ބޮލީވުޑް

ކަރަން އާއި ކާރްތިކްގެ ޖެހުނީ ފިލްމު ކުޅެދޭ އަގުގެ މައްސަލައެއް

ކަރަން ޖޯހަރްގެ "ދޯސްތާނާ 2" އިން ކާރްތިކް އާރްޔަން ވަކި ކުރި ޚަބަރާއެކު މިކަން މެދުވެރިވާން ޖެހުނު ސަބަބު ވެސް އެކި ނޫސް މަޖައްލާ ތަކުން އެކި ގޮތްގޮތަށް ރިޕޯޓު ކޮށްފައި ވެއެވެ. އެހެންވެ ހަގީގަތުގައި ކާރްތިކް ދެކެ ކަރަން އެހާ ބޮޑަށް ރުޅި އަންނަން މެދުވެރިވީ ސަބަބު އޮތީ އޮޅުން ނުފިލާފަ އެވެ.

އިންޑިޔާގެ ނޫހެއްގައި އިއްޔެ ޝާއިއުކޮށްފައިވާ ރިޕޯޓެއްގައި މިކަން ހިނގާ ދިޔަ ގޮތް ވަރަށް ތަފްސީލުކޮށް ކިޔައިދީފައި ވެއެވެ.

އެ ނޫސް ބުނާ ގޮތުގައި ކަރަން އާއި ކާރްތިކްގެ މެދުގައި ޖެހުނީ ފައިސާގެ މައްސަލަ އެކެވެ. ކާރްތިކް "ދޯސްތާނާ 2" ކުޅެން ސޮއިކުރީ 2019 ގައެވެ. އޭރު އޭނާ ފިލްމު ކުޅެދޭ އަގު އުޅެނީ 2-3 ކްރޯޑުގަ އެވެ. ނަމަވެސް އޭގެ ފަހުން ފާއިތުވީ ދެ ތިން އަހަރު ތެރޭގައި ކާރްތިކްގެ އަގު ވަނީ 10 ކްރޯޑަށް އުފުލިފަ އެވެ. މިހާރު އޭނާ ލައްވާ 10 ކްރޯޑަށް ފިލްމު ކުޅުވާނެ މީހުން އެބަތިއްބެވެ.

އެހެންވެ ކާރްތިކް ބޭނުންވީ ކަރަންގެ ފިލްމު ކުންފުނި ދަރްމާ ޕްރޮޑަކްޝަނާ ވާހަކަ ދައްކައިގެން އޭނާ ކުރިން މި ފިލްމު ކުޅެދޭން ކިޔާފައިވާ އަގުގެ އިތުރުން އޭނާ މިހާރު ނަގާ އަގު ކަމަށްވާ 10 ކްރޯޑަށް ފީ ބޮޑުކުރާށެވެ.
މިގޮތަށް ކާރްތިކް ކުއްލިއަކަށް ފީ ބޮޑުކުރަން ޑިމާންޑް ކުރުމަކީ ވަރަށް އަންޕްރޮފެޝަނަލްކޮށް ކުރި ކަމެއްގެ ގޮތުގައި ކަރަން ގަބޫލު ކުރި އެވެ. ނަމަވެސް ކާރްތިކް އަށް މަދުވާ ފައިސާގެ ބަދަލުގައި "މިސް.ލޭލޭ" ކިޔާ ފިލްމެއް ދޭން ކަރަން ނިންމި އެވެ.

"މިސް.ލޭލޭ" ކުޅެން ލިބޭތީ ކާރްތިކް ވެސް އެގޮތާ ހިތްހަމަޖެހުނެވެ. ނަމަވެސް އެންމެ ފަހު ވަގުތު ފިލްމު އިއުލާން ކުރިއިރު ފިލްމުގެ ބަތަލަކަށް ނަގާފައިވަނީ ވިކީ ކޯޝަލް ކަން އެނގުމުން ކަރަންގެ ޕްރޮޑަކްޝަން ހައުސް ދެކެ ކާރްތިކް ހުރީ ހިތްހަމަނުޖެހިފަ އެވެ.

