ޑާކް ރެއިން

މި އަހަރު "ނޮވެންބަރު" ނެތް

May 27, 2020

ޑާކްރެއިން އެންޓަޓެއިންމަންޓުގެ އާ ފިލްމު "ނޮވެންބަރު" ރިލީޒް ކުރުން ފަސް ކޮށްފި އެވެ.

ރާއްޖޭގެ އެންމެ ކާމިޔާބު އެއް ފިލްމު ސްޓޫޑިއޯއިން ބުނީ އެ ސްޓޫޑިއޯގެ އާ ފިލްމު ދެން ރިލީޒް ކުރާނީ އަންނަ އަހަރުގައި ކަމަށެވެ. ކުރިން އޮތީ މި އަންނަ ޖުލައި ހަ ވަނަ ދުވަހު ފިލްމު އަޅުވާށެވެ. ފިލްމު ރިލީޒް ކުރުން ފަސްކުރީ ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެނެވެ.

"ރައްކާތެރިކަމަށްޓަކައި ފިލްމު މި ފަސްކޮށްލީ. އިރާދަ ކުރެއްވިއްޔާ 2021 ގެ ކުރީކޮޅު ފިލްމު ބެލުންތެރިންނަށް ގެނެސްދޭނަން." ޑާކްރެއިންގެ ވެރިޔަކު ބުންޏެވެ.

ބޮޑު ކާސްޓަކާއެކު އުފައްދާ މި ފިލްމުގެ ގިނަ މަންޒަރުތައް ނަގާފައިވަނީ ސިންގަޕޫރުގަ އެވެ. މީގެ އިތުރުން ރާއްޖޭގެ އެކި ރަށްރަށުގައި ވެސް މަންޒަރުތައް ނަގާފައި ވެއެވެ.

"ނޮވެންބަރު" ގެ މުހިންމު ރޯލުތަކުން ފެނިގެން ދާނީ ޖުމައްޔިލް ނިމާލް އާއި މަރިޔަމް މަޖުދާ އެވެ. އަދި "މާމުއި" އިން ބެލުންތެރިންގެ މެދުގައި މަގުބޫލުކަން ހޯދި އަލީ ޝިފާއުގެ އަންހެނުން އައިޝަތު ޔާދާ ވެސް ފެނިގެންދާއިރު ކުރީގެ ފިލްމީ ތަރި އިސްމާއީލް ވަޖީހު ވެެސް ފެނިލަ އެވެ.

އިސްމާއީލް ފެނިގެން ދާނީ ވަރަށް މުހިންމު ރޯލަކުންނެވެ. މީގެ ކުރިން އިސްމާއީލް ވަނީ ޑާކްރެއިންގެ "މާމުއި" އަދި "މީ ލޯތްބަކީ" ގައިވެސް ބައިވެރިވެފަަ އެވެ.

މީގެ އިތުރުން "ނޮވެންބަރު" ގައި އިސްމާއިލް ވަޖީހުގެ ދަރިފުޅު ތަރީޝް އާއި ސިންގަރޫ ރައްޔިތެއް ކަމަށްވާ ޝެރަން އެންޖީ ވެސް ފެނިގެންދާނެ އެވެ.

ޑާކްރެއިންގެ 13 ވަނަ ފީޗާ ފިލްމު "ނޮވެންބަރަ" ކީ އައިޝަތު ފުއާދު އާއި އަހުމަދު ތޮލާލްގެ ސްކްރީން ޕްލޭއަކަށް ތައްޔާރުކުރާ ފިލްމެކެވެ. ޑައިރެކްޓް ކޮށްފައި ވަނީ ޑައިރެކްޓަރު އަލީ ޝިފާއު (ޗިއްޕެ) ގެ އިތުރުން އައިޝަތު ފުއާދެވެ.