ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އެއްބާރުުލުން ނުދޭތީ ދުވަސްވީ މީހުންގެ ސާމްޕަލް ނެގުން ހުއްޓާލައިފި

އުމުރުން ދުވަސްވީ މީހުންގެ ތެރޭގައި ކޮވިޑްގެ ނުރައްކާ އޮތް މިންވަރު ބެލުމަށް ނަގަމުންދާ ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތަށް އާންމުންގެ ތެރެއިން ތަރުހީބު ލިބެމުންނުދާތީ އެކަން ހުއްޓާލާފައިވާ ކަމަށް އެންއީއޯސީން ބުނެފި އެވެ.

ދުވަސްވީ މީހުންގެ ސާމްޕަލް ނަގާ ޓެސްޓް ކުރަމުންދަނީ ހައިރިސްކް ގުރޫޕްތަކުގެ ތެރޭގައި ބަލި އޮތް މިންވަރު ދެނެގަތުމުގެ ގޮތުންނެވެ. ފުރަތަމަ ދުވަހުން ފެށިގެން އާއިލާތަކުން އެކަމަށް އެއްބާރުލުން ނުދޭ ކަމަށް އެންއީއޯސީން ވަނީ ބުނެފައެވެ. ބައެއް އާއިލާތަކުން އެ އާއިލާތަކުގައި ތިބި ދުވަސްވީ މީހުންގެ ސާމްޕަލް ނެގުމަށް ދެކޮޅު ހަދަނީ އެމީހުންނަށް ބަލި ޖެހޭނެ ސަބަބެއް ނެތްކަމަށް ގަބޫލުކޮށް ކަމަށާ އެގޮތަށް ގަބޫލުކުރަނީ އެ މީހުން ބޭރަށް ނިކުމެ ނޫޅޭތީ ކަމަށްވެސް ޑޮކްޓަރުން ކުރިން ވަނީ ވިދާޅުވެފައެވެ.

މިރޭ އެންއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި މަބުރޫކް އަޒީޒް ވިދާޅުވީ ޓެގުން ފުރަތަމަ މަޝްވަރާ ދިނީ އުމުރުން ދުވަސްވީ މީހުންގެ ތެރެއިން 10 ޕަސެންޓް މީހުންގެ ޓެސްޓް ހަދާ ދިނުމަށެވެ. އެއީ ގާތްގަނޑަކަށް 350 މީހުންގެ ސާމްޕަލެވެ. ނަމަވެސް އެ މީހުންގެ ތެރެއިން ގިނަ ބަޔަކު ސާމްޕަލް ދިނުމަށް އުޒުރުވެރިވެ ދެކޮޅު ހަދާފައިވާތީ ޓެގުން އެންގީ ފަސް ޕަަސެންޓް މީހުންގެ ސާމްޕަލް ނެގުމަށެވެ. އެއީ 170 މީހުންގެ ސާމްޕަލް އެވެ.

އެ މީހުންގެ ތެރެއިން ނެގިފައިވަނީ 105 މީހެއްގެ ސާމްޕަލްއެވެ. އެކެއްގެ ނަތީޖާ ވަނީ ޕޮޒިޓިވްވެފައެވެ. 104 މީހެއްގެ ނަތީޖާ ނެގެޓިވްއެވެ.

މަބުރޫކް ވިދާޅުވީ މި މަސައްކަތް ކުރުމުގައި ކުރިމަތިވި ގޮންޖެހުންތަކާ ގުޅިގެން އެ މަސައްކަތް އިތުރަށް ކުރިއަށް ނުގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

"ޓެގުން މިހާރު އިރުޝާދު ދީފައިވަނީ މިކަމަކީ އުމުރުން ދުވަސްވީ މީހުންނާ އެމީހުންގެ އާއިލާތަކުން ކަންބޮޑުވާ ކަމަކަށްވެ، މިކަމަށް ދެކޮޅު ހައްދަވަމުން ގެންދަވާ ކަމަކަށްވާތީ މިކަން މިގޮތަށް ކުރިއަށް ނުގެންދިއުމަށް." މަބުރޫކް ވިދާޅުވިއެވެ.

މިހާތަނަށް ގިނަ ބައެއްގެ ސާމްޕަލް ކޯޓް އަމުރެއްގެ ދަށުން ނަގާފައިވާއިރު އެގޮތަށް ނަގަން ނުވިސްނަންތޯ ދެންނެވުމުން މަބުރޫކް ވިދާޅުވީ އެ ވިސްނުން ނެތް ކަމަށެވެ. ނަމަވެެސް ކޮންމެެހެން ސާމްޕަލް ނަގަންޖެހޭ ބަޔަކު ނުވަތަ މީހަކު އެކަމަށް ދެކޮޅު ހަދާނަމަ ކޯޓް އަމުރުގެ ދަށުންވެސް އެކަން ކުރާނެ ކަމަށް ވިދާޅުވިއެވެ.