ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ޕެންޝަން އެކައުންޓުގައި ދިހަ ހާސް ހަމަނުވާ 20 ޕަސަންޓް މީހުން

May 23, 2020
3

ރިޓަޔާމަންޓްް ޕެންޝަން ސްކީމުގައި ބައިވެރިވެފައިވާ ފަރާތްތަކުގެ ތެރެއިން ގާތްގަނޑަކަށް 20 ޕަސަންޓް މީހުންގެ އަމިއްލަ ޕެންޝަން އެކައުންޓަށް އަދި ޖަމާވެފައިވަނީ 10،000 ރުފިޔާ އަށް ވުރެ މަދުން ކަމަށް ޕެންޝަން އޮފީހުން ބުނެފި އެވެ.

އެންއީއޯސީގައި މިއަދު ޕެންޝަން އޮފީހާއި ފިނޭންސް މިނިސްޓްރީ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕެންޝަން އޮފީހުގެ އެކްޓިންގް ސީއީއޯ ފާތިމަތު ޝުޖާތާ ހަލީމް ޕްރެޒެންޓޭޝަނެއް މެދުވެރިކޮށް ވިދާޅުވީ، ވަކި ވަކި ފަރުދުންގެ ޕެންޝަން އެކައުންޓުތަކަށް ބަލާއިރު، މިހާތަނަށް ޖަމަވެފައިވާ ޖުމްލަ އަދަދު ނިސްބަތުން މަދު ކަމަށެވެ.

އެގޮތުން، އެ ސްކީމްގެ ޖުމްލަ ބައިވެރިންގެ ގާތްގަނޑަކަށް 50 ޕަސަންޓު މީހުންގެ އަމިއްލަ ޕެންޝަން އެކައުންޓަށް އަދި ޖަމާވެފައިވަނީ 10،000 ރުފިޔާ އަށް ވުރެ މަދުން ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.

ކޮވިޑް-19 އާ ގުޅިގެން އާއްމު ފަރުދުންނަށް ދިމާވެފައިވާ މާލީ ދަތިކަމުން އަރައިގަތުމަށް ޕެންޝަން ފަންޑުގައި ހުރި ފައިސާއިން ބައެއް ދިނުމަށް ގިނަ ބައަކު ދަނީ ގޮވާލަމުންނެވެ.

އެކަމާ ގުޅިގެން ޝުޖާތާ ވިދާޅުވީ، ގާނޫނަކުން ލާޒިމުކޮށްގެން ޕެންޝަން ފަންޑަށް ޖަމާވާ ފައިސާ ވަނީ ދިގު މުއްދަތަކަށް އިންވެސްޓުކޮށްފައި ކަމަށެވެ.

"އެ ފައިސާއަކީ ދިގު މުއްދަތަކަށް އިންވެސްޓްކޮށްފައިވާ ފައިސާކަމުން، ވަގުތީ ބޭނުންމެއްގައި އެ ފައިސާ ބޭނުންކުރުމަކީ އެހާ ރަނގަޅު ގޮތެއް ނޫން،" އޭނާ ވިދާޅުވި އެވެ.

ޝުޖާތާ އިތުރަށް ވިދާޅުވި ގޮތުގައި، ޕެންޝަން ސްކީމުގެ ބައިވެރިންގެ އުމުރު ފުރާތަކަށް ބަލާއިރު، 21 ޕަސަންޓަކީ އުމުރުން 25 އަހަރުން ދަށުގެ ފަރާތްތައް ކަމުން، ޕެންޝަނެއްގެ ބޭނުންޖެހޭ އުމުރަށް ދިއުމުގެ ކުރިން އަމިއްލަ އެކައުންޓުތަކުގައި ހުރި ފައިސާ އިތުރުވާނެ ކަމަށެވެ.

ނަމަވެސް، އެ އެކަމަށްޓަކައި، އިންވެސްޓްކޮށްގެން މުޅި ފަންޑަށް ލިބެމުންދާ ކުރިއެރުން މުހިއްމުވާނެކަމަށް ޝުޖާތާ ވިދާޅުވި އެވެ.

ޕެންޝަން އޮފީހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ޕެންޝަން ފަންޑުގެ އިންވެސްޓްމަންޓުތަކުން މިހާތަނަށް އަހަރަކަށް އެވްރެޖްކޮށް ފަސް ޕަސަންޓު ޖެހޭ ވަރުގެ ކުރިއެރުމެއް ދަނީ ލިބެމުންނެވެ. އެ އިންވެސްޓްމަންޓުތަކަށް ބަލާއިރު، ޖުމްލަ 13 ބިލިއަން ރުފިޔާގެ ބޮޑު ބައެއް ހުރީ ސަރުކާރުން ވިއްކާ ޓީ ބިލާއި ބޮންޑު ގައި އިންވެސްޓުކޮށްފަ އެވެ.

އެގޮތުން، ޕެންޝަން ފަންޑުގެ އިންވެސްޓުމަންޓުތަކުން ގާތްގަނޑަކަށް ހަތަރު ބިލިއަން ރުފިޔާ ފައިދާގެ ގޮތުގައި ލިބިފައިވާކަމަށް ޝުޖާތާ ފާހަގަކުރެއްވި އެވެ.

"އަދި އިންވެސްޓްމަންޓުތައް ފުޅާކުރަން ވާލްޑް ބޭންކާއެކު ދިރާސާއެއްވެސް ދަނީ ކުރެވެމުން،" އޭނާ ވިދާޅުވި އެވެ.