އޭގެ ފަހުން ދަރްމާއިން އިއުލާންކުރީ "ޔޯގާ" ކިޔާ ފިލްމެކެވެ. ޝަޝާންކް ޚައިތާން ޑައިރެކްޓްކުރާ މި ފިލްމުގެ ބަތަލަކަށް ނަގަން އެ ކުންފުނިން ވިސްނަނީ ޝާހިދު ކަޕޫރެވެ. ޝާޙިދު މި ފިލްމު ކުޅެދޭން އަދި އެއްބަސް ނުވިޔަސް އެއްގޮތަކަށް ވެސް މި ފިލްމު ވެސް ކާރްތިކް އަށް ދިނުމުގެ ވިސްނުމެއް ކަރަންގެ ފިލްމު ކުންފުނީގައި ނެތެވެ.

ފަހުން އަނެއްކާވެސް ކާރްތިކް ހިތްހަމަޖައްސައިދޭން ވެސް ކަރަން އޭނާއަށް ކްރިކެޓާ ގުޅޭ ފިލްމެއް ހުށަހެޅި އެވެ. ސަރަން ޝަރުމާ ޑައިރެކްޓްކުރާ މި ފިލްމު އޭނާއަށް ލިބުނުކަން ޔަގީން ކުރަން ކާރްތިކް ބޭނުންވި އެވެ. އަދި ކޮންޓްރެކްޓް ކޮބައިތޯ ސުވާލު ކުރި އެވެ.

ކަން މިހެން އޮތްއިރު "ދޯސްތާނާ 2"ގެ ޝޫޓިންގަށް ކާރްތިކް ވަގުތު ނުދީ ތާރީޚުތައް ފަހަތަށް ޖައްސަމުން ދިޔަ އެވެ. ކޯވިޑް-19 ޕެންޑެމިކް އާ ހެދި ކަމަށް ބުނެ އެވެ. ނަމަވެސް އެ ފިލްމަށް ފުރުސަތު ނުދީ "ދަމާކާ"ކިޔާ ފިލްމެއްގައި ސޮއިކޮށް އެ ފިލްމުގެ ޝޫޓިންގް ކާރްތިކް ވަނީ ފުރިހަމަ ކޮށްފަ އެވެ. ކާރްތިކް ދެކެ ކަރަން އެންމެ ރުޅިގަދަވީ މި ސަބަބާ ހުރެ އެވެ.

"ކޯވިޑް ޕެންޑެމިކް އާ ހެދި ކަމަށް ބުނެ ބަހަނާ ދައްކާފައި ކާރްތިކް 'ދޯސްތާނާ 2' ޝޫޓްކުރަން އެއްވެސް ތާރީޚެއް ނުދީ ހުރެފައި އެހެން ފިލްމެއްގައި ސޮއިކޮށް އެ ފިލްމު ކުޅެ ނިންމާލީ. އެކަމާ ގުޅިގެން ކަރަން ވަނީ ކާރްތިކް އާއެކު ބައްދަލުވުމެއް ބާއްވައި އޭނާގެ ހުރި ހިތްހަމަނުޖެހުންތައް ހާމަކޮށްފައި،" ފިލްމާ ގުޅޭ މައުލޫމާތު އެނގޭ މީހަކު ބުނެފައި ވެއެވެ.

