ޖޫރިމަނާގެ ގޮތުގައި މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް 169 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ އެވެ.
ފިނޭންސް މިނިސްޓްރީ ކޮންމެ ހަފްތާ އަކު އެއް ފަހަރު އާންމުކުރާ ތަފާސްހިސާބުގައިވާ ގޮތުން އޮކްޓޫބަރު 14 ވަނަ ދުވަހުގެ ނިޔަލަށް ޖޫރިމަނާގެ ގޮތުގައި 169.3 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެ އެވެ.
އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 60.9 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މިދިޔަ އަހަރު އެ މުއްދަތުގެ ތެރޭގައި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ލިބުނީ 108.4 މިލިއަން ރުފިޔާ އެވެ.
މިއަހަރުގެ ބަޖެޓުގައި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 43.8 މިލިއަން ރުފިޔާ އެވެ. އެކަމަކު މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ދައުލަތަށް ވަނީ އެ އަދަދު ލިބިފަ އެވެ. އެހެންކަމުން ދައުލަތަށް މިއަހަރު ޖޫރިމަނާގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރި އަދަދަށް ވުރެ އިތުރަށް މިހާރު ވެސް މިވަނީ 125.2 މިލިއަން ރުފިޔާ ލިބިފަ އެވެ.
ދައުލަތުން ދޭ އެކި ހިދުމަތްތަކުން ޖޫރިމަނާގެ ގޮތުގައި ބޮޑު އަދަދެއް ދައުލަތަށް އާމްދަނީ ވަންނަ ކަމަށް ދައްކަ އެވެ. ނަމަވެސް ބައެއް ކަންކަމުން ޖޫރިމަނާ ކުރަމުން ގެންދާތީ އާއްމުންގެ ޝަކުވާ ބޮޑެވެ. މީގެ އެއް ކަމަކީ ޕާކިން މައްސަލަ އެވެ. މާލޭގައި ޕާކު ކުރާނެ އެކަށީގެންވާ ޖާގަނެތި ޕާކިން ޖޫރިމަނާ ކުރުމަކީ އާއްމުންގެ މެދުގައި އުދާސްކަން ބޮޑު މައްސަލަ އެކެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އޮކްޓޫބަރު 14އާ ހަމައަށް ހިލޭ އެހީ އާއި އާމްދަނީއެއްކޮށް ބަލާނަމަ ލިބިފައިވަނީ 15.1 ބިލިއަން ރުފިޔާ އެވެ. އެކަމަކު 22.9 ބިލިއަން ރުފިޔާ ވަނީ އެ މުއްދަތާ ހަމައަށް ހަރަދުކޮށްފަ އެވެ.