ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ކޮވިޑް-19 އަަށް ކުރާ ހޭދައަށް ކުޑަ ދަށްވުމެއް

May 27, 2020
2

މޯލްޑިވްސް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އޯޑަރު ކުރި ބައެއް ތަކެތި ކެންސަލް ކުރުމުން މިދިޔަ ހަފުތާގައި ކޮވިޑް-19 އަށް ކުރި ހޭދައަށް ކުޑަ ދަށްވުމެއް އަތުވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން ނެރެފައިވާ ކޮވިޑް-19 އިގެ ހަފުތާ މާލީ ހިސާބުތައް ދައްކާ ގޮތުގައި ކޮވިޑް-19 އިން ސަލާމަތް ވާން ކުރާ މަސައްކަތުގައި މި މަހުގެ 21 ދުވަހާ ހަމައަށް ހަރަދު ކޮށްފައި ވަނީ 866.9 މިލިއަން ރުފިޔާ އެވެ.

ނަމަވެސް މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް އެ ހޭދަ އުޅުނީ 873.3 މިލިއަން ރުފިޔާގަ އެވެ. މިއީ 0.7 ޕަސެންޓުގެ ދަށްވުމެކެވެ. މިދިޔަ ހަފުތާއާ އަޅާ ބަލާއިރު މި ހަފުތާގެ ހޭދަ ދަށްވީ އެންޑީއެމްއޭ އިން ސިއްހީ ބައެއް ސާމާނު ހޯދަން ކުރި އޯޑަރު ތަކެއް ކެންސަލް ވުމުންނެވެ.

އެ ރިޕޯޓުގައިވާ ގޮތުން މިދިޔަ ހަފުތާގެ ނިޔަލަށް ވެސް އެންމެ ބޮޑު ހޭދައެއް ކުރަމުން ދަނީ އެންޑީއެމްއޭ އަށެވެ. އެ އޮތޯރިޓީން ކުރާ މަސައްކަތް ތަކަށް މިދިޔަ ހަފުތާގެ ނިޔަލަށް 567.7 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. ދެން އެންމެ ބޮޑު ހޭދައެއް ކުރަމުން ގެންދަނީ ހެލްތް މިނިސްޓްރީ އަށެވެ. އެ މިނިސްޓްރީއަށް މިދިޔަ ހަފުތާގެ ނިޔަލަށް 139.2 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.

މި އޮޕަރޭޝަންގައި އެންމެ ބޮޑު ހޭދައެއް މިހާރު ވެސް ކުރަމުން ގެންދަނީ ސިއްހީ ސާމާނު ބޭރުން ގެންނާށެވެ. މި ކަމަށް މިދިޔަ ހަފުތާގެ ނިޔަލަށް 435.3 މިލިއަން ރުފިޔާ ހޭދަ ކޮށްފައިވެ އެވެ.

ފިނޭންސް މިނިސްޓްރީން ވަނީ ކޮވިޑް-19 ގެ ހަރަދުތަކުގެ ހާއްސަ އޮޑިޓެއް ހަދަން ވެސް ފަށާފަ އެވެ. ސަރުކާރުން ކޮވިޑް-19 ގެ އޮޕަރޭޝަނަށް ބޭނުންވާ ތަކެތީގެ ބޮޑު ބައެއް ގެންނަނީ ސަރުކާރުގެ މައި ކުންފުނި އެސްޓީއޯ މެދުވެރިކޮށެވެ.