ހަބަރު

އިދިކޮޅުގެ ވިސްނުން ވެސް ނިޒާމް ބަދަލުކުރުމުގެ ވޯޓާ ދިމާއަށް

ސިޔާސީ މަޝްރަހު މިވަގުތު އެނބުރެމުންދާ މިސްރާބުގެ އިޝާރާތެއް އިދިކޮޅުގެ މެންބަރަކު ދެއްވައިފި އެވެ. މި އިޝާރާތް ދެއްވާފައިވަނީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފެވެ.

އިދިކޮޅަށް ނިސްވަތްވާ މަޖިލީހުގެ މަދު މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ސަރުކާރު ބަލިކަށިވެ އަދި އެންމެ ފަހުން ސަރުކާރު ބައިބައިވެއްޖެ ކަމަށެވެ. ރައްޔިތުންގެ އިތުބާރެއް މިހާރަކު ސަރުކާރަށް ނެތް ކަމަށެވެ.

"ދެން އޮތީ ދެ ގޮތެއް، މިޓް ޓާމް އިލެކްޝަނަށް ދިޔުން ނުވަތަ ޕާޓީ ބަދަލު ނުކުރެވޭ ގޮތަށް ގާނޫނު ބަދަލުކޮށް ބަރުލަމާނީ ނިޒާމަކަށް ރިފަރެންޑަމްއަކަށް ދިޔުން،" އާދަމް ޝަރީފް ވިދާޅުވި އެވެ.

އާދަމް ޝަރީފް މިފަދައިން ޓްވީޓް ކުރައްވާފައިވަނީ މަޖިލީހުގެ ޖަލްސާ ތަޅުމުގައި ބޭއްވުމަށް ރައީސް މުހައްމަދު ނަޝީދު ނިންމެވުމާ ގުޅިގެން މެންބަރުންގެ މެދުގައި ވެސް ވަރަށް ބޮޑަށް ހިޔާލު ތަފާތުވެފައިވަނިކޮށެވެ. ބޮޑަށް ހިޔާލު ތަފާތުވެ ބަހުގެ ރައްދުތައް ދެއްވާފައިވަނީ އެމްޑީޕީގެ މެންބަރުންނެވެ.

އެމްޑީޕީ ބައެއް މެންބަރުން ވަނީ ހުއްދައާ ނުލާ މަޖިލީހުގެ ޖަލްސާއަށް ވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެފަ އެވެ. އަނެއް މެންބަރުން ވިދާޅުވަމުން ގެންދެވީ ހުރަހެއް ނެތް ކަމަށާއި މަޖިލީހަށް ވަޑައިގަންނަވާނެ ކަމަށެވެ. މިހާރު ފުލުހުން ގެންދަނީ މެންބަރުންނަށް ހުއްދަތައް ދެމުންނެވެ.

އާދަމް ޝަރީފް، ނިޒާމް ބަދަލު ކުރުމުގެ ވާހަކަ ދައްކަވާފައިވާއިރު މަޖިލިސް ތަޅުމުގައި ބޭއްވުމަށް ރައީސް ނަޝީދު ނިންމެވި ނިންމެވުމަށް ވެސް ތާއިދު ކުރައްވާ އިދިކޮޅު މެންބަރުން ވާހަކަ ދައްކަވާފައިވެ އެވެ. ރައީސް ނަޝީދު ވެސް މިފަހުން ވަނީ އިދިކޮޅު މެންބަރުން، ރައީސް އަބްދުﷲ ޔާމީނަށް ތައުރީފް ކުރައްވައި، އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލާފައިވާ ބައެއް ޓްވީޓްތައް ރީޓްވީޓް ކުރައްވާފަ އެވެ.

ރާއްޖެ ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަކީ ރައީސް ނަޝީދު ބޭނުންފުޅުވާ ގޮތެވެ. އެންމެ ފުރަތަމަ ނިޒާމް ކަނޑައެޅުމަށް ބޭއްވި އިންތިހާބުގައި ވެސް އެމްޑީޕީއިން ތާއިދުކުރީ ބަރުލަމާނީ ނިޒާމަށެވެ. މިހާރުގެ އިދިކޮޅުން ތާއިދު ކުރީ ރިޔާސީ ނިޒާމަށެވެ. އިދިކޮޅު ލީޑަރު، ރައީސް އަބްދުﷲ ޔާމީން ވެސް ތާއިދު ރިޔާސީ ނިޒާމަށެވެ.

ނަމަވެސް މިހާރު ސަރުކާރުގެ އިސް ސަފުގައި ތިއްބެވި ބޭފުޅުން، ރައީސް ނަޝީދު ބޭނުންފުޅުވާ ގޮތަށް މިވަގުތު ނިޒާމް ބަދަލު ކުރުމަށް ބޭނުން ނުވާ ކަމަށްވެ އެވެ. އެކަމާ ގުޅިގެން ސަރުކާރު އިސް ބޭފުޅުންގެ މެދުގައި ހިޔާލު ތަފާތުވެފައިވެ އެވެ. މިފަހުން ބައެއް ބޭފުޅުން ފާޅުގައި ވެސް މިއީ ވަގުތީ ސަރުކާރެއް ކަމެއްގެ ބަހުސް ކުރެއްވި އެވެ.