އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް އުފަން ދުވަހުގެ ތަހުނިޔާ ވިދާޅުވެ ބައެއް އިދިކޮޅު މެންބަރުން ކުރައްވާފައިވާ ޓްވީޓްތަކެއް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރީޓްވީޓް ކުރައްވައިފި އެވެ.
ރައީސް ނަޝީދު ޓްވީޓް ކުރައްވާފައިވަނީ ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މިހާރު މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ކުރައްވާފައިވާ ޓްވީޓަކާއި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ކުރައްވާފައިވާ ޓްވީޓެކެވެ.
ދެ ޓްވީޓްގައި ވެސް ރައީސް ޔާމީންގެ ސިޔާސަތުތަކަށް ތައުރީފް ކުރައްވާފައިވެ އެވެ. މި ދެ ޓްވީޓް ރައީސް ނަޝީދު ރީޓްވީޓް ކުރައްވާފައިވަނީ ކީއްވެ ކަމެއް ސާފެއް ނުވެ އެވެ.
ރައީސް ނަޝީދާއި ރައީސް ޔާމީނަކީ މިހާރު ސިޔާސީ މައިދާނުގައި ތިއްބެވި އެންމެ ވާދަވެރި ދެ ބޭފުޅުންނެވެ. ދެ ބޭފުޅުން އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ރައްދު ދެއްވައި ހައްދަވަ އެވެ.
ރައީސް ޔާމީން، ވެރިކަމަށް ވަޑައިގެންނެވީ، ރައީސް ނަޝީދު އިންތިހާބުގައި ބަލި ކުރައްވާފަ އެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގައި ރައީސް ނަޝީދަށް ވަނީ 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. ރައީސް ޔާމީންގެ ވެރިކަން ނިންމާފައިވަނީ ރައީސް ނަޝީދު އިސްވެ ހުންނަވައިގެން އުފެއްދެވި ކޯލިޝަނަކުންނެވެ. އަދި، ރައީސް ޔާމީނަށް މި ސަރުކާރުގައި ވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ.
ރައީސް ޔާމީންގެ އުފަން ދުވަހާ ގުޅިގެން އެމަނިކުފާނުގެ ސަޕޯޓަރުން ވަނީ ތަހުނިޔާގެ ގިނަ ޓްވީޓްތަކެއް ކޮށްފަ އެވެ. މި މަހުގެ 17 ވަނަ ދުވަހު ރައީސް ނަޝީދު ވެސް ވަނީ އެމަނިކުފާނުގެ އުފަން ދުވަސް ފާހަގަ ކުރައްވާފަ އެވެ. އެ ދުވަހު، އެމަނިކުފާނުގެ ގިނަ ސަޕޯޓަރުންތަކެއް ވެސް ވަނީ ތަހުނިޔާގެ މެސެޖްތައް ފޮނުވާފަ އެވެ.