ލައިފްސްޓައިލް

އީދު ގޭގައި، އެކަމަކު ރޫހަށް ބަދަލެއް ނައި!

އެހެން އަހަރުގެ އީދު ދުވަސް އަންނަ އިރު ގިނަ މީހުން ރަށްރަށާ ފުރާ މުޅި މާލޭ ހިމޭން ވެއެވެ. މިފަހަރު މަގުތައް ވެސް އޮތީ އެހެންނެވެ. ތަފާތަކީ މިފަހަރު ރަށްރަށުގައި އީދު ފާހަގަ ކުރުމުގެ ބަދަލުގައި ލޮކްޑައުން އާއެކު އެއްމެން ތިބީ ގޭގައެވެ. އީދު ފާހަގަ ކުރީ ތަފާތު ކޮށެވެ.

އީދުގެ ނަމާދުގެ ބޮޑު ޖަމާއަތް ނެތަސް އެ ނަމާދު ގޭގައި އާއިލާއެކު ކުރީ އެވެ. އީދު ހުތުބާ އަޑުއެހީ ޓީވީއިންނެވެ. ނަމާދަށްފަ ހު މިސްކިތު ބޭރުގައި އާއިލާއާއި އެކު ނަގާލާ ސެލްފީ ނެގީ ގޭގެ ސިޓިންގް ރޫމްގަ އެވެ. އަދި އީދު ނަމާދަކަށް ފަހު އާއިލާގެ އެއްމެން ގޮސް ސައިބޯން ވަދެލާ ކެފޭ ވީ ގޭގެ ބަދިގެއަށެވެ.

ގޭގެ ހަދާ ބޯކިބާ، ކޭކައި ސަޔެވެ. ރޯދަމަހަށް ފަހު ދުވާލު ގަޑީގައި ބޯ ފުރަތަމަ ކޮފީތަށި ގިރީ އަމިއްލަ އަށެވެ. އީދުގެ ހާއްސަ މެންދުރު ކެއުން ކައި ދެން އޮތީ އެހެންޏާ ގެއިން ބޭރަށް ހަވީރު ފިންޏަށް ހިނގާލަން ދާ އަދި އީދު ކުޅިވަރު ބަލަލާ ފަހަރެވެ. އީދު މާއްޔާއި ބޮޑު މަހެވެ. މިފަހަރު އެ އެއް ވެސް ނެތެވެ. ހަދިޔާ ނުގަނެވުނީމާ އާޓް ހުނަރުން ހަދިޔާ ހެދީއެވެ.

އީދު ދުވަސް އެއްމެން ނަލަހެދިލާ ފޮޓޯ ނެގީ ގޭގައި އީދަށް ހާއްސަކޮށް ދަމާލި ދިދަފަތި ދޮށުގަ އެވެ. ކުރިން ގިޑިގެ ބަހައްޓާ ދިދަ ފަތި ދަމާ ޒީނަތްތެރި ކުރަނީ މަގުމައްޗެވެ. އީދު މުބާރިކް ޖަހާ އަމުނާލި މި ދިދަ ފަތި ގޭގެ ސިޓިންގް ރޫމުގައި ހަރުކޮށްލީ މި ފަދަ ދަނޑިވަޅެއްގަައި އެއްބައިވަންތަވާށެވެ. އެއް ފުރާޅޭއްގެ ދަށުގައި އުޅޭ އެއްމެން އެކުގައި އީދު ފާހަގަ ކޮށްލާށެވެ. ގޭގައި ތިއްބަސް އީދު ދުވަހުގެ ރޫހު ގެއްލުނަ ނުދިނުމަށް ހިތާހިތުން އަޒުމް ކަނޑައަޅައިގެންނެވެ.

ރީތި ކުލަކުލައިން އެކި ޑިޒައިންތަކަށް ހުރި މި ދިދަފަތިތަކުގެ ފޮޓޯއިން ސޯޝަލް މީޑިއާ ފުރިއްޖެ އެވެ. ރޯދައިގެ އަޅުކަމަށްފަހު ނަފްސަށް އައި އީމާންތެރި ކަމުގެ ނޫރު ރަމްޒު ކޮށްދީ ދިދަފަތި ދިއްލާ އިތުރު ބޮކިފަތިލާ އިތުރު ވިދުމެއް ވެސް ގެނައީ އެވެ. އަރަބި، އިނގިރޭސި ނުވަތަ ތާނައިން ލިޔެފައިވާ ބެނާރގެ ބޭނުމަކީ ދުރުގައިވާ އާއިލާ އަދި ރަހުމަތްތެރިންނަށް ގޭ އެއްމެންގެ ފަރާތުން ތަހުނިޔާ ފޮނުވާލާ މި އީދުގެ ހަނދާން ރައްކާކޮށްލަން ފޮޓޯއެއް ނަގާލާށެވެ.

ކޮންމެ ކަމެއްވާނީ ވެސް އެންމެ ރަނގަޅަށޭ ބުނެ އުޅޭ ނޫންހެއްޔެވެ؟ އަދި ކިތަންމެ ކުޑަ ކަމަކުން ބޮޑު އުފަލެއް ލިބިދާނެ އެވެ. އީދު ބޮޑު ކޮށް ގިނަ މީހުންނާއި އެކު ފާހަގަ ނުކުރެވުނަސް އަހަރުމެން އީދު ދުވަހުގެ ރޫހުގައި ކޮށްލާ ކުދި ކަންކަމުން ހިތަށް އުފާވެރިކަން ގެނެސްދީފި އެވެ. އާއިލީ ގުޅުން ބަދަހިވެއްޖެ އެވެ. މި ދަތި އުނދަގޫ ވަގުތު ކޮވިޑް-19 ނޫން އެހެން ކަމަކަށް އަހަރުމެންގެ ހިޔާލުތަކާއި ފިކުރު ގެންގޮސްދީފި އެވެ.

އީދު ފާހަގަ ކުރުމަކީ އަބަދުވެސް އަހަރުމެން ކުރާކަމެކެވެ. އުދަނގޫ ހާލަތްތަކުގައި ކަންކަން ކުރިން ކުރާގޮތަށް ކުރުމަކީ ހަމަޖެހުން ގެންނާނެ ކަމަކެވެ. އާއިލާ އެއްމެން އެއްކޮށް މިގޮތަށް ވަގުތު ހޭދަކުރުމަކީވެސް އެކަކު އަނެކަކުގެ އިހްސާސްތަށް ދެނެގަނެ އޯގާތެރިވުމަށް ލިބޭނެ ފުރުސަތެކެވެ. އަދި މިގޮތަށްވެސް އަހަރުމެންނަށް ގޭގައި ރައްކާތެރިކަމާއި އެކު އީދު ފާހަގަކޮށްލެވުނީތީ ޝުކުރުކުރަންވީއެވެ. މިކަމުން އަރައިގަނެ އަދި އިންޝާﷲ އަހަރުމެންނަށް އިތުރު އީދެއް ލިބޭނެކަމަށް ދުއާކުރަންވީއެވެ.