ދިރާސީ އާ އަހަރު

އަހަރު މެދުތެރޭ ކިޔެވުން ފެށުން ދާއިމީ ވެދާނެ: މިނިސްޓަރު

ދިރާސީ އަހަރުގެ ކިޔެވުން އަހަރުގެ މެދުތެރޭގައި ފެށުން ދާއިމީ ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރަމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

2021 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން އަހަރުގެ މެދުތެރޭގައި ފެށުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމާފައެވެ. އެ ނިންމުން ނިންމީ މި އަހަރުގެ އޮކްޓޯބަރު ނޮވެމްބަރުގައި ބޭއްވުމަށް ތާވަލުކޮށްފައިިވާ ސާނަވީ ނިންމާ އިމްތިހާނުތައް އަންނަ އަހަރުގެ މެއި ޖޫން ގައި ބޭއްވުމަށް ނިންމުމާއި ގުޅިގެންނެވެ.

މިނިސްޓަރު ވިދާޅުވީ މި ބަދަލަކީ ދާއިމީ ބަދަލަށް ހަދަން ފެނޭތޯ ކަމާގުޅޭ ފަރާތްތަކާ މަޝްވަރާ ކުރަމުންދާ ކަމަށެވެ. އަދި ދިރާސީ އަހަރުގެ ކިޔެވުން އަހަރުގެ މެދުތެރޭގައި ފެށުން ދާއިމީ ވުމަކީ ގާތް ކަމެއް ކަމަށެވެ.

"އަޅުގަނޑުމެން މިދަނީ މި ބަދަލަކީ ދާއިމީ ބަދަލަށް ހަދަން ފެނޭތޯ މަޝްވަރާކުރަމުން. އޭގެ ތެރޭގައި ބެލެނިވެރިންނާއި، ދަރިވަރުންނާއި، މުދައްރިސުންނާއި ސުކޫލްތަކުގެ ހިންގުންތެރިންނާއި އަދި އެހެނިހެން ސެކްޓަރުގެ ބޭފުޅުންނާވެސް މިދަނީ މަޝްވަރާކުރަމުން. ފަހަރުގައި މި ބަދަލަކީ ދާއިމީ ބަދަލަކަށްވުންވެސް ވަރަށް ގާތް." މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު ދިރާސީ އަހަރު ނިމި ސުކޫލްތައް ޗުއްޓީއަށް ބަންދުކުރާ ދުވަސްވަރަކީ ޑިސެމްބަރު އަދި ޖަނަވަރީ ކަމަށްވާތީ އެކަން ބަދަލުކޮށް ދިނުމަށް ގިނަ ބަޔަކު އެދޭ ކަމަށެވެ. ހާއްސަކޮށް ޓޫރިޒަމް ސެކްޓަރުގައި މަސައްކަތް ކުރާ ދިވެހިން އެކަމަށް އެދޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަހަރުގެ ފަހުކޮޅާއި އަހަރުގެ ކުރީކޮޅަކީ ރާއްޖޭގެ ރިސޯޓްތަކަށް އެންމެ ބާރު ބޮޑު ދުވަސްވަރެވެ. އެހެން ކަމުން އެ ދުވަސްތަކުގައި ރިސޯޓްތަކުން މުވައްޒިފުންނަށް ޗުއްޓީ ދިނުން އޮންނަނީ މެދުކަނޑާލާފައެވެ.

މިނިސްޓަރު ވިދާޅުވީ މި ބަދަލު ވެގެންދާނީ ވަރަށް ބޮޑު އަދި ވަރަށް ގިނަ ބަޔަކަށް އަސަރު ކުރާނެ ބަދަލަކަށްވާތީ އެއްވެސް ބަދަލެއް ގެންނާނީ މަޝްވަރާތަކަށްފަހު އެންމެ ގިނަ ބަޔަކަށް ފެންނަ ގޮތަކަށް ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ ވަރަށް ގިނަ ބޭބޭފުޅުން، ހާއްސަކޮށް ޓޫރިޒަމް ސެކްޓަރުގެ ބޭފުޅުން ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ބޮޑު ބަންދު އަހަރުގެ މެދުތެރެއާ ހަމައަށް ގެންދިއުމަށް. މިފަހަރު މިކަންދިމާވި ގޮތުން މިފަހަރު މިއީ ވަރަށް ރަނގަޅު އޮޕޮޗިއުނިޓީއެއް އެކަހަލަ ބަދަލާ ދިމާއަށް ދިއުމަށް. އެކަމަކު މިކަހަލަ ބޮޑު ބަދަލެއް ގެންނައިރު، ތައުލީމީ ދާއިރާއަކީ ވަރަށް ގިނަ ބަޔަކަށް އަސަރުކުރާނެ ދާއިރާއެއް. އެހެންވީމަ މިކަހަލަ ބަދަލަކީ ވަރަށް ގިނަ ބޭފުޅުންނަށް އަސަރުކުރާނެ ބަދަލަކަށްވާތީ އެ ފަރާތްތަކާ މަޝްވަރާ ކުރުމުގެ ކަންކަން ކުރިއަށް މިދަނީ." މިނިސްޓަރު ވިދާޅުވިއެވެ.