ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ފިލިޕީންސް: ލޮކްޑައުންއާ ހިލާފުވާނަމަ ބަޑިޖަހައި މަރާނެ ކަމުގެ އިންޒާރު

Apr 2, 2020

މަނީލާ (އޭޕްރީލް 2) - ކޮވިޑް-19 އާ ގުޅިގެން ފިލިޕީންސްގެ ލޫޒޯން އައިލެންޑް އެއް މަސް ދުވަހަށް ލޮކްޑައުންކޮށްފައިވާއިރު، އެ ފިޔަވަޅާ ހިލާފުވާ މީހުންގެ ގަޔަށް ބަޑިޖަހައި، މަރާލުމުގެ ބާރު ސަލާމަތީ ބާރުތަކަށް ދޭނެ ކަމުގެ އިންޒާރު އެގައުމުގެ ރައީސް ރޮޑްރިގޯ ޑުޓާޓެ ދެއްވައިފި އެވެ.

ޓީވީ މެދުވެރިކޮށް އިއްޔެ ރޭ ގައުމާ މުހާތަބުކޮށް ޑުޓާޓެ ވިދާޅުވި ގޮތުގައި، ކަމާބެހޭ އިދާރާތަކުން އަންގާ އެންގުތަކާ އެއް ގޮތަށް އަމަލު ކުރުމަކީ މި ދަނޑިވަޅުގައި ގައުމަށް އެންމެ ބޭނުން ގޮތް ކަމަށެވެ.

"އަދި ސިއްހީ ހިދުމަތް ކުރައްވާ ބޭފުޅުންނާއި ޑޮކްޓަރުންނަށް ގެއްލުމެއް ދިނުމަކީ ވަރަށް ސީރިއަސް ކުށެއް. އެހެންކަމުން، އެ މީހުންގެ ފުރާނައަށް ނުރައްކާވާ ގޮތަށް ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރާ މީހުންގެ ގަޔަށް ބަޑިޖަހައި، މަރާލަން އަޅުގަނޑު ވާނީ ސަލާމަތީ ބާރުތަކަށް އަމުރު ކޮށްފައި،" ޑުޓާޓެ ވިދާޅުވި އެވެ.

ޑުޓާޓެގެ ވަރުގަދަ އިންޒާރެއް ދެއްވާފައިވަނީ، ވެރިރަށް މަނީލާގައި ލޮކްޑައުން ކޮށްފައިވާ ސިޓީއެއްގެ މީހުން، ކާބޯތަކެތި ނުލިބޭ ކަމަށް ބުނެ މަގުތަކަށް ނުކުމެ މުޒާހަރާ ކޮށްފައި ވަނިކޮށެވެ.

މުޒާހަރާ ހުއްޓާލައި، އަނބުރާ ގެއަށް ވަނުމަށް ކުރަމުންދިޔަ އިލްތިމާސްތައް އަޑު ނޭހުމުން، ފުލުހުން ވަނީ ބާރުގެ ބޭނުންކޮށްގެން މުޒާހަރާ ރޫޅާލައި، 20 މީހުން ހައްޔަރުކޮށްފަ އެވެ.

ފިލިޕީންސްގައި އިއްޔެ އާ ހަމައަށް ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 2،311 އަށް އަރާފައިވާއިރު، އޭގެ ތެރެއިން މިހާތަނަށް 96 މީހަކު ވަނީ މަރުވެފަ އެވެ.