ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

އުލިގަމަށް އަންނަ ޓޫރިސްޓު އުޅަނދު ފަހަރު ފީކުޑަކޮށްފި

May 25, 2020
1

ހއ. އުލިގަމުގައި ބަނދަރުކުރާ ޓޫރިޒަމް އުޅަނދުފަހަރުން ކަސްޓަމަަށް ނަގާ ފީތައް ކުޑަކޮށް، އަމަލުކުރާ އުސޫލު ތަކަށް ލުއިތަކެއް ދީފި އެވެ.

ކަސްޓަމަސް ސާވިސް އިން ގަވާއިދަށް މިހާރު ގެނެސްފައިވާ އިސްލާހާއެކު، އުލިގަމުގައި ބަނދަރު ކުރާ ޔޮޓްފަހަރާއި ގުޅުން ހުރި ހިދުމަތްތަކަށް ލުއިތަކެއް ދޭން ވަނީ ނިންމާފަ އެވެ. މި އިސްލާހުގައި ބުނެފައިވާ ގޮތުން ކަނޑައެޅޭ ވަކި ސައިޒެއްގެ އުޅަނދު ފަހަރަށް "އިންވާޑް އަދި އައުޓްވާޑް ކްލިއަރެންސް" ފީ ކުޑަ ކުރާނެ އެވެ. މީގެ އިތުރުން ޕްރޮވިޝަން ބޭނުމަށް އަންނަ އުޅަނދު ފަހަރަށް އޭޖެންޓަކު ނެތި ހަފުތާއަކު ބަނދަރުގައި އޮވެވުމާއި އެޖެންޓަކު އައްޔަންނުކޮށް ރާއްޖެ އަންނަ މި ފަދަ އުޅަނދު ތަކަށް އޭޖެންޓުން އައްޔަން ކުރަން ދޭ ވަގުތުވެސް ވަނީ އިތުރު ކޮށްފަ އެވެ.

ކަސްޓަމްސްގެ މި އިސްލާހާއެކު، މި ފަހަރު އުޅަނދު ފަހަރުން ކަސްޓަމަށް ނަގާ ފީތައް 75 ޕަސެންޓް ކުޑަވާނެ އެވެ. މީގެ އިތުރުން ރާއްޖެ އަންނަ 15 މީޓަރަށް ވުރެން ކުޑަ ޓޫރިޒަމް އުޅަނދުފަހަރަށް އިންވާޑް އަދި އައުޓްވާޑް ފީއެއްގެ ގޮތުގައި ނަގާނީ ކޮޅަކަށް 250 ރުފިޔާ އެވެ. ކުރިން މިފަދަ އުޅަނދު ފަހަރުން ނަގާނީ ކޮޅަކަށް 1000 ރުފިޔާ އެވެ.

މި އިސްލާހުގެ އިތުރުން ރާއްޖެ އަންނަ ޓޫރިސްޓު އުޅަނދު ފަހަރަށް އިންވާޑް ކްލިއަރެންސް ދޭ ވަގުތުން ފެށިގެން އޭޖެންޓަކު ހަމަޖައްސަން 72 ގަޑިއިރުގެ މުހުލަތެއް ދޭން ވެސް ވަނީ ނިންމާފަ އެވެ. އަދި 72 ގަޑިއިރުގެ ތެރޭގައި އޭޖަންޓަކު ހަމަނުޖައްސައިފިނަމަ މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެ އުޅަނދުގެ ވެރިފަރާތް 5،000 ރުފިޔާ އިން ޖޫރިމަނާ ކުރެވޭނެ އެވެ. އެ އުޅަނދަކަށް ރާއްޖެއިން ބޭރަށް ފުރައިގެން ދެވޭނީ މި ފައިސާ ކަސްޓަމަށް ދެއްކުމުންނެވެ.

ރާއްޖޭގެ ނިސްބަތުން އުލިގަމަކީ ގިނަ އަދަދެއްގެ ކުދި ޔޮޓު ފަހަރު އަންނަ ރަށެވެ. އަދި މި ރަށުގެ އިގްތިސާދުގެ ބޮޑު ބައެއް މި ޔޮޓުފަހަރަށް ހިދުމަތް ދީގެން ފުއްދަ އެވެ.