ކޯވިޑް-19 އާއި ގުޅިގެން ގޭގައި ކަރަންޓީީނު ކުރުމުގެ އުސޫލެއް އެކުލަވާލާ އާންމުކޮށްފި އެވެ.
އެޗްޕީއޭއިން މިރޭ އާންމުކޮށްފައިވާ އެ އުސޫލަކީ ގޭގައި ކަރަންޓީނު ކުރެވޭ މީހުން ބަލަންޖެހޭ މިންގަނޑުތަކާއި އަމަލު ކުރަންޖެހޭ ގޮތް ބަޔާންކުރާ އުސޫލެކެވެ. މި އުސޫލުގައި ގޭގައި ކަރަންޓީނު ކުރާނެ މީހުންނާއި ކަރަންޓީނު ކުރާގޭގައި ހުންނަންވީ ޝަރުތުތަކާއި ކަރަންޓީން ކުރެވޭ އަދި ގޭގައި އުޅޭ އެނޫން މީހުންގެ އަމިއްލަ ސާފުތާހިރުކަން ބަހައްޓަންޖެހޭ ގޮތް ވަނީ ބަޔާންކޮށްފައެވެ.
އަދި ކަރަންޓީނުކުރެވޭ ގޭގައި އާއްމު ސާފުތާހިރުކަން ދެމެހެއްޓުމަށް ކުރަންވީ ކަންތައްތަކާއި ކަރަންޓީނު ކުރާ މީހާ އަދި ގޭގައި ދިރިއުޅޭ އެހެން މީހުންގެ ޒިންމާތަކާއި އިންފެކްޝަން ޕްރިވެންޝަން ކޮންޓްރޯލް ކުރާނެ ގޮތާއި ކަރަންޓީނުގައި ހުންނަމީހާ ސިއްހީ ގޮތުން ބަލަންވީ ކަންތައްތައްވެސް ހިމަނާފައިވެއެވެ.
މީގެ އިތުރުން އައިސީޕީއާއި ރަށްރަށުގެ ސޯޝަލް ސަޕޯޓް ޑެސްކް އަދި މެންޓަލް ހެލްތު ކްލަސްޓާއާއި ރަށްރަށުގެ ސޯޝަލް ރެސްޕޮންސް ގެ ޒިންމާތަކުގެ އިތުރުން ކަރަންޓީނުގައި ހުންނަ އިރު ސިއްހީ ހިދުމަތްދޭ ތަނުން (އަތޮޅު ތެރޭގައި) ބަލަންޖެހޭ ކަންތައްތައްވެސް ބުނެދީފައިވެއެވެ.
ގޭގައި ކަރަންޓީނު ކުރުމަށް ހަމަޖެހިފައިވަނީ 14 ދުވަހަށެވެ. އަދި އެ މުއްދަތު ހަމަވުމުން ކޯވިޑް-19އަށް ޓެސްޓް ކުރުމަށްފަހު ނަތީޖާ ނެގެޓިވް ވުމުން ކަރަންޓީނުން ދޫކޮށްލެވޭނެ ކަމަށް ވަނީ ބުނެފައެވެ.
އުމުރުން 60 އަހަރުން މަތީގެ މީހެއް ނުވަތަ ދާއިމީ ބައްޔަކަށް ބޭސްފަރުވާކުރާ މީހެއް ގޭގައި ކަރަންޓީނު ކުރެވޭނީ، އޭނާގެ އެހީތެރިއަކު ހުރިނަމަ އެވެ. އަދި އެހީތެރިޔާ އަކީ އުމުރުން 60 އަހަރުން މަތީގެ ނުވަތަ ދާއިމީ ބައްޔަކަށް ބޭސްފަރުވާ ކުރާ މީހެއް ނުވަތަ ކަރަންޓީނުކުރެވިފައި ހުރި މީހެއް ކަމުގައި ވެގެން ނުވާނެ ކަމަށް ބުނެފައިވެއެވެ. މީހަކު ކަރަންޓީނުކޮށްފައިވާ ގެއަކަށް އެހެން މީހުން ޒިޔާރަތް ކޮށްގެން ނުވާނެ ކަމަށާ އަދި ކަރަންޓީނު ކޮށްފައިވާ މީހާ/މީހުން ކަރަންޓީނު ކުރެވޭ މުއްދަތުގައި ގެއިން ބޭރަށް ގޮސްގެން ނުވާނެ ކަމަށްވެސް ވަނީ ބުނެފައެވެ.
ގޭގައި ކަރަންޓީީނު ކުރުމުގެ އުސޫލެއް އެކުލަވާލާ އާންމުކޮށްފައި މިވަނީ ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެއްޖެނަމަ ގޭގައި ކަރަންޓީން ކުރަން ޖެހިދާނެ ކަމަށް ސިއްހީ މާހިރުން ވިދާޅުވެފައިވަނިކޮށެވެ. މިރޭގެ ނިޔަަލަށް 1313 މީހަކަށް ވަނީ ކޮވިޑް ޖެހިފައެވެ.