ސަލްމާން ހާން

ސަލްމާންގެ "ރެޑީ"ގެ އެކްޓަރު މޯހިތު މަރުވެއްޖެ

ކޮމެޑިއަން-އެކްޓަރު މޯހިތު ބަގެލް މަރުވެއްޖެ އެވެ. އުމުރުން 27 އަހަރުގެ މޯހިތު މަރުވީ ކެންސަރު ބަލީގަ އެވެ. މޯހިތުގެ ފިލްމީ ކެރިއަރު ފެށީފައިވަނީ ޓީވީ ޝޯ ތަކުގައި ކޮމެޑީ ރޯލުތަކުންނެވެ. އަދި ފަހުން ބައެއް ހިންދީ ފިލްމުތަކުގައި ވެސް އޭނާ ވަނީ މަޖާ ރޯލުތައް ކުޅެފަ އެވެ.

ގިނަ ބަޔަކަށް މޯހިތު އެންމެ ބޮޑަށް ފާހަގަ ކުރެވި އޭނާއަށް މަޝްހޫރުކަން ލިބުނީ ސަލްމާން ޚާންގެ "ރެޑީ" އިންނެވެ. މި ފިލްމުގައި މޯހިތު ކުޅުނީ ޗޯޓޭ އަމަރް ޗައުދަރީގެ ރޯލެވެ.

"ރެޑީ"ގެ އިތުރުން "މިލާން ޓޯކީޒް"، "ޔޫވާ"، "ޖަބަރިޔާ ޖޯޅީ" ފަދަ ފިލްމުތަކުގައި ވެސް މޯހިތުގެ ރޯލުތައް ހިމެނެ އެވެ.
ޑައިރެކްޓަރު ރާޖް ޝާންޑަލިޔާ ކުރި ޓުވީޓެއްގައި މޯހިތު މަރުވެއްޖެ ކަމަށް ބުނެ އޭނާގެ އާއިލާއަށް ތައުޒިޔާ ފޮނުވާފައި ވެއެވެ. އަދި "ޖަބަރިޔާ ޖޯޅީ"ގައި މޯހިތު އާއެކު މަސައްކަތްކުރި ބަތަލާ ޕަރިނީތީ ޗޯޕްޅާ ވެސް ވަނީ މޯހިތު މަރުވުމުގެ ހިތާމައިގައި ޓުވީޓެއް ކޮށްފަ އެވެ.

"މޯހިތު އަކީ އަހަރެންނާއެކު މަސައްކަތްކުރި އެންމެންގެ ތެރެއިން އެންމެ ރަނގަޅު އެކަކު. ވަރަށް އުފާވެރި މިޒާޖެއްގެ ޕޮޒިޓިވް އަދި ހިތްހަމަޖެހޭ ގޮތަކަށް އުޅުނު މީހެއް،" ޕަރިނީތީގެ މެސެޖުގައި ބުނެފައި ވެއެވެ.

މޯހިތު މަރުވިއިރު އޭނާ ދިޔައީ ޔާޝްރާޖް ފިލްމްސްގެ "ބަންޓީ އައުރް ބަބްލީ 2" ގެ މަސައްކަތް ކުރަމުންނެވެ. މިދިޔަ ޖެނުއަރީން ފެށިގެން އޭނާ މި ފިލްމުގެ ޝޫޓިންގްގައި ބައިވެރިވެފައިވާ ކަމަށް އިންޑިޔާގެ ނޫސްތަކުން ބުނެ އެވެ.
މިއީ ސިދާންތު ޗަތުރަވޭދީ އާއި ޝަރްވަރީ އަދި ރާނީ މުކަރުޖީ އާއި ސައިފް އަލީ ޚާން މުހިއްމު ރޯލުތައް އަދާކުރާ ފިލްމެކެވެ.