އެކޮންމިކް ރިލީފް ޕެކެޖް

ޕެކޭޖާ ހިލާފުވާނަމަ ފިޔަވަޅު އަޅާނެ: ފިނޭންސް

May 23, 2020
1
މިއަދު އެންއީއޯސީގައި ޕެންޝަން އޮފީހާއި ފިނޭންސް މިނިސްޓްރީ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން: ލޯނު އެއްބަސްވުމާ ހިލާފުވާނަމަ ފިޔަވަޅު އަޅާނެ ކަމަށް ބުނި -- ފޮޓޯ: އެންއީއޯސީ
0%
0%
0%

ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން އިއުލާނު ކޮށްފައިވާ އިކޮނޮމިކް ރިލީފް ޕެކޭޖުގެ ދަށުން ލޯނު ހޯދާ ފަރާތްތަކުން ލޯނު ލިބުމަށް ފަހު ޝަރުތުތަކާ ހިލާފުވެއްޖެ ނަމަ އެ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ސަރުކާރުން ވަނީ ރާއްޖޭގެ އިގްތިސޯދަށާއި ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތިން އަރައިގަތުމަށްޓަކައި ރިޒޯޓުތަކާއި އަމިއްލަ ވިޔަފާރިތަކަށް ލޯން ދޭން ނިންމައިފަ އެވެ. ނަމަވެސް، ލޯނު ދިނުމުގެ މައިގަނޑު ޝަރުތެއްގެ ގޮތުގައި، ކޮވިޑް-19 އާ ގުޅިގެން އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކި ނުކުރުމާއި މުސާރަ ކުޑަ ނުކުރުން ހިމަނާފައި ވެއެވެ.

މިއަދު އެންއީއޯސީގައި ޕެންޝަން އޮފީހާއި ފިނޭންސް މިނިސްޓްރީ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެ މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް އަހުމަދު ސަރުވާޝް އާދަމް ވިދާޅުވީ، ލޯނު ދޫކުރުމަށް ފަހު މުވައްޒަފުން ވަކި ކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ ޖާގަ ލޯނު އެއްބަސްވުމުގެ ތެރެއިން ލިބޭ ކަމަށެވެ.

ލޯނު ދޫކުރަނީ ބައި ބަޔަށް ބަހާލައިގެން ކަމަށް ވާއިރު، އެއްބަސްވުމާ ހިލާފުވެއްޖެނަމަ، ލޯނުގެ އަނެއް ބައި ހިފެހެއްޓުމާއި، ލޯނުގެ އިންޓަރެސްޓް ރޭޓު ބޮޑު ކުރުން ފަދަ ފިޔަވަޅުތައް އެޅުމުގެ ބާރު ވެސް ލޯނު އެއްބަސްވުމުގެ ތެރެއިން ލިބޭނެ ކަމަށް ސަރުވާޝް ވިދާޅުވި އެވެ.

"މިސާލަކަށް، ލޯނު މިއަދު ލިބުނީމާ މާދަމަ މުވައްޒަފުން ވަޒީފާއިން ވަކި ކުރާނަމަ، ލޯނުގެ އިންޓަރެސްޓް ރޭޓު މާކެޓް ރޭޓަށް ބަދަލު ކުރުމުގެ ބާރު އެއްބަސްވުމުގެ ތެރެއިން ލިބޭނެ،" ސަރުވާޝް ވިދާޅުވި އެވެ.

މުވައްޒަފުންގެ މުސާރަ ކަނޑެމާއި، ވަޒީފާއިން ވަކި ކުރުމުގެ ސަބަބުން، ސަރުކާރުގެ ޕެކޭޖުގެ ދަށުން ލޯނު ނުލިބޭ ކުންފުނިތަކަށް، އެފަދަ ނިންމުންތައް ބަދަލުކޮށް ލޯނަށް އެދުމުގެ އިތުރު ފުރުސަތެއް ދޭން ސަރުކާރުން ވަނީ މީގެ ކުރިން ނިންމައިފަ އެވެ.

އެ ޕެކޭޖްގެ ދަށުން ވިޔަފާރިތަކުގެ ވޯކިން ކެޕިޓަލް ރަނގަޅު ކުރުމަށް ޓަކައި، ތިން އަހަރުން ދައްކާ ގޮތަށް ހަ މަހުގެ ގްރޭސް ޕީރިޑިއަކާއެކު ހަ ޕަސެންޓްގެ އިންޓްރެސްޓްގައި ފައިސާ ދޫކުރާނެ އެވެ.

އެގޮތުން، އެސްއެމްއީ ޑިވަލޮޕްމަންޓް ބޭންކު މެދުވެރިކޮށް 190 އަށް ވުރެ ގިނަ ފަރާތަށް 17.5 މިލިއަން ރުފިޔާގެ ލޯނު ވަނީ މިހާތަނަށް ދޫކޮށްފަ އެވެ. އަދި ރިސޯޓުތަކަށާއި ބޮޑެތި ވިޔަފާރިތަކަށް ބީއެމްއެލް މެދުވެރިކޮށް 123 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ލޯނު ވަނީ ދީފަ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345