ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ފިލިޕީންސް: ކާފިއުއާ ހީލަފުވުމުން ބަޑިޖަހައި މަރާލައިފި

Apr 6, 2020
3

މެނީލާ (އޭޕްރީލް 6) - ކޮވިޑް-19 އާ ގުޅިގެން ފިލިޕީންސްގައި ހިންގާފައިވާ ކާފިއު އާ ހިލާފުވެ، ތޫނު ހަތިޔާރެއް ހިފައިގެން ފުލުހުންނަށް އިންޒާރުދިން މީހެއްގެ ގަޔަށް ބަޑިޖަހައި މަރާލައިފި އެވެ.

ފިލިޕީންސްގެ ރަށްފުށު ހިސާބެއްގައި، 63 އަހަރުގެ އެ މީހާ މަސްތުގެ ހާލަތުގައި ހުރެގެން، އެ ހިސާބުގައި ގާއިމު ކޮށްފައިހުރި ޗެކްޕޮއިންޓެއްގައި ތިބި ފުލުހުންނަށް އިންޒާރުދީ ބިރު ދައްކަމުން ދިޔަ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އަދި ސިއްހީ އޮފިޝަލުން ތަކުރާރުކޮށް ދެމުންދިޔަ ނަސޭހަތްތައް އަޑު ނާހައި، އޭނާ އަތުގައި އޮތް ތޫނު އެއްޗަކުން ހަމަލާ ދޭން މަސައްކަތްކޮށްފައިވާ ކަމަށްވެ އެވެ. އެ މީހާގެ ގަޔަށް ބަޑި ޖެހީ، އެ މީހާ ހުއްޓުވަން އެތަނުގައި ހުރި ފުލުހަކު ކުރި މަސައްކަތުގެ ތެރެއިން ކަމަށް، ކަމާބެހޭ އޮފިޝަލަކާ ހަވާލާދީ ބައެއް މީޑިއާ ރިޕޯޓުތަކުގައި ބުނެފައިވެ އެވެ.

މި ހާދިސާ ހިނގާފައިވަނީ، ލޮކްޑައުންއާ ހިލާފުވާ މީހުންގެ ގަޔަށް ބަޑިޖަހައި، މަރާލުމުގެ ބާރު ސަލާމަތީ ބާރުތަކަށް ދޭނެ ކަމުގެ އިންޒާރު އެ ގައުމުގެ ރައީސް ރޮޑްރިގޯ ޑުޓާޓެ ދެއްވާފައި ވަނިކޮށެވެ.

ޓީވީ މެދުވެރިކޮށް މިދިޔަ ބުދަ ދުވަހުގެ ރޭ ގައުމާ މުހާތަބުކޮށް ޑުޓާޓެ ވިދާޅުވި ގޮތުގައި، ކަމާބެހޭ އިދާރާތަކުން އަންގާ އެންގުތަކާ އެއް ގޮތަށް އަމަލު ކުރުމަކީ މި ދަނޑިވަޅުގައި ގައުމަށް އެންމެ ބޭނުން ގޮތް ކަމަށެވެ.

"އަދި ސިއްހީ ހިދުމަތް ކުރައްވާ ބޭފުޅުންނާއި ޑޮކްޓަރުންނަށް ގެއްލުމެއް ދިނުމަކީ ވަރަށް ސީރިއަސް ކުށެއް. އެހެންކަމުން، އެ މީހުންގެ ފުރާނައަށް ނުރައްކާވާ ގޮތަށް ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރާ މީހުންގެ ގަޔަށް ބަޑިޖަހައި، މަރާލަން އަޅުގަނޑު ވާނީ ސަލާމަތީ ބާރުތަކަށް އަމުރު ކޮށްފައި،" ޑުޓާޓެ ވިދާޅުވި އެވެ.

ފިލިޕީންސްގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 3،094 އަށް އަރާފައިވާއިރު، އޭގެ ތެރެއިން މިހާތަނަށް 144 މީހަކު ވަނީ މަރުވެފަ އެވެ.