ހޮލީވުޑް

"ގޭމް އޮފް ތްރޯންސް" އިން އެމީ އެވޯޑްސްގެ ރިކޯޑް މުގުރާލައިފި

Sep 21, 2015

އެމެރިކާގެ ޓީވީ ޝޯތަކަށް ހާއްސަކޮށްގެން ދޭ ޝަރަފްވެރި އެމީ އެވޯޑްސްގައި އެޗްބީއޯގެ މަގްބޫލު ޑްރާމާ "ގޭމް އޮފް ތްރޯންސް" އިން މި އަހަރު ރިކޯޑް މުގުރާލައިފި އެވެ.

ނިމިގެން ދިޔަ އެވޯޑް ހަފުލާގައި އެންމެ މޮޅު ޑްރާމާ އާއި އެންމެ މޮޅު ޑައިރެކްޝަން އަދި އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ އެވޯޑް ލިބިގެން "ގޭމްސް އޮފް ތްރޯންސް" އަށް ވަނީ މި އަހަރުގެ އެމީ އެވޯޑްސްގައި ޖުމްލަ 12 އެވޯޑް ލިބިފަ އެވެ. މިއީ މީގެ ކުރިން އެމީގެ އެވޯޑް ހަފުލާއެއްގައި އެއް ޑްރާމާއަކަށް ލިބިފައިވާ އެވޯޑްތަކެއް ނޫނެވެ.

އެންމެ މޮޅު ޑްރާމާގެ އެވޯޑް "ގޭމް އޮފް ތްރޯންސް" މިފަހަރު ގެންދިޔައީ "ބެޓާ ކޯލް ސޯލް" އާއި "ޑައުންޓައުން އެބީ" އަދި "ހޯމްލޭންޑް" އާއި "ހައުސް އޮފް ކާޑްސް" ގެ އިތުރުން "މޭޑް މެން" އާއި "އޮރޭންޖު އިޒް ދަ ނިއު ބްލެކް" ކަޓުވާލައިގެންނެވެ.

އެންމެ މޮޅު ސަޕޯޓިން އެކްޓަރަކަށް "ގޭމް އޮފް ތްރޯންސް" ގެ ޕީޓަ ޑިންކްލޭޖު ހޮވުނުއިރު މިފަހަރުގެ އެންމެ މޮޅު އެކްޓަރަށް ހޮވިފައި ވަނީ "މޭޑް މެން" ގެ ލީޑް އެކްޓަރު ޖޮން ހޭމް އެވެ.

އެންމެ މޮޅު ބަތަލާ އަކީ "ހައު ޓު ގެޓް އަވޭ ވިތު މާޑާ" ގެ ބަތަލާ ވައޯލާ ޑޭވިސް އެވެ.

އެންމެ މޮޅު ކޮމެޑީ ސީރީޒް އަކަށް މިފަހަރު ހޮވުނީ ވެސް އެޗްބީއޯގެ ޑްރާމާއެކެވެ. އެއީ "ވީޕް" އެވެ.

އައުޓްސްޓޭންޑިން މިނިސީރީޒްގެ އެވޯޑް ވެސް ގެންދިޔައީ އެޗްބީއޯ އިންނެވެ. އެމީހުންގެ "އޮލިވް ކިޓަރިޖު" މި އެވޯޑް ގެންދިޔައިރު އެންމެ މޮޅު ޓީވީ ފިލްމަކަށް ހޮވިފައި ވަނީ އެޗްބީއޯގެ އުފެއްދުމެކެވެ. އެއީ "ބެސީ" އެވެ.