ދުނިޔެ

ގާތިލުންނަށް ޚާޝުގްޖީގެ އާއިލާއިން މާފުކޮށްފި

May 23, 2020

ސައުދީއަރަބިއްޔާގެ ރަސްކަމުގެ ނިޒާމަށާއި ޝާހީ އާއިލާއަށް ފާޑު ކިޔައި ލިޔަމުން ދިޔަ ވޮޝިޓަންޕޯސްޓުގެ ނޫސްވެރިޔާ ޖަމާލް ޚާޝުގުޖީ މަރާލި މީހުންނަށް އާއިލާއިން މާފުކޮށްފައިވާ ކަމަށް އޭނާގެ ފިރިހެން ދަރިފުޅު ސަލާހު ޚާޝުގުޖީ ބުނެފި އެވެ.

ހާޝުގުޖީ މަރާލާފައި ވަނީ 2018 ވަނަ އަހަރު އޭނާ ރަށްޓެހި ވެގެން އުޅުނު ތުރުކީ މީހަކާ އިންނަން ވެގެން ތުރުކީގައި ހުންނަ ސައުދީގެ ކޮންސިއުލޭޓަށް ދިޔުމުން ކޮންސިއުލޭޓުގެ އެތެރޭގަ އެވެ. އޭރު ހާޝުގުޖީ މަރާލުމުގައި ބައިވެރިވި ޓީމު ވަނީ ކޮންސިއުލޭޓް އޮފީސްތެރޭގަ އެވެ. ހާޝުގުޖީ މަރާލުމަށް ފަހު އެޓީމުގެ މީހުން ވަނީ ތުރުކީ ދޫކޮށް ޕްރައިވެޓް ޖެޓެއްގައި ސައުދީއަށް ހަމަ އެދުވަހު ގޮސްފަ އެވެ.

ޚާޝުގުޖީ މަރާލި މައްސަލާގައި ސައުދީން ވަނީ ފަސް މީހަކަށް މަރުގެ ހުކުމް އިއްވައިފަ އެވެ.

ޚާޝުގުޖީގެ ފިރިހެން ދަރިފުޅު ޓްވިޓާ މެދުވެރިކޮށް ނެރުނު ބަޔާނެއްގައި ބުނީ ގާތިލުންނަށް އާއިލާއިން މާފު ކޮށްފައިވާ ކަމަށެވެ. ނަމަވެސް، ޚާޝުގުޖީގެ ގާތިލުންނަށް މައާފު ދިނުމުގެ ހައްގެއް އެއްވެސް މީހަކަށް ލިބިގެން ނުވާ ކަމަށް ޚާޝުގުޖީގެ ލޯބިވެރިޔާ ޚަދީޖާ ސެންގިޒް ވަނީ ބުނެފަ އެވެ.

މި މަރުގެ މައްސަލައިގައި ސައުދީގެ ކްރައުން ޕްރިންސް މުހައްމަދު ބިން ސަލްމާނަށް ވެސް ތުހުމަތު ކުރެވުނެވެ. ނަމަވެސް އޭނާއާ ދެކޮޅަށް ތަހުގީގެއް ނުހިންގަ އެވެ. ހާޝުގްޖީގެ މަރުގެ މައްސަލައާ ގުޅުން ނެތް ކަމަށް މުހައްމަދު ވިދާޅުވި ނަމަވެސް އދ. އާއި އެމެރިކާ ހިމެނޭ ގޮތަށް ގިނަ ގައުމުތަކުން ބުނެފައި ވަނީ ހާޝުގުޖީ މަރާލުމުގެ ޕްލޭނުގައި ފަހަތުގައި ހުރީ މުހައްމަދު ކަމަށެވެ.

ހާޝުގްޖީ މަރުގެ މައްސަލައިގައި މަރަން ހުކުމްކުރި މީހުނަކީ ޕްރިންސް މުހައްމަދު ގާތް ގުޅުމެއް ބާއްވަން އައި މީހުންނެވެ.