ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ވެކްސިނެއް ހޯދެންދެން ފިލިޕީންސްގައި ސްކޫލުތައް ނުހުޅުވާނެ

May 27, 2020
1

ކޮވިޑް-19 އިގެ ވެކްސިނެއް ހޯދެން ދެން ފިލިޕީންސްގެ ދަރިވަރުން އެނބުރި ސްކޫލަށް ދިއުމުގެ ހުއްދަ ނުދެއްވާނެ ކަމަށް އެގައުމުގެ ރައީސް ރޮޑްރިގޯ ޑުޓާޓެ ވިދާޅު ވެއްޖެ އެވެ.

މިދިއަ ހޯމަ ދުވަހު ގައުމާ މުހާތަބު ކުރައްވަމުން ޑުޓާޓެ ވިދާޅުވީ ކޮވިޑް-19 އަށް އަދި ވެކްސިނެއް ހޯދިފައި ނުވާއިރު، ސްކޫލުތައް އަލުން ހުޅުވާލުމާއެކު އިތުރު ކާރިސާއެއް ކުރިމަތިވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

"ދަރިވަރުން ކައިރި ކައިރީގައި ތިބޭ ގޮތަށް ކުލާސްތައް ހުޅުވައެއް ނުލާނަން. އެ ކުދީންގެ ރައްކާތެރިކަން ކަށަވަރު ނުކުރެވޭ ހާލަތެއްގައި ސްކޫލުތައް ހުޅުވާލުމުގެ ވާހަކައަކީ ބޭކާރު ކަމެއް،" އެމަނިކުފާނު ވިދާޅުވި އެވެ.

ކޮވިޑް-19 އިން ފެތުރުން ހުއްޓުވުމުގެ ފިޔަވަޅެއްގެ ގޮތުން، 25 މިލިއަނެއްހާ ޕްރައިމަރީ އަދި ސެކަންޑަރީ ދަރިވަރުންގެ ކިޔެވުން ހުއްޓުނީ މިދިއަ މާޗު މަހުގެ ތެރޭގަ އެވެ. އޯގަސްޓު މަހުގެ ނިޔަލަށް ސްކޫލުތައް އަލުން ހުޅުވާލަން މީގެ ކުރިން ރޭވި ނަމަވެސް، ދަރިވަރުންނަށް އޮތް ނުރައްކާ މާ ބޮޑު ކަމަށް ޑުޓާޓެ ވަނީ ވިދާޅުވެފަ އެވެ.

ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރަމުންދިއަ ނަމަވެސް، އެކަން ކާމިޔާބުވާން އަދި މަދު ވެގެން ދޮޅު އަހަރެއްހާ ދުވަސް ނަގާނެ ކަމަށް ސިއްހީ މާހިރުން ގެންދަވަނީ ވިދާޅުވަމުންނެވެ.

"ފުރަތަމަ ވެކްސިނެއް ހޯދެން ޖެހޭ. މިހާރު ވެސް ވެކްސިނެއް އޮތް ނަމަ، މައްސަލައެއް ނެތް. އެއްވެސް ދަރިވަރަކު ގްރެޖުއޭޓު ނުވާނަމަ ދެން އޭގައި ކުރެވޭނެ ކަމެއް ނެތް،" ޑުޓާޓެ ވިދާޅުވި އެވެ.

މިދިއަ ހޯމަ ދުވަހާ ހަމައަށް ފިލިޕީންސްގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 14،300 އަށް ވުރެ މައްޗަށް އަރާފައިވާއިރު، އޭގެ ތެރެއިން މިހާތަނަށް 870 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.