.
މިރޭ އެންއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެ ސެންޓަރުގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 104 މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށެވެ.
މިއަދުގެ ނިޔަލަށް 1216 މީހަކަށް ވަނީ ކޮވިޑް ޖެހިފައެވެ. އަދި މިވަގުތު 1106 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. މިއަދު އެކަނިވެސް 21 މީހަކަށް ބަލި ޖެހިފައިވާއިރު ކޮވިޑްގައި މިހާތަނަށް ހަތަރު މީހަކު ވަނީ މަރުވެފައެވެ.
މީގެ އިތުރުން ކޮވިޑް ޖެހުމަށްފަހު ރަނގަޅުވީ ދުވަސްވީ އަންހެން މިއަދު ވަނީ މަރުވެފައެވެ. އެއީ މަނަދޫއިން ފުރަތަމަ ކޮވިޑް ޖެހުނު މީހާއެވެ. އެމީހާ އެ ބަލިން ރަނގަޅު ވެފައިވާކަމަށް ހެލްތް މިނިސްޓްރީން ހާމަކުރީ މިދިޔަ ހަފްތާގެ ތެރޭގައެވެ. ނަމަވެސް މިއަދު އޭނާގެ ހާލު ސީރިއަސްވެ ފަރުވާ ދެމުންދަނިކޮށް ވަނީ މަރުވެފައެވެ. ދުވަސްވީ އެ އަންހެން މީހާއަކީ އެހެން ބައްޔަކަށް ފަރުވާ ހޯދަމުންދިޔަ މީހަކެވެ.
މިވަގުތު ކަރަންޓީންގައި 1556 މީހަކު އެބަ ތިއްބެވެ. އަދި އައިސޮލޭޝަންގައި 1038 މީހަކު އެބަތިއްބެވެ.