ނައިޖީރިޔާގެ މަންމައަކަށް ލިބުނު އެއްމާބަނޑު ދެބެންގެ ކުލަ އެހާ ތަފާތު ވެދާނެ ކަމަކަށް އޭނާ އެއްގޮތަކަށް ވެސް ޚިޔާލަށް ވެސް ގެނެވިފައެއް ނެތެވެ. ނަމަވެސް ވިހެއުމާއެކު ކުދިންގެ ގައިގެ ހަމުގެ ކުލަ ހުރި ގޮތް ފެނިފައި އެ މަންމައަށް ވެސް ލިބުނީ ވަރަށް ބޮޑު ހައިރާން ކަމެކެވެ.
ސްޓޭސީ އާއި ބާބަޖިޑޭ އަކީ ލާގޯސްގައި ރަށްވެހިންނެވެ. ސްޓޭސީ، 31، ވިހޭ އެއްމާބަނޑު ދެބެންގެ ތެރެއިން އެ ކުއްޖެއްގެ ކުލަ މުޅިން ކަޅުއިރު އަނެއްކުއްޖާގެ ހުރީ ހުދު ދޮނެވެ.
ނައިޖީރިޔާގެ ނޫހަކުން ބުނެފައިވާ ގޮތުގައި ޑެނިއަލް އާއި ޑޭވިޑްގެ ނަން ދީފައިވާ މި ދެބެން އުފަންވެފައި ވަނީ މަދު މިނިޓްކޮޅެއްގެ ތަފާތުންނެވެ. ނަމަވެސް މި ކުދިންގެ ވައްތަރު އުޑާ ބިމާހާ ތަފާތެވެ. ޑެނިއަލްގެ ހަމުގެ ކުލަ ކަޅެވެ. އަދި އަދި ބޮލުގެ އިސްތަށިގަނޑު ކަޅެވެ. ޑޭވިޑް އުފަންވީ އަލްބީނޯއެއް ގޮތަށެވެ. އެހެންވެ އޭނާގެ ހަންގަނޑު ދޮންވެފައި އިސްތަށީތައް ވެސް ހުރީ ރަންކުލައިގަ އެވެ.
އެހެންވެ އެކުދިންގެ މަންމަ އެ ކުދިންގެ ނަމުގައި އިންސްޓަގްރާމް އެކައުންޓެއް ހަދައި ކުދިންގެ ފޮޓޯތައް މިހާރު ސޯޝަލް މީޑިއާގައި ޝެއާކުރަން ވަނީ ފަށާފަ އެވެ. މިކުދިންގެ ޔުނީކް ކަމުން މިހާތަނަށް 18000 އަށް ވުރެ ގިނަ މީހުން މި އެކައުންޓް ފޮލޯކުރެ އެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ 26 ވަނަ ދުވަހު އުފަންވީ މި ދެ ކުދިން މިހާރު ފުރަތަމަ އުފަންދުވަސް ވަނީ ފާހަގަ ކޮށްފަ އެވެ.
ސްޓޭސީ ބުނި ގޮތުގައި ބަނޑުބޮޑުއިރު ކުލަ މުޅީން ދެ ވައްތަރު ދެ ކުދިން ލިބިދާނެ ކަމަކަށް އެއްގޮތަކަށް ވެސް ހިއެއް ނުކުރެ އެވެ. އަދި ސްކޭނަކުން ވެސް އެފަދަ ގޮތަކަށް ހުރެދާނެ ކަމަކަށް ނުދައްކަ އެވެ. އެހެންވެ ދަރިން އުފަންވުމުން ފުރަތަމަ ފެނުނު ފަހަރު ވަރަށް ބޮޑަށް ހައިރާންވި އެވެ.
"ސިޒޭރިއަން ހަދައިގެން ދެބެން ނެގީ. އެހެންވެ އޮޕަރޭޝަންކުރި ޑޮކްޓަރުން ފަހުން ބުނި އެހެންޏާ އަބަދުވެސް މީހުންނަށް ލިބެނީ އައިޑެންޓިކަލް ޓުވިންސް އޭ މިފަހަރު ތި ލިބުނީ މުޅިން އިދިކޮޅަށޭ،" ސްޓޭސީ ބުންޏެވެ.
އަލްބިނިޒަމް އަކީ ޖެނެޓިކް ގޮތުން ވާރުތާ ހާލަތެކެވެ. މިކަން ދިމާވަނީ މެލަނިން މަދުވެގެންނެވެ. މެލަނިން އަކީ ހަމާއި އިސްތަށި އުފައްދާދޭ ޕިގްމަންޓެވެ. ދުނިޔޭގެ ހުރިހާ ކަންކޮޅުތަކުގައި އުޅޭ އެކި ނަސްލުތަކުގެ އެތުނިކް އަދި ރޭޝަލް ގްރޫޕްތަކަށް މިކަން ދިމާވެ އެވެ. ނަމަވެސް މިގޮތަށް ދެ ކުލައިގެ އެއްމާބަނޑު ދެބެން ލިބުނީ ވަރަށް މަދުން ނޫނީ ދިމާނުވާ ކަމެކެވެ.
އަލްބީނޯޒް އަށް ދިރިއުޅެން ޖެހެނީ ވަރަށް ރައްކާތެރިކަމާއެކުގަ އެވެ. ސަބަބަކީ އެމީހުންގެ ހަމަށާއި ލޮލުގެ ފެނުމަށް ވަރަށް ގިނަ މައްސަލަތައް އަބަދާ އަބަދު ދިމާވާތީ އެވެ.