ހަބަރު

ސަރުކާރު އޮތީ ސެކަންޑްހޭންޑް ވެންޓިލޭޓަރެއްގައި: އަދުރޭ

May 26, 2020
6

ސަރުކާރު އޮތީ ޕެރެލައިޒްވެ، ސެކަންޑް ހޭންޑް ވެންޓިލޭޓަރެއްގެ އެހީގައި ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

އަދުރޭ މިއަދު ވިދާޅުވީ ސަރުކާރުގެ ހުރިހާ ގުނަވަނެއް މިހާރު ޕެރެލައިޒްވެފައިވާތީ ސަރުކާރު މިވަގުތު އޮތީ ސެކަންޑް ހޭންޑް ވެންޓިލޭޓަރެއްގެ އެހީގައި ކަމަށެވެ. ޕެރެލައިޒްވެފައި ހުރި ގުނަވަންތަކަށް ފަރުވާ ކުރަންދާ ހަރަދަށްވުރެ ވެންޓިލޭޓަރު ރިޕެއާ ކުރަންދާ ހަރަދު މާ ބޮޑު ކަމަށް ވެސް އަދުރޭ ސިފަ ކުރެއްވި އެވެ.

އޭނާ ސަރުކާރަށް ފާޑު ކިޔާފައި ވަނީ ބަރުލަމާނީ ނިޒާމް ގެނައުމަށް އެމްޑީޕީއާއެކު މަޝްވަރާކޮށްފައިވާ ކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށެވެ. ނަމަވެސް އަދުރޭ ވިދާޅުވީ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ފުރޮޅައިލަން ތާއީދު ކުރަން ޕީޕީއެމާއި ޕީއެންސީން ނިންމާފައި ނުވާ ކަމަށެވެ. އިދިކޮޅުގެ މަސައްކަތަކީ ސަރުކާރުން ހަދާ ގޯސްތައް ރައްޔިތުންނަށް ތިލަކޮ ށްދިނުމާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކޮށް އަލުން އެ މަނިކުފާނު ވެރިކަމަށް ގެނައުން ކަމަށެވެ.

ބަރުލަމާނީ ނިޒާމަށް އިދިކޮޅުން ތާއީދު ކުރާ ކަމުގެ އަޑު ފެތުރިފައިވާ އިރު ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ މަޖިލީހުގައި ތިއްބަވާ އިދިކޮޅު ބައެއް މެންބަރުން ރައީސް އަބްދުﷲ ޔާމީނަށް ތައުރީފު ކުރައްވާ އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލާފައިވާ ބައެއް ޓްވީޓްތަކެއް ރީޓްވީޓް ކުރައްވާފަ އެވެ. އަދި އެމްއެމްޕީއާރްސީގެ މައްސަލާގައި ހަމަ އެކަނި ރައީސް ޔާމީން ޖަލަށް ލުމަކީ އިންސާފެއް ނޫން ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ.

ބަރުލަމާނީ ނިޒާމަކީ ރާއްޖެއަށް ގެނައުމަށް ރައީސް ނަޝީދު ބޭނުންފުޅުވެ ވަކާލަތު ކުރައްވާ ނިޒާމެވެ. މީގެ ކުރީން 2007 ވަނަ އަހަރު ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ބޭއްވި ރެފެރަންޑަމްގައި ވެސް ރައީސް ނަޝީދާއި އެމްޑީޕީން ތާއީދު ކުރީ ބަރުލަމާނީ ނިޒާމަކަށެވެ.

މިހާރު ވެރިކަމުގައި އޮތް ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އެހެން ޕާޓީތަކުން ތާއީދު ކުރަނީ ރިޔާސީ ނިޒާމަކަށެވެ. އިދިކޮޅު ކޯލިޝަންގެ ލީޑަރު ރައީސް ޔާމީން ވެސް މިހާތަނަށް ތާއީދު ކުރައްވާފައި ވަނީ ރިޔާސީ ނިޒާމަކަށެވެ.