ހަބަރު

ބަރުލަމާނީ ނިޒާމަކަށް ތާއީދު ކުރަން އިދިކޮޅުން މަޝްވަރާއެއް ނުކުރޭ: އާދަމް ޝަރީފު

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް ތާއީދު ކުރުމާ ގުޅޭ ގޮތުން އިދިކޮޅު ޕީޕީއެމް / ޕީއެންސީ ކޯލިޝަނުން މަޝްވަރާ ކޮށްފައި ނުވާ ކަމަށް އެ ކޯލިޝަންގެ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެ އެވެ.

އާދަމް ޝަރީފު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރު ބަލިކަށިވެ ރައްޔިތުންގެ އިތުބާރެއް ސަރުކާރަށް މިހާރު ނެތް ކަމަށެވެ. އެ ހާލަތުގައި ދެން ޖެހޭނީ ދައުރުމުގެ މެދު ތެރޭގެ ރިޔާސީ އިންތިހާބަކަށް ދިއުން ނުުވަތަ ބަރުލަމާނީ ނިޒާމަކަށް އާންމުންގެ ހިޔާލު ހޯދަން ދިއުން ކަމަށް އޭނާ ވިދާޅުވި އެވެ.

މި ކަމާ ގުޅިގެން އިދިކޮޅު ކޯލިޝަނުން ބަރުލަމާނީ ނިޒާމެއް ގެންނަން ތާއީދު ކުރީ ކަމަށް އަޑުފެތުރުނެވެ. އެ ގޮތަށް ބައެއް މީޑިއާތަކުގައި ރިޕޯޓު ވެސް ކުރި އެވެ.

ނަމަވެސް އާދަމް ޝަރީފު މިއަދު ވިދާޅުވީ އިދިކޮޅު ކޯލިޝަނުން ބަރުލަމާނީ ނިޒާމަކަށް ތާއީދު ކުރުމާ ގުޅޭ ގޮތުން މިހާތަނަށް މަޝްވަރާ ކޮށްފައި ނުވާ ކަމަށެވެ. އަދި ވިދާޅުވީ އޭނާގެ ވިސްނުމާއި އަމާޒު ވެސް ހުންނެވީ އެ ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރަން ކަމަށެވެ.

"ސަރުކާރަށް ގޮތް ނުވީމައި ކުރަން ހުރި ކަނކްަން އަޅުގަނޑަށް ފެންނަ ގޮތަށް ދަންނަވާލީ. އިދިކޮޅުން ބަރުލަމާނީ ނިޒާމަކަށް ތާއީދު ކުރަން މަޝްވަރާ ކުރީއެއް ނޫން. އަޅުގަނޑު ފޯކަސް އޮތީ ރައީސް ޔާމީން މިނިވަން ކުރަން،" އާދަމް ޝަރީފުގެ ޓްވީޓުގައިވެ އެވެ.

އަވަސް އިންތިހާބެއް ނުވަތަ ވެރިކަމުގެ ނިޒާމު ކަނޑައެޅުމުގެ ވޯޓަކާ ގުޅޭ ގޮތުން އާދަމް ޝަރީފު ޓްވީޓެއް ކުރެއްވީ، މަޖިލީހުގެ ޖަލްސާތައް ތަޅުމުގައި ބޭއްވުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމެވުމާ ގުޅިގެން މެންބަރުންގެ މެދުގައި ވެސް ވަރަށް ބޮޑަށް ހިޔާލު ތަފާތުވެފައިވަނިކޮށެވެ.

އާދަމް ޝަރީފް، ނިޒާމް ބަދަލު ކުރުމުގެ ވާހަކަ ދެއްކެވިއިރު، މަޖިލިސް ތަޅުމުގައި ޖަލްސާ ބޭއްވުމަށް ރައީސް މުހައްމަދު ނަޝީދު ނިންމެވި ނިންމެވުމަށް ވެސް ތާއިދު ކުރައްވާ ވެސް އިދިކޮޅު ބައެއް މެންބަރުން ވާހަކަ ދައްކަވާފައިވެ އެވެ.

ރައީސް ނަޝީދު ވެސް މިފަހުން ވަނީ މަޖިލީހުގައި ތިއްބަވާ އިދިކޮޅު ބައެއް މެންބަރުން، ރައީސް އަބްދުﷲ ޔާމީނަށް ތައުރީފް ކުރައްވައި، އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލާފައިވާ ބައެއް ޓްވީޓްތަކެއް ރީޓްވީޓް ކުރައްވާފަ އެވެ.

ބަރުލަމާނީ ނިޒާމަކީ ވެސް ރައީސް ނަޝީދު އަބަދުވެސް ރާއްޖެ ގެނަން ބޭނުންފުޅުވާ ނިޒާމެވެ. 2007 ވަނަ އަހަރު ނިޒާމު ކަނޑައެޅުމަށް ބޭއްވި އިންތިހާބުގައި ވެސް ރައީސް ނަޝީދާއި އެމްޑީޕީން ތާއީދު ކުރީ ބަރުލަމާނީ ނިޒާމަކަށެވެ.

ނަމަވެސް ވެރިކަން ކުރާ ކޯލިޝަންގެ އެހެން ޕާޓީތަކުން ތާއީދު ކުރަނީ ރިޔާސީ ނިޒާމަކަށެވެ. އިދިކޮޅު ކޯލިޝަންގެ ލީޑަރު ރައީސް ޔާމީން ވެސް މިހާތަނަށް ތާއީދު ކުރައްވާފައި ވަނީ ރިޔާސީ ނިޒާމަކަށެވެ.