2021 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން އަހަރުގެ މެދުތެރޭގައި ފެށުމަށް ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން މި ނިންމުން ނިންމާފައިވަނީ މިއަދު ސޯޝަލް ކައުންސިލްގައި މަޝްވަރާ ކުރުމަށްފަހު އެވެ.
މިއަދު ނިންމި ނިންމުންތަކާއި ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ މި އަހަރުގެ އޮކްޓޯބަރު ނޮވެމްބަރުގައި ބޭއްވުމަށް ތާވަލުކޮށްފައިިވާ ސާނަވީ ނިންމާ އިމްތިހާނުތައް އަންނަ އަހަރުގެ މެއި ޖޫން ގައި ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.
"މިއަދު އޮތް ސޯޝަލް ކައުންސިލްގައި އަޅުގަނޑުމެން މި ނިންމީ މިއަހަރު ބޭއްވުމަށް ހަމަޖެހިފައި އޮތް އޯލެވެލް އެގްޒާމްއާއި އެސްއެސްސީ އެގްޒާމް މިއަންނަ އަހަރުގެ މެއި،ޖޫން އަށް ފަސް ކުރުމަށް. އެހެންވީމަ އެގްޒާމް އޮންނާނީ އަންނަ އަހަރުކަން އަޅުގަނޑުމެންނަށް މި އޮތީ ކަށަވަރުވެފައި. އަދި އެއާއެއްކޮށް އަރަބިއްޔާ ސުކޫލުން ހަދަމުން ގެންދާ ސަހާދާ ސާނަވިއްޔާ އިމްތިހާނުވެސް މި އަންނަ އަހަރު މެއި ޖޫންއަށް ފަސްކޮށްލީ." މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މި ބަދަލާއެކު ދިރާސީ ކަލަންޑަރަށް ވަރަށް ބޮޑު ބަދަލެއް އަންނާނެ ކަމަށެވެ. އަދި މެއި ޖޫންގައި އިމްތިހާން ހަދާ ދަރިވަރުން އިތުރު ހަ މަސްދުވަހު ސުކޫލްގައި މަޑުކުރަން ޖެހުމުން ޖާގައިގެ ދަތިކަމާއި، މުދައްރިސުންގެ ދަތިކަންވެސް ކުރިމަތިވާނެ ކަމަށެވެ. އެކަމަށް ހައްލު ހޯދުމުގެ ގޮތުން ދިރާސީ އަހަރުގެ ކިޔެވުމުން 2021 ގެ މެދުތެރޭގައި ފެށުމަށް ނިންމާފައިވާ ކަމަށެވެ.
"ދަރިވަރުންނަށް މެއި ޖޫންގައި އިމްތިހާން ހަދަން ދިމާވުމުން އިތުރު ހަ މަސްވަރު ސުކޫލްގައި އެބަ މަޑުކުރަންޖެހޭ. އެކަމުގެ ސަބަބުން ސުކޫލްތަކުގެ ސްޕޭސްގެ ދަތިކަން އަދި މުދައްރިސުންގެ ދަތިކަމާއި އެހެނިހެން ގޮންޖެހުންތައް އެބަކުރިމަތިވޭ. އެކަންކަން ހައްލުކުރުމަށްޓަކައި އަޅުގަނޑުމެން މިހާރު މި ގަސްތުކުރަނީ މިއަންނަ އަހަރުގެ ދިރާސީ އަހަރު އަޅުގަނޑުމެން ފަށާނީ އަހަރުގެ މެދުތެރޭގައޭ. އެއީ ވަރަށް ބޮޑު ބަދަލަކަށް ވާނެ." މިނިސްޓަރު ވިދާޅުވިއެވެ.
ދަރިވަރުންނަށް މެއި ޖޫންގައި އިމްތިހާން ހަދަން ދިމާވުމުން އިތުރު ހަ މަސްވަރު ސުކޫލްގައި އެބަ މަޑުކުރަންޖެހޭ. އެކަމުގެ ސަބަބުން ސުކޫލްތަކުގެ ސްޕޭސްގެ ދަތިކަން އަދި މުދައްރިސުންގެ ދަތިކަމާއި އެހެނިހެން ގޮންޖެހުންތައް އެބަކުރިމަތިވޭ. އެކަންކަން ހައްލުކުރުމަށްޓަކައި އަޅުގަނޑުމެން މިހާރު މި ގަސްތުކުރަނީ މިއަންނަ އަހަރުގެ ދިރާސީ އަހަރު އަޅުގަނޑުމެން ފަށާނީ އަހަރުގެ މެދުތެރޭގައޭ. އެއީ ވަރަށް ބޮޑު ބަދަލަކަށް ވާނެޑރ. އައިޝަތު އަލީ | އެޑިއުކޭޝަން މިނިސްޓަރު
ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ރާއްޖޭގެ ސުކޫލްތައް ބަންދުކޮށްފައިވާތާ ދުވަސްތަކެއް ވަނީ ފާއިތުވެފައެވެ.
މިނިސްޓަރު ވިދާޅުވީ އީދު ބަންދަށްފަހު އޮންލައިން ކްލާސްތައް ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ. އަދި ކޮންމެ ހާލަތެއްގައިވެސް ދަރިވަރުންނަށް ކިޔެވޭނެ ގޮތްތަކެއް ރާއްވަމުން ގެންދާ ކަމަށެވެ. ގިނަ ދުވަސްތަކެއް ވަންދެން ދަރިވަރުން ތައުލީމާ ދުރުގައި ގެންގުޅުމަކީ އެކަމުގެ ސަބަބުން ނޭދެވޭ އަސަރު ކުރާނެ ކަންކަމަށް ވާތީ އެކަންކަމަށް ވިސްނައިގެން ކިޔެވުމުގެ ކަންކަން ކުރިއަށް ގެންދިއުމުގެ ތައްޔާރީތައް ވަމުންދާ ކަމަށެވެ.