"ދޯސްތާނާ 2"ގެ ޝޫޓިން އަލުން ފަށާނީ ސަރަން ޝަރުމާގެ އާ ފިލްމުގެ ކޮންޓްރެކްޓްގައި ސޮއި ކުރެވުނީމަ ކަމަށް ކާރްތިކް އެ ދުވަހު ކަރަން ކައިރީ ބުނި ކަމަށް ވެއެވެ. ކަރަން ގަބޫލުކުރީ މިއީ ކާރްތިކް އޭނާއަށް އިތުބާރު ނުކުރާތީ ކުރި ޑިމާންޑެއްގެ ގޮތުގަ އެވެ. އަދި ސަރަން ޝަރުމާގެ ފިލްމުގެ ސްކްރިޕްޓާއި ސްކްރީންޕްލޭ ވެސް ލިޔެ ނުނިމޭތީ މިހާ ޅަފަތުގައި އޮތް ފިލްމެއްގެ ކޮންޓްރެކްޓެއް މިހާ އަވަހަށް ނުހެދޭނެ ކަމަށް ކަރަން ގަބޫލު ކުރި އެވެ.

ކަން މިހެން އޮއްވާ ޖާންވީ ކަޕޫރާއި ވިކީ ކޯޝަލް އާއެކު "މިސްޓަ ލޭލޭ"ގެ ޝޫޓިން މި ހިނގާ އެޕްރީލް މަސް ތެރޭގައި ދަރްމާ ޕްރޮޑަކްޝަނުން ފެށި އެވެ. މި ފިލްމުގެ މަސައްކަތް ފެށުމާއެކު ކާރްތިކް "ދޯސްތާނާ 2"އަށް އޭޕްރީލް މަހުން ފެށިގެން ތާރީޚު ދެވިދާނެކަން އެންގި އެވެ. މިކަމާ ކަރަން ވަކިން ބޮޑަށް ހިތްހަމަނުޖެހުނެވެ. ސަބަބަކީ "ދޯސްތާނާ 2"ގެ ބަތަލާ އަކީ ވެސް ޖާންވީކަމަށް ވާތީ އެއް ފަހަރާ ދެ ފިލްމުގެ މަސައްކަތް ޖާންވީ އަށް ކުރިޔަށް ނުގެންދެވޭނެކަން އެނގިހުރެ ކާރްތިކް މިހެން އެންގީމަ އެވެ.

އެހިސާބުން ކަރަން އާއި ކާރްތިކް ވާހަކަ ދެއްކުން ހުއްޓާލައި ދެ މީހުންގެ މެދުގައި ވަރުގަދަ ރުޅިވެރިކަމެއް އުފެދުނެވެ.

ކަރަން ގަބޫލުކުރާ ގޮތުގައި ކަޜްތިކް އަކީ ވަރަށް އަންޕްރޮފެޝަނަލް އެކްޓަރެކެވެ. އަނެއްކޮޅުން ކާރްތިކް ގަބޫލުކުރާ ގޮތުގައި އޭނާ ލައްވާ އޭނާގެ އަސްލު އަގަށް ވުރެ މާ ކުޑަ އަގެއްގައި ފިލްމު ކުޅުވަން ކަރަން އުޅެނީ އެވެ. އަދި އިތުރު ފިލްމެއް ދޭނަމޭ ކިޔާފައި ވެސް އެ ފިލްމު ލިބޭނެކަމުގެ ޔަގީންކަމެއް ކަރަން އޭނާއަކަށް ނުދިނެވެ.

ޖާންވީ އާއި ކާރްތިކްގެ ހަގީގީ ލޯބީގެ ގުޅުމުގައި ވެސް ހަމަ މި ދުވަސްވަރު މައްސަލަތައް ޖެހި މި ދެ އެކްޓަރުންނަށް އެކުގައި މަސައްކަތް ނުކުރެވޭ ވަރަށް މި މައްސަލަ ވެސް ގޯސްވި އެވެ. އެހެންވެ ކިތަންމެ ބޮޑު ގެއްލުމެއް ބޮލުގައި އަޅަން ޖެހުނަސް ކާރްތިކް "ދޯސްތާނާ 2"އިން ވަކިކުރަން ކަރަން ނިންމީ އެވެ.

ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި "ދޯސްތާނާ 2"ގެ ބަތަލަކަށް އަލަށް ހަމަޖައްސަން ކަރަން ވިސްނަނީ އަކްޝޭ ކުމާރު ނުވަތަ ވަރުން ދަވަން އެވެ.