ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދިވެހި ރާއްޖެ އަލުން ހުޅުވާލުން

ޖުލާގައި ހުޅުވަންޖަހާ ފަލިން ފެންނަ ހިސާބު!

ގައުމު ހުޅުވާލައި އިގްތިސޯދީ މަސައްކަތް ނުފަށާ ވާކަށް ނެތެވެ. އެކަމަކު ހުޅުވާލަން ވިޔަސް ރައްކާތެރި ކަމުން އަތް ދޫ ކޮށްލައިފިނަމަ އެތައް ބައެއްގެ ފުރާނަ ދޫވެ، ބޮއްސުންލައިފާނެ ކަމީ ވެސް އޮތް ހަގީގަތެކެވެ. އެހެންވެ އެންމެ ފުރަތަމަ ޖެހެނީ ކޮވިޑު-19 ގެ ބަލާއާފާތުން ގައުމު ސަލާމަތް ކުރާށެވެ. އެކަން ވޭތޯ ސަރުކާރުން ގަދަ ކަނޑެއްގައި ފަލި ޖަހަމުން ދާއިރު، އިކޮނޮމީ ހުޅުވާނެ ގޮތުގެ ރޭވުންތަކުގެ ދެލިކޮޕީ ވެސް ދަނީ ލިޔެ ކުރަހަމުންނެވެ.

އެކަމަށް ތައްޔާރު ވުމުގެ ގޮތުން އެކި މަރުހަލާތަކަށް އެކި ނާޅިން މިނައިގެން ހިސާބުތައް ޖަހައި އަދަދުތައް ވެސް އެބަލިޔެ އެވެ. އެ ގޮތުން އަންނަ ޖުލައި މަހު ރާއްޖޭގެ މައި ދޮރޯށި ހުޅުވާލުމަށް މިހާރު ވަނީ ބޮޑެތި އަދަދު ތަކުން ހިސާބުތައް ޖަހާފަ އެވެ. ހުޅުވައިފިނަމަ ލިބޭނެ އާމްދަނީގެ އަދަދުތަކާއި ނުހުޅުވިއްޖެނަމަ ލިބޭނެ ގެއްލުމުގެ ހިސާބު އަދަދު ވެސް ހިމަނައިގެނެވެ.

އިގްތިސޯދު ހުޅުވައިލަން ސަރުކާރުން ދުރުމި އަޅައިގެން ހަ ހާލަތެއް ބަލާފައިވެ އެވެ. މިވަގުތު ސަރުކާރު ދަތުރު ކުރަމުން ދަނީ މީގެ ތެރެއިން ތިންވަނަ ހާލަތު ނުވަތަ މަރުހަލާގައި ކާމިޔާބު ވޭތޯ ބަލަން އެ ދިމާއަށެވެ. ފިނޭންސް މިނިސްޓްރީން ކޮށްފައިވާ ދިރާސާގެ މައްޗަށް ބަލައި އެކުލަވާލާފައި ހިސާބުތަކުގައި ޝައުގުވެރި އަދަދު ތަކެއް ފާހަގަ ކޮށްފައިވެ އެވެ.

ޓޫރިޒަމް ހުޅުވާލުމުން ވާނެ ގޮތް

ޖުލައި މަހު ޓޫރިޒަމް ހުޅުވާލި ނަމަވެސް ޓޫރިސްޓުން އަންނަ އަދަދު 50 ޕަސެންޓް ދަށްވެ، ޓޫރިސްޓުން ހޭދަ ކުރާ ބެޑް ނައިޓްސް 39 ޕަސެންޓް ދަށް ވާނެ އެވެ. އަދި ޖޫންގެ ނިޔަލަށް އޮން އެރައިވަލް ވިސާ ދޫކުރި ނަމަވެސް ޓޫރިސްޓަކު ނާންނާނެ އެވެ. އޮންއަރައިވަލް ވިސާ އަލުން ދޫކުރަން ފަށާ ފަހުން ތިން މަހުގެ ރިކަވަރީ މުއްދަތެއް ނަގާނެ އެވެ.

ކޮވިޑްގެ ވައިރަސް ފެތުރުމުގެ ސަބަބުން ކުރިން ޓްރެވަލް ރެސްޓްރިކްޝަން ލެވުނު މާކެޓުތަކުގެ ރިކަވަރީ 97 ޕަސެންޓް ދަށް ވާނެ އެވެ. އެހެން ގައުމުތަކުގެ ރިކަވަރީ ވެސް ފަސް ޕަސެންޓް ދަށްވާނެ އެވެ. އެހެންވެ ސެޕްޓެންބަރުގެ ނިޔަލަށް ވެސް ޓޫރިސްޓަކު ނާންނާނެ އެވެ. ރިކަވަރީ މުއްދަތަށް ފަހު، ޓޫރިސްޓުން އަންނަ މިންވަރު އިތުރު ވަމުން ދާނެ އެވެ.

ރާއްޖޭގެ އިގްތިސޯދީ އުފެއްދުންތެރި ކަމުގެ 25 ޕަސެންޓް ޓޫރިޒަމް ސިނާއަތުން ސީދާ ހިއްސާ ކުރާއިރު، ނުސީދާކޮށް މި ހިއްސާ 70 ޕަސެންޓަށްވުރެ މައްޗެވެ. އެހެންވެ މި އަހަރުގެ ތެރޭގައި ޓޫރިސްޓުން ޒިޔާރަތް ކުރާނެ މިންވަރު ބޮޑު ތަނުން ދަށްވާނެ ކަމަށް ބެލެވެ އެވެ. އަދި ޖުމްލަކޮށް އިގްތިސޯދުގެ އުފެއްދުންތެރިކަން ވެސް ދަށްވާނެ އެވެ.

ޓޫރިޒަމް ސިނާއަތުގެ އިތުރުން ވެސް ގިނަ ސިނާއަތް ތަކުގެ އުފެއްދުންތެރިކަން މި އަހަރު ބޮޑުތަނުން ދަށްވާނެ އެވެ. އޭގެތެރޭގައު އިމާރާތް ކުރުމުގެ ދާއިރާ އާއި ވިޔަފާރީގެ ދާއިރާ މުވާސަލާތުގެ ދާއިރާ ހިމެނެ އެވެ.

އާމްދަނީގެ ލޮޅުން ބޮޑު ވާނެ

ޓޫރިޒަމް ސިނާއަތު ދަށްވުމުގެ ސަަބަބުން ދައުލަތުގެ މާލިއްޔާއަށް ބޮޑު ގެއްލުމެއް ވެގެންދާނެ އެވެ. މި އަހަރު ފާސް ކޮށްފައިވާ ބަޖެޓުގައި ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 30 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވެ އެވެ.

އޭގެ ތެރެއިން ޓެކުހުގެ ގޮތުގައި 3.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ހިމަނާފައި އޮތްއިރު، ޓެކްސް ނޫން ގޮތްގޮތުން 8.4 ބިލިއަން ރުފިޔާ ހިމަނާފައި ވެއެވެ. އަދި ހިލޭ އެހީގެ ގޮތުގައި 9.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓު ކުރި އެވެ. ނަމަވެސް މީގެ ތެރެ އިން ބޮޑު އަދަދެއް މި އަހަރު ނުލިބޭނެ އެވެ.

ސަރުކާރުން އިގްތިސޯދު ހުޅުވާލަން މިހާރު އެ މަސައްކަތް ކުރާ ގޮތަށް ކުރިއަށް ގެންގޮސްފި ނަމަ މި އަހަރު ޓެކުހުގެ ގޮތުގައި ލިބޭނީ 9.5 ބިލިއަން ރުފިޔާ އެވެ. އަދި ޓެކްސް ނޫން ގޮތް ގޮތުން ތިން ބިލިއަން ރުފިޔާ ލިބޭއިރު، ހިލޭ އެހީގެ ގޮތުގައި އެންމެ ގިނައިން ވެސް ލިބޭނެ ކަމަށް އަންދާޒާ ކުރެވެނީ 2.9 ބިލިއަން ރުފިޔާ އެވެ. އެހެންވެ މި އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި ލިބޭނީ ގާތްގަނޑަކަށް 15.2 ބިލިއަން ރުފިޔާ އެވެ. އެހެން ކަމުން މި އަހަރު ދައުލަތުގެ އާމްދަނީ އިން 14.6 ބިލިއަން ރުފިޔާ މަދު ވެގެންދާނެ އެވެ.

ބޮޑު ވާނީ ސިއްހީ ހަރަދުތައް

އިގްތިސޯދު ހުޅުވެން އޮތީ ކޮވިޑް-19 މައިތިރި ކޮށްގެނެވެ. އެހެންވެ ސިއްހީ ދާއިރާއަށް ބޮޑު ހޭދައެއް ކުރަން ޖެހެ އެވެ. ފިނޭންސް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުގައި މިހާތަނަށް 800 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ކޮވިޑުގެ އޮޕަރޭޝަނަށް ހޭދަ ކޮށްފައިވެ އެވެ. މީގެތެރެއިން ބޮޑުބައި ހޭދަވެފައި ވަނީ ސިއްހީ ދާއިރާގެ މީހުން ބޭނުންކުރާ އާލާތާއި ބޭސް ހޯދާށެވެ. އަދި މިކަމަށް ހާއްސަ ވަސީލަތްތަކާއެކު އޮޕަރޭޝަން ހިންގާށެވެ.

ދަރަނި ތިރި ކުރުމުގައި ބޮލުގެ ރިހުން

ސަރުކާރުން ވަނީ ހަރަދު ކުޑަ ކުރަން ފިޔަވަޅު ތަކެއް ވެސް އަޅާފަ އެވެ. ސިޔާސީ މުވައްޒަފުންނާއި މިނިވަން މުވައްސަސާތަކާއި ސަރުކާރު ކުންފުނިތަކުގެ މުސާރަތައް ވެސް ވަނީ ކުޑަކޮށްފަ އެވެ. މި ފިޔަވަޅުތަކާއެކު 15 މިލިއަން ރުފިޔާވަރު ސަލާމަތް ކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އަންދާޒާ ކުރައްވަ އެވެ.

މި އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ގޮތުން 6.1 ޕަސެންޓް ޑެފިސިޓް ވާނެ އެވެ. ނަމަވެސް މިހާރު އަންދާޒާ ކުރެވޭ ގޮތުގައި މި އަހަރުގެ ބަޖެޓު ޑެފިސިޓް ހުންނާނީ 7.13 ޕަސެންޓާއި 9.22 ޕަސެންޓުގަ އެވެ. އެހެންވެ މި ވަރުން ބަޖެޓު ފޫބައްދާ ކަމަށްވާނަމަ އިތުރަށް 13 ބިލިއަން ރުފިޔާ އާއި 16 ބިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް ހޯދަން ޖެހޭނެ އެވެ. މިއީ ސަރުކާރަށް ކުރިމަތިވާނެ ޗެލެންޖެކެވެ. މިހާތަނަށް ލިބޭނެ ކަމަށް ޔަގީންވެފައި ވަނީ 290 ވަރަކަށް މިލިއަން ޑޮލަރެވެ.

ދަރަނި މަތިވަމުން ހަލުއި ވެފައި

ސަރުކާރުން ކުރިން އަންދާޒާ ކޮށްފައިވާ ގޮތުން މި އަހަރު ނިމޭއިރު ގެރެންޓީ ނުހިމަނައި ރާއްޖޭގެ ދަރަނި ހުންނާނީ 67 ބިލިއަން ރުފިޔާގަ އެވެ. ނަމަވެސް މިހާރުގެ ހާލަތުގައި އިގްތިސޯދު ހުޅުވާލި ނަމަވެސް ގެރެންޓީ ނުހިމަނައި ރާއްޖޭގެ ދަރަނި 70 ބިލިއަން ރުފިޔާއަށް އިތުރުވާނެ އެވެ. މިއީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާނަމަ 86 ޕަސެންޓެވެ.

މިހާރު ދިމާވެފައިވާ ހާލަތާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ލިކުއިޑިޓީ މަދުވެ، އިންވެސްޓަރުންގެ ހަރަކާތްތައް ވަނީ ގާތްގަނޑަކަށް ހުއްޓުމަކަށް އައިސްފަ އެވެ. އެހެންވެ މިފަދަ ދަނޑިވަޅެއްގައި މާކެޓުން ދަރަނި ނަގާނަމަ، އެކަން ކުރަންޖެހޭނީ ބޮޑު ހަރަދެއް މުސްތަގުބަލުގައި ކުރަންޖެހޭނެ ގޮތަށެވެ.

ރާއްޖެ ސޮވްރިން ކްރެޑިޓް ކޮށްފައިވާ ފިޗުގެ ރޭޓިން ވަނީ ބީ ޕްލަސް އިން ބީއަށް ޑައުން ގްރޭޑްކޮށްފަ އެވެ. އަދި މޫޑީސް އިންވެސް ދާދިފަހުން ވަނީ ރާއްޖޭގެ ރޭޓިން ދަށްކޮށްފަ އެވެ. މި ބަދަލުގެ ސަބަބުން ރާއްޖެ އިން 2017 ވަނަ އަހަރު 0.7 ޕަސެންޓުގެ ކޫޕަން ރޭޓެއްގައި އިޝޫ ކުރި ބޮންޑުގެ "މިޑްޔީލްޑް ޓު މެޗޫރިޓީ" މިހާރު ހުރީ 15 ޕަސެންޓަށްވުރެ މަތީގަ އެވެ. މީގެ މާނައަކީ މިހާރު ސަރުކާރުން ބޮންޑެއް އިޝޫ ކުރާނަމަ، ކޫޕަން ރޭޓެއްގެ ގޮތުގައި މަދުވެގެން 15 ޕަސެންޓް ދައްކަން އެއްބަސްވާންޖެހޭނެ އެވެ. އެހެންވެ، މި ހާލަތުގައި މާކެޓުން ދަރަނި ނެގުމަކީ ކުރެވޭނެ ކަމެއް ކަމަކަށް ނުބެލެވެ އެވެ.

މިއީ ޖުލައި މަހު ހުޅުވާލާނަމަ އޮތް ގޮންޖެހުންތަކެވެ. އަދި އިގްތިސޯދު ހުޅުވުން ލަސްވާނަމަ މި ހިސާބުތައް ބޮޑުތަނުން މަތިވަމުން ދާނެ އެވެ. އޭރުން ޖަހަން ޖެހޭ ހިސާބުގެ އަދަދުތައް ވެސް ދާނީ ބަދަލުވަމުންނެވެ. ގެއްލުން ވެސް ބޮޑު ވަމުން ދާނެވެ.