ރައްޔިތުންގެ މަޖިލިސް

އޮޅުވާލައިގެން އިދިކޮޅު މެންބަރުންނާ މަޝްވަރާކުރަން މަސައްކަތްކޮށްފި

Oct 25, 2021
3

ކުރިން އެންގުމަކާ ނުލައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ މެންބަރުންނާ ކުއްލި ގޮތަކަށް ބައްދަލުކުރައްވާ އެ ބޭފުޅުންނާ އެކު ސިޔާސީ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު މަސައްކަތް ކުރައްވައިފި އެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވީ އިދިކޮޅު މެންބަރުން މިއަދު މަޖިލީހުގެ މަސައްކަތްތަކުގައި އުޅުއްވަނިކޮށް އެ ބޭފުޅުންނާ ބައްދަލުކުރެއްވުމަށް އެދިވަޑައިގެން ރައީސް ނަޝީދުގެ ޕާސަނަލް ސެކްރެޓަރީ ގުޅުއްވި ކަމަށެވެ. އޭނާ ގުޅުއްވުމުން އެއީ މަޖިލީހުގެ މަސައްކަތްތަކާ ގުޅޭ ބައްދަލުވުމެއް ކަމަށް ދެކެވަޑައިގެން ރައީސް ނަޝީދާ ބައްދަލުކުރެއްވުމުން އެމަނިކުފާނު މަސައްކަތް ކުރެއްވީ އިދިކޮޅު ކޯލިޝަނާ އެކު ސިޔާސީ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ކަމަށްވެސް ވިދާޅުވި އެވެ.

"އެކަމަކު އަޅުގަނޑުމެން ދެންނެވިން ސިޔާސީ އެއްވެސް ކަމެއްގައި މަޝްވަރާ ކުރާނީ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމުން ކަމަށް. ރައީސް ޔާމީނާ ނުލައި ސިޔާސީ އެއްވެސް މަޝްވަރާއަކަށް ނުދާނެ ކަމަށްވެސް ދެންނެވިން،" އާދަމް ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައީސް ނަޝީދު މަޝްވަރާ ކުރައްވަން މިއަދު ބޭނުންފުޅުވީ ގާނޫނުއަސާސީ އިސްލާހުކުރުމާ ގުޅޭގޮތުން ކަމަށެވެ. އެ މަސައްކަތް ކުރިއަށް ގެންދަން ބޭނުންވަނީ އިދިކޮޅުގެ ބައިވެރިވުމާ އެކުގައި ކަމަށް ރައީސް ނަޝީދު ދެންނެވި ކަމަށްވެސް ވިދާޅުވި އެވެ.

ރައީސް ނަޝީދު އިދިކޮޅު މެންބަރުންނާ ބައްދަލުކުރެއްވުމަށް މަޖިލީހުގެ އިދާރާގައި ބޭއްވި ބައްދަލުވުމުގައި އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އެކަމަށް އިޝާރާތް ކުރައްވާ އާދަމް ޝަރީފް ވިދާޅުވީ މަޖިލީހުގެ އިދާރާގައި އިދިކޮޅު މެންބަރުންނާއި އެކު އެމްޑީޕީގެ ބައްދަލުވުމެއް ބާއްވާނަމަ ދުރަލައި އެވާހަކަ ދަންނަވަން ވާނެ ކަމަށެވެ. އެކަމަކު ބައްދަލުވުމަށް ދައުވަތު ދެއްވިއިރު އެކަހަލަ އެއްވެސް ވާހަކައެއް ދަންނަވާފައި ނުވާ ކަމަށްވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބައްދަލުވުމަށް ފުރަތަމަ ދިޔައިރު އެތަނުގައި ސިއްޕެ ވަޑައިގެން ނޫޅުއްވާ. މުޅިން ވެސް އެމްޑީޕީގެ މަޖިލިސް މެންބަރުން ތިއްބެވީ. އެކަމަކު އިރުކޮޅެއް ފަހުން އަޅުގަނޑުމެންނަށް ފެނުނީ ސިއްޕެ ވަޑައިގެންނެވި ތަން. އެ ހިސާބުން ދެން އަޅުގަނޑުމެން ދެންނެވި ސިޔާސީ މަޝްވަރާއެއް ނުކުރެއްވޭނެ ކަމަށް. އެހެން އަޅުގަނޑުމެން ދެންނެވީމާ ބައްދަލުވުން ދެން ކުރިއަކަށް ނުދިޔަ،" އާދަމް ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބައްދަލުވުމުގައި މަޝްވަރާ ކުރަން ވަކި ހާއްސަ އެޖެންޑާއެއް އެއްތޯ ރައީސް ނަޝީދާ ސުވާލުކުރެއްވުމުން އެފަދަ ވަކި ހާއްސަ އެޖެންޑާއެއް ނެތް ކަމަށް ވިދާޅުވި ކަމަށެވެ. އެ ސުވާލު ކުރެއްވީ ބަރުލަމާނީ ނިޒާމު ގެނައުމަށް އެމަނިކުފާނު މަސައްކަތް ކުރައްވާތީ ގާނޫނުއަސާސީ އިސްލާހު ކުރާއިރު އެފަދަ ކަމެއް އުޅޭތޯ ޔަގީންކޮށްލުމުގެ ގޮތުން ކަމަށްވެސް ވިދާޅުވި އެވެ. ރައީސް ޔާމީން ނެތް ހާޒިރެއްގައި މަޝްވަރާ ކުރެވެން ނެތް ކަމަށް އިދިކޮޅު މެންބަރުން ދެންނެވުމުން ރައީސް ނަޝީދު އެކަން ގަބޫލުކުރެއްވި ކަމަށްވެސް ވިދާޅުވި އެވެ.

އާދަމް ޝަރީފް އިތުރަށް ވިދާޅުވީ އެމްޑީޕީގައި މިއަދު އެންމެ ބާރުގަދަ ފަރާތަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ކަމަށެވެ. ލިސްޓުގެ ދެވަނައިގައި އޮތީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކަމަށެވެ. ރައީސް ނަޝީދުގެ ނަން މިވަގުތު އޮތީ އެ ލިސްޓްގެ ތިންވަނައިގައި ކަމަށްވެސް ވިދާޅުވި އެވެ.

"އެހެންވެގެން ހަގީގަތުގައި ރައީސް ނަޝީދު އެ މަސައްކަތް ކުރައްވަނީ ސިޔާސީ ގޮތުން ވަރުގަދަ ޕްލެޓްފޯމެއް ހޯދުމަށް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" އާދަމް ޝަރީފް ވިދާޅުވި އެވެ.

ޕީޕީއެމްއާ މަޝްވަރާކޮށްގެން ސިޔާސީ މަސައްކަތް ކުރަން ބޭނުންވާ ކަމަށް ރައީސް ނަޝީދު މީގެކުރިން ދެ ފަހަރަކު ވިދާޅުވެފައިވެ އެވެ. ނަމަވެސް ރައީސް ނަޝީދާ އެކު ކުރާނެ މަޝްވަރާއެއް ނެތް ކަމަށް ޕީޕީއެމުން ގެންދަނީ ތަކުރާރުކޮށް ބުނަމުންނެވެ.