ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އިންތިހާބު ނުބޭއްވި ލަންކާ ދުސްތޫރީ ހުސްކަމެއްގެ ތެރެއަށް

May 23, 2020

ކޮލޮމްބޯ (މެއި 23) - ސްރީލަންކާގެ އާއްމު އިންތިހާބު ނުބޭއްވި ދިގު ލައިގެން ދާއިރު، ޕާލިމަންޓްގެ ޖަލްސާތައް ބާއްވަން ރައީސް ގޮތާބޭ ރާޖަޕަކްސަ ދެކޮޅު ހައްދަވަމުން ގެންދަވާ ކަމަށް ބުނެ ހުށަހެޅި ދުސްތޫރީ މައްސަލާގައި ހުކުމް އިއްވަން އެ ގައުމުގެ ސުޕްރީމް ކޯޓުން ތައްޔާރު ވެއްޖެ އެވެ.

މިދިއަ ހޯމަ ދުވަހު އަޑުއެހުންތައް ފެށިފައިވާއިރު، ދައުލަތުގެ ފަރާތުން އެ މައްސަލައާ ދެކޮޅަށް ވާހަކަ ދައްކަމުން ބުނެފައި ވަނީ، އުވާލާފައިވާ ޕާލިމަންޓެއްގެ މެންބަރުންނަށް ޖަލްސާއެއް ކުރިއަށް ނުގެން ދެވޭނެ ކަމަށެވެ.

ދުސްތޫރީ ހުސްކަމެއް ތެރެއަށް ލަންކާ މިސްރާބު ޖަހާފައި މިވަނީ، ގޮތާބޭ ރާޖަޕަކްސަ މާޗް ދެވަނަ ދުވަހު ޕާލިމަންޓު އުވާލައި، އާ އާއްމު އިންތިހާބެއް ބޭއްވުމަށް ނިންމެވުމާ ގުޅިގެންނެވެ. އެގޮތުން ފުރަތަމަ އޭޕްރީލް 25 ވަނަ ތާވަލުކުރި އިންތިހާބު ކޮވިޑް-19 އާ ގުޅިގެން އަންނަ މަހުގެ 20 ވަނަ ދުވަހަށް ފަސް ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.

ނަމަވެސް، ލަންކާގެ ގާނޫނު އަސާސީ ބުނާ ގޮތުން ޕާލަމަންޓެއް އުވާލާތާ ގިނަ ވެގެން ތިން މަސް ދުވަހުގެ ތެރޭގައި އާ އާއްމު އިންތިހާބެއް ބާއްވަން ޖެހޭނެ އެވެ. އިދިކޮޅުން އިސްވެ ދުސްތޫރީ މައްސަލަ ހުށަހަޅާފައި ވަނީ ގާނޫނު އާސާސީގައި ބުނާ މުއްދަތު އަންނަ މަހުގެ ދުވަހަށް ދެ ވަނަ ދުވަހަށް ހަމަވާނެތީ އެވެ.

ދައުލަތުގެ ވާހަކަތަކުގެ ރައްދުގައި، މައްސަލަ ހުށަހެޅި އިދިކޮޅުގެ ވަކީލުން ބުނާ ގޮތުގައި، އެމަޖެންސީ ހާލަތެއްގައި އުވާލާފައިވާ ޕާލިމަންޓަކަށް ވެސް ބައްދަލުވުންތައް ބާއްވައިގެން، ދައުލަތުގެ އެއް ބާރުގެ ދައުރު އަދާކުރަން ގާނޫނު އަސާސީން ޖާގަ ލިބޭ ކަމަށެވެ.

މާޗް ދެވަނަ ދުވަހުގެ ފެށިގެން، ގޮތާބޭ ރާޖަޕަކްސާ ގައުމު ހިންގަވަމުން ގެންދަވަނީ ޕާލިމަންޓު އުވާލާފައި ބާއްވައިގެން ކަމަށާއި، އެއީ ދައުލަތުގެ އެއް ބާރުން މުޅި ދައުލަތުގެ ހިންގުން ހިސޯރު ކުރުން ކަމަށް ލަންކާގެ ގާނޫނީ ބޭފުޅުން ދަނީ ވިދާޅުވެ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އަދި ކޮވިޑް-19 އިގެ ފަދަ ސިއްހީ ކާރިސާއެއްގެ ތެރެއިން ސަރުކާރުން ކުރަމުންދާ މަސައްކަތަށް ގާނޫނު ހަދާ މަޖިލީހު ފާރަވެރިވުމުގެ ބާރު ނިގުޅައިގެންފައިވާކަމަށް އެ ބޭފުޅުން ވަނީ ވިދާޅުވެފަ އެވެ.