އެންމެންގެ ދިރިއުޅުން ހުއްޓުމަކަށް އައިސްފައިވާ ގޮތަށް ފިލްމު އިންޑަސްޓްރީތައް ވެސް މިހާރު އޮތީ ހުއްޓިފަ އެވެ. އަދި ލޮކްޑައުން އަށް ފަހު އެހެން ވިޔަފާރިތައް މަޑުމަޑުން ފަށައިގަނެވުނަސް އެންމެ ލަހުން ފެށޭނެ އިންޑަސްޓްރީ އަކީ ވެސް ފިލްމު އިންޑަސްޓްރީ އެވެ. އަދި މިހާރު ނިމިފައި ހުރި ފިލްމުތައް ސިނަމާތަކުގައި ރިލީޒްކުރަން ވެސް އަދި ވަރަށް ވަގުތު ނަގާނެ އެވެ. އެހެންކަމުން ފިލްމު އިންޑަސްޓްރީއަށް ލިބޭ ގެއްލުން ކުޑަކުރުމަށް ބޮލީވުޑްގެ ބައެއް ފިލްމީ ތަރިން މިހާރު ވަނީ އިސް ނަގާފަ އެވެ. އެގޮތުން ދާދިފަހުން ކާރްތިކް އާރްޔަން ދީފައިވާ އިންޓަވިއު އެއްގައި ބުނެފައިވަނީ އިންޑަސްޓްރީއަށް އެހީ ވުމުގެ ގޮތުން އޭނާ ފިލްމު ކުޅެދޭ އަގު ކުޑަކުރަން ތައްޔާރު ކަމަށެވެ.
ޕްރޮޑިއުސަރުންނަށް އިންތިހާއަށް ގެއްލުންވަމުންދާ މި ދަނޑިވަޅުގައި އޭނާއަށް ވެވުނު އެހީއަށް ފޯރުކޮށްދޭނެ ކަމަށް ވެސް ކާރްތިކް ބުންޏެވެ.
ކާރްތިކް އަކީ މިގޮތަށް ފީ ކުޑަ ކުރަން ތައްޔާރުކަމަށް އިއުލާން ކުރި ފުރަތަމަ އެކްޓަރު ކަން ވެސް ފާހަގަ ކޮށްލަން ޖެހެ އެވެ.
ފިލްމީ ތަޖުރިބާކާރުން ބުނާ ގޮތުގައި ބިލިއަން ޑޮލަރުގެ ބޮޑު ގެއްލުމެއް ފިލްމު އިންޑަސްޓްރީތަކަށް މިފަހަރު ލިބޭނެ އެވެ. ނަމަވެސް ކާރްތިކް ޖޯކެއް ޖަހާލަމުން ބުނީ ބިލިއަން ޑޮލަރުގައި އިންނަނީ ކިތައް ސުން ކަން ވެސް އޭނާއަށް ނޭނގޭ ކަމަށެވެ. އެހެން ނަމަވެސް ބޮޑު ގެއްލުމެއް ލިބޭނެކަން އެނގޭތީ އެހީވާން އިސް ނެގީ ކަމަށެވެ.
ކޮންމެ ފިލްމީ ތަރިއަކާ އެކު ވެސް އެތައް ބަޔަކު އޭނާގެ އެހީތެރިންގެ ގޮތުގައި މަސައްކަތް ކުރެ އެވެ. ސްޕޮޓް ބޯއީންނާއި މޭކްއަޕް އާޓިސްޓުން އަދި ހެއާ ސްޓައިލިސްޓުންނާއި އެނޫންވެސް ކަންކަމުގައި 10 ވަރަކަށް މީހުން ކޮންމެ ފިލްމީ ތަރިއެއްގެ ވަޒީފާގައި އުޅެ އެވެ.
މި އިންޓަވިއުގައި ކާރްތިކް އާ ނޫސްވެރިޔާ ކުރި އަނެއް ސުވާލަކީ އޭނާގެ ވަޒީފާގައި އުޅޭ މީހުން މަދުކުރަން ގަސްތުކުރަންތޯ އެވެ؟ ޖަވާބުގައި ކާރްތިކް ބުނީ އޭނާގެ ވަޒީފާގައި އުޅޭ އެއްވެސް މީހަކު ވަކި ކުރަން ގަސްތު ނުކުރާ ކަމަށެވެ. އަދި މި މީހުންނަށް ލިބޭ އާމްދަނީ ނުހުއްޓޭނެ ފަދަ ކޮންމެވެސް ހައްލުތަކެއް ހޯދެން ޖެހޭނެ ކަމަށް ގަބޫލުކުރާ ކަމަށް ވެސް އޭނާ ބުންޏެވެ. އަދި ޕްރޮޑިއުސަރުން ވެސް މި ވަބާގެ ސަބަބުން ލިބޭ ގެއްލުމުން ސަލާމަތް ކުރެވޭނެ ކޮންމެވެސް ގޮތްތަކެއް ހޯދަން ޖެހިފައިވާ ކަމަށް އޭނާ ބުންޏެވެ.
ކާރްތިކް ބުނީ ފީތައް ކުޑަކޮށްގެން އިންޑަސްޓްރީއަށް އެހީވުމަކީ ހުރިހާ އެންމެން ވެސް އޯކޭ ވާން ޖެހޭނެ ކަމެއް ކަމަށް ދެކޭ ކަމަށެވެ.
"އަހަރެމެން މީ އެއް އާއިލާއެއް ގޮތަށް މަސައްކަތް ކުރާ ބައެއް. ވީމާ އަހަރެމެން އެންމެން ގުޅިގެން މިކަމުން ސަލާމަތްވާނެ ގޮތްތަކެއް ހޯދަން ޖެހޭނީ. އެއީ އެހާ ބޮޑުކަމެއް ނޫން. އެންމެން ވެގެން މިކަން ކުރަންވީ،" ކާރްތިކް ބުންޏެވެ.