މިސްކިތްތައް ހުޅުވާލާފައިވާ ރަށްރަށުގައި ކުޅިވަރު ކުޅުމުގެ ހުއްދައަށް އެދި ހުށައަޅަމުންދާ ކަމަށާ އެކަމާ ގުޅިގެން ޓެގް ޓީމްގެ ލަފަޔަކަށް އެދިފައިވާ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.
ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ރާއްޖޭގައި ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން މާލެއާއި ބައެއް ރަށްރަށް ލޮކްޑައުންކޮށް ރަށްރަށައް އަރާ ފޭބުން މަނާކުރިއެވެ. މީގެ އިތުރުން މިސްކިތުގައި ޖަމާއަތް ހެދުން ހުއްޓާލާ ފަހުން މިސްކިތްތައް ބަންދުުކުރިއެވެ.
ނަމަވެސް އެތަށް ދުވަހަކަށްފަހު ބަލި ނެތް ރަށްރަށުގައި މިސްކިތްތަކުގެ ޖަމާއަތް ކުރިއަށް ގެންދިއުމުގެ ހުއްދަ ސަރުކާރުން ވަނީ ދީފައެވެ. އެ ހުއްދަ 25 ރަށެއް ފިޔަވައި އެހެން ރަށްރަށައް ދީފައިވެއެވެ. އެގޮތުން މިދިޔަ ހުކުރު ދުވަހުގެ ހުކުރު ނަމާދަށްފަހު މިސްކިތްތައް ވަނީ ހުޅުވާލާފައެވެ.
ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް މިރޭ ވިދާޅުވީ މިސްކިތްތައް ހުޅުވާލާފައިވާ ރަށްރަށުގައި ކުޅިވަރު ކުޅުމުގެ ހުއްދަައަށް އެދި އެކި ފަރާތްތަކުން އެދެމުންދާ ކަމަށެވެ.
މިކަމާއި ގުޅޭގޮތުން ގޮތް ނިންމާނީ ޓެގް ޓީމާއި އެޗްޕީއޭއިން ކަމަށާ މިހާރުވާނީ އެ ބޭފުޅުންގެ ލަފަޔަކަށް އެދިފައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މަހަކަށްވުރެ ދިގު މުއްދަތަކަށްފަހު މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ ދީފައިވާއިރު މިސްކިތްތައް ހުޅުވާލުމުގެ ހުއްދަ ދީފައިނުވަނީ އެކި ސަބަބުތަކާއި ގުޅިގެން މިދިޔަ ދުވަސްތަކުގައި އެޗްޕީއޭގެ މޮނިޓަރިންއަށް ގެނެސްފައިވާ ރަށްރަށެވެ.
އޭގެ ތެރޭގައި ކޮވިޑްގެ ބަލި މީހުން ފެނިގެން އަދި އެ މީހުންނާ ކޮންޓެކްޓްވި މީހުން ތިބެގެން އެޗްޕީއޭގެ މޮނިޓަރިންއަށް ގެނެވުނު ރަށްތައް ހިމެނެއެވެ.
އެ ރަށްތަކުގައި މިސްކިތްތައް ހުޅުވާލާފައިނުވަނީ އެޗްޕީއޭގެ މޮނިޓަރިންގައިވާތީއާއި އަދި ބައެއް ރަށްރަށް މޮނިޓަރިންގެ ހާލަތު ނެގިތާ 28 ދުވަސް ވެފައިނުވާތީ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
މިސްކިތް ހުޅުވާނުލާ ރަށްތައް
- ހއ. ތަކަންދޫ
- ހއ. އުލިގަމް
- ހއ. ދިއްދޫ
- ހއ. އުތީމް
- ހދ. ކުޅުދުއްފުށި
- ހދ. ކުމުންދޫ
- ހދ. ހިރިމަރަދޫ
- ށ. ނަރުދޫ
- ށ. މިލަންދޫ
- ށ. މާއުނގޫދޫ
- ށ. ފީވައް
- ށ. ފުނަދޫ
- ށ. ގޮއިދޫ
- ށ. ޅައިމަގު
- ނ. މަނަދޫ
- ނ. ހޮޅިދޫ
- ނ. ހެނބަދޫ
- ނ. ކެނދިކުޅުދޫ
- ނ. މިލަންދޫ
- ނ. މާފަރު
- ނ. ވެލިދޫ
- ބ. ކެންދޫ
- ކ. މާފުށި
- ކ. ތުލުސްދޫ
- ކ. ހިންމަފުށި
މި ރަށްތަކުގެ އިތުރުން މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ މިސްކިތްތައް ވަނީ ބަންދުކޮށްފައެވެ. މާލޭގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލި ފަހުން ދެ މަސް ދުވަސް ވަނީ ފާއިތުވެފައެވެ.
ގިނަ ރަށްރަށުގައި މިސްކިތްތައް އަލުން ހުޅުވާލާފައިމިވަނީ އީދުގެ ކުރިން މިސްކިތުގެ ޖަމާއަތް ފެށުމުގެ ހުއްދަ ދިނުމަށް ބައެއް އިލްމުވެރިންނާއި ކައުންސިލްތަކުންވެސް ގޮވާލާފައި ވަނިކޮށެވެ. މާދަމާއަކީ އީދު ދުވަހެވެ.