ޝްރައްދާ ކަޕޫރު

"މަލަންގް" ނިމޭ މަންޒަރުގައި އިވެނީ ކާކުގެ އަޑެއް؟

އަދިތުޔާ ރޯއި ކަޕޫރާއި ދިޝާ ޕަޓްނީގެ "މަލަންގް" އަކީ މި އަހަރު ނުކުތް އެންމެ ކާމިޔާބު އެއް ފިލްމެވެ. "އާޝިގީ 2" އާއި "އޭކް ވިލަން" ފަދަ ރީތި ފިލްމުތައް އުފައްދާފައިވާ ކުޅަދާނަ ޑައިރެކްޓަރު މޯހިތު ސޫރީގެ "މަލަންގް" ގެ ދެ ވަނަ ބައެއް އުފައްދަން ގަސްތުކުރާ ކަމަށާއި ސްކްރިޕްޓް ލިޔުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ދާދިފަހުން މޯހިތު ދީފައިވާ އިންޓަވިއު އެއްގައި ބުނެފައި ވެއެވެ.

"މަލަންގް" ނިމިފައި ވަނީ ވަރަށް އާދަޔާޚިލާފު ގޮތަކަށެވެ. އެ ފިލްމުގެ އިތުރު ބައެއް އަދި އަންނާނެ ކަމުގެ އިޝާރާތްތަކަކާ އެކުގައި ވެސް މެއެވެ.

ފިލްމު ނިމޭއިރު އަނިލް ކަޕޫރަށް ފޯނެއް އާދެ އެވެ. އަނެއްކޮޅުން ވާހަކަ ދައްކަނީ އަންހެން ކުއްޖެކެވެ. އޭނާ އަނިލް ކައިރީ ބުނަނީ ގޮތް ނޭނގޭ މަރެއް ރިޕޯޓް ކުރަން ބޭނުންވާ ކަމަށެވެ. މިއީ އަދިތުޔާ ރޯއި ކަޕޫރުގެ ކެރެކްޓާ ވެސް ފިލްމުގައި ކުރާ ކަމެކެވެ. މިއީ ފިލްމުގެ ދެ ވަނަ ބައެއްގެ ބިންގާ އެޅުން ކަމަށް ބެލެވެ އެވެ.

ދެ ވަނަ އިއުލާން ނުކޮށް މޯހިތު މަޑުކޮށްގެން ހުރީ "މަލަންގް" އަށް ބޮކްސް އޮފީހުގައި ލިބޭ ނަތީޖާއެއް ބަލާށެވެ.
ނަސީބަކުން "މަލަންގް" އަށް ބޮޑު ކާމިޔާބެއް ލިބުމުން ދެވަނަ ބައި އުފެއްދުމުގެ މަސައްކަތް ކުރަން ޑައިރެކްޓަރަށް ވަނީ ފަސޭހަ ވެފަ އެވެ.

މި ފިލްމުގެ ޕްރޮޑިއުސަރު އަންކޫރް ގަރްގް ބުނި ގޮތުގައި އޭނާ އުންމީދުކުރި ވަރަށް ވުރެ ވެސް ބޮޑު ކާމިޔާބެއް "މަލަންގް" އަށް ވަނީ ލިބިފަ އެވެ. އަދި ނެޓްފްލިކްސްގައި ދާދިފަހުން މި ފިލްމް ސްޓްރީމް ކުރަން ފެށުމުން ދުނިޔޭގެ ހުރިހާ ގައުމަކުން ކަހަލަ ގޮތަކަށް ވަރަށް ބޮޑު ތަރުހީބެއް މި ފިލްމަށް ލިބެމުންދާކަން އޭނާ ފާހަގަކުރި އެވެ. ބައެއް ގައުމުތަކުގައި ނެޓްފްލިކްސް އިން އެންމެ ގިނަ ބަޔަކު މިހާރު ބަލާ ފިލްމުގެ މަގާމުގައި ވެސް މިވަގުތު އޮތީ "މަލަންގް" ކަން ޕްރޮޑިއުސަރު ފާހަގަ ކުރި އެވެ.

ޕްރޮޑިއުސަރު ބުނީ "މަލަންގް 2" ގެ މަސައްކަތް އެމީހުން ފަށާފައިވާ ކަމަށާއި މޯހިތު އާއި ލަވް އާ ދެ މީހުން ސްކްރިޕްޓް ލިޔުމުގެ މަސައްކަތް ކުރަމުންދާއިރު ވަރަށް އަވަހަށް އިތުރު ތަފްސީލުތައް އިއުލާން ކުރާނެ ކަމަށެވެ.

ފިލްމުގައި އަދިތުޔާ އާއެކު ލީޑް ރޯލު ކުޅޭނެ ބަތަލާއަކާ ބެހޭ ކުޑަ ހިންޓެއް ވެސް މޯހިތުގެ އިންޓަވިއުގައި ދިނެވެ.

"ފިލްމު ނިމޭ ހިސާބުގައި ވަރަށް ޝައުގުވެރިވާ މަންޒަރެއް ވާނެ. އެ މަންޒަރުގައި އަނިލް ކަޕޫޕޫރަށް އަންނަ ފޯނު ކޯލުން އިވެނީ ކާކުގެ އަޑެއްކަން ފާހަގަ ކުރެވުނުތަ؟ އެއީ އާ ފިލްމަށް މަގުފަހިކުރުމަށް ލާފައިވާ ޓުވިސްޓެއް،" މޯހިތު ބުންޏެވެ.
އެ ފޯނު ކޯލުގައި ވާހަކަ ދައްކަނީ ޝްރައްދާ ކަޕޫރުކަން ޝްރައްދާގެ ފިލްމުތައް ބަލާފައިވާ ކޮންމެ މީހަކަށް ވެސް ޔަގީން ކުރެވޭނެ އެވެ. ވީމާ "މަލަންގް 2" ގައި އަދިތުޔާ ރޯއި ކަޕޫރާއެކު ބަތަލާގެ ބައި ކުޅޭނީ ޝްރައްދާ ކަން ވަނީ ޔަގީން ވެފަ އެވެ.

ޝްރައްދާ އަކީ މޯހިތުގެ ގިނަ ފިލްމުތަކެއްގައި ބަތަލާގެ ބައި ކުޅެފައިވާ އޭނާގެ ވަރަށް ފޭވަރިޓް އެކްޓަރެކެވެ. "އާޝިގީ 2"، "އޭކް ވިލަން"، "ހާފް ގާލްފްރެންޑް" އަކީ ޝްރައްދާ ލައިގެން މޯހިތު އުފައްދާފައިވާ ފިލްމުތަކެވެ.

"މަލަންގް"ގައި ވެސް ޝްރައްދާ ބައިވެރި ކުރަން މޯހިތު ބޭނުންވި އެވެ. ނަމަވެސް އެ ދުވަސްކޮޅު ޝްރައްދާ މާ ބިޒީ ކަމުން މޯހިތު ބޭނުންވާ ތާރީޚުތައް ނުދެވުނީ އެވެ.