ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ފުރަތަމަ މަރުވި މީހާގެ ސާމްޕަލް ނެގުން ލަސްވި

ކޮވިޑް-19 ޖެހިގެން ރާއްޖެއިން ފުރަތަމަ މަރުވި އަންހެން މީހާގެ ސާމްޕަލް ނެގުމުގައި ލަސްވެފައިވާ ކަމަށް ނެޝެނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން މިރޭ އެއްބަސްވެއްޖެ އެވެ.

ކޮވިޑްގައި ރާއްޖެއިން ފުރަތަމަ މަރުވެފައި ވަނީ އުމުރުން 83 އަހަރުގެ އައިމިނަތު އަލީ އެވެ. އެއީ މަޝްހޫރު ވިޔަފާރިޔާ މަރޮށީ ހުސައިން އަބްދުﷲ (އެމްއެޗްއޭ) ގެ އަނބިކަނބަލުންނެވެ. ހުސައިން އަބްދުﷲ ވެސް ކޮވިޑްގައި ވަނީ އަވަހާރަ ވެފައެވެ.

އައިމިނަތު އަލީގެ ކޭސް ގުޅިފައި ވަނީ 126 ވަނަ ކޭހާއެވެ. އޭނާއަށް ފަރުވާ ދިނުމުގަ އާއިސާމްޕަލް ނެގުމުގައި ވެސް ލަސްތަކެއްވެފައިވާ ކަމަށް އާއިލާއިން ވަނީ ތުހުމަތު ކޮށްފައެވެ. އެކަމާއި ގުޅިގެން އޭރު ހެލްތު މިނިސްޓްރީން ވަނީ އެކަން ބަލަން ފަށާފަ އެވެ.

މިރޭ އެންއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ސިއްހީ ހިދުމަތް ދިނުމުގައި ދިމާވާ މައްސަލަތައް ހެލްތު މިނިސްޓްރީގެ ކޮލެޓީ އިމްޕްރޫވްމެންޓް ޑިވިޝަނުން އަބަދުވެސް ބަލަމުންދާ ކަމަށެވެ. ކޮވިޑް ބަލީގައި ފުރަތަމަ މަރުވި މީހާގެ މައްސަލަ ބެލުމަށް ފަހު އެކަމުގައި ފާހަަގަ ކުރެވޭ ކަންކަން އެ ޑިވިޝަނުން އަންގާފައިވާ ކަމަށެވެ. އެގޮތުން އެ ކޭހުގައި ހުރި ބައެއް ލަސްވުންތަކާއި އަދި އެ ކޭހާ ގުޅިގެން މިހާރުން މިހާރަށް ރަނގަޅު ކުރަންޖެހޭ ކަންކަން އަންގާފައިވާ ކަމަށެވެ.

ނަޒްލާ ވިދާޅުވީ އައިމިނަތު އަލީގެ ސާމްޕަލް ނެގުން ލަސްވި ކަމަށާއި ނަތީޖާ ލިބުން ވެސް ވަރަށް ބޮޑަށް ލަސްވެފައި ވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

"ބައެއް ކަންކަން ލަސްވެފައިވާކަން ފާހަގަ ކުރެެވިފައިވޭ. އެގޮތުން ސާމްޕަލް ނެގުމާއި ހާއްސަކޮށް ސާމްޕަލްގެ ނަތީޖާ ލިބުން ލަސްވެފައިވާކަން ފާހަގަ ކުރެވޭ. މިކަމާއި ގުޅިގެން އިތުރު ޕްރޮސީޖާތަކެއް ވަނީ ގާއިމް ކުރެވިފައި. އެގޮތުން ކޭސްއެއް ޕޮޒިޓިވްވެއްޖެނަމަ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން އުމުރުން ދުވަސްވީ މީހަކު ފާހަގަ ކުރެވިއްޖެނަމަ އެމީހާގެ ސާމްޕަލް، އަލާމަތްތައް ނެތް ނަމަވެސް ކަންކަން އަވަހަށް ކުރިއަށް ގެންދެވޭ. އަދި ދުވަސްވީ މީހުން އަވަހަށް ފެސިލިޓީތަކަށް ގެންދިއުމުގެ މަސައްކަތް ކުރެވޭނެ." ނަޒްލާ ވިދާޅުވި އެވެ.

މި ކޭހުގައި އެއްވެސް އިދާރާއެއްގެ އަދި އިދާރާއެއްގެ މުވައްޒިފެއްގެ އިހުމާލެއް އެބައޮތްތޯ ސުވާލު ކުރުމުން ނަޒްލާ ވިދާޅުވީ ހެލްތު މިނިސްޓްރީގެ ކޮލެޓީ އިމްޕްރޫވްމަންޓް ޑިވިޝަންގެ ރިޕޯޓްގައި އެފަދަ އެއްވެސް ކަމެއް ފާހަގަ ކޮށްފައި ނުވާ ކަމަށެވެ.

މީގެ އިތުރުން މި ކޭސްއާ ސީދާ ގުޅުން ނެތް ނަމަވެސް 1676 އަށް ކުއްލި ސިއްހީ ހިދުމަތާ ގުޅޭގޮތުން އަންނަ ކޯލްތަކަށް އަވަހަށް އެޓެންޑް ކުރެވޭނެ ގޮތްތަކެއް ހޯދަން ޖެހިފައިވާ ކަމަށްވެސް ނަޒްލާ ވިދާޅުވި އެވެ. އައިމިނަތު އަލީ، ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަން އެނގުނީ ވެސް މަރުވި ފަހުންނެވެ.