ބަޔާން މިއުނިކް

ޑޯޓަމުންޑް ބަލިކޮށް ބަޔާނަށް ބޮޑު ލީޑެއް

"ކްލާސިކާ" ގެ ނަމުން މަޝްހޫރު ވެފައިވާ ޖަރުމަންގެ އެންމެ ވާދަވެރި ދެ ޓީމުގެ ކުރިމަތި ލުމުގައި، ރޭ ޑޯޓަމުންޑްގެ ދަނޑު ސިގްނަލް އިޑްނާ ޕާކުގައި ކުޅުނު މެޗުގައި ބަޔާން މިއުނިކް 1-0 އިން މޮޅުވެއްޖެ އެވެ.

އެ ޓީމަށް ލަނޑު ކާމިޔާބު ކޮށްދިނީ ފުރަތަމަ ހާފުގައި ހޯޝިއާ ކިމިޗް އެވެ.

ކޮރޯނާ ވައިރަހަށް ފަހު އަލުން ޖަރުމަން ލީގް ފެށިފަހުން ވެސް، ޑޯޓަމުންޑް އޮތީ ރަނގަޅު ފޯމެއްގަ އެވެ. އެހެން ނަމަވެސް ބަޔާންގެ މައްޗަށް ކުރި ހޯދުން އެ ޓީމަށް ވީ އުނދަގޫ ކަމަކަށެވެ.

ރޭ ހޯދި މޮޅާއެކު، ބަޔާންގެ ކޯޗް ހެންސީ ފްލިކް ވަނީ، ބަޔާންގެ ކުރީގެ ކޯޗް ޕެޕް ގާޑިއޯލާ ދެމެހެއްޓި ޓްރެކާ އެއްވަރު ކޮށްފަ އެވެ. ބަޔާންގެ ތާރީހުގައި، އަލަށް ކޯޗަކު ހަވާލު ވެގެން ބުންޑެސް ލީގްގައި ކުޅުނު ފުރަތަމަ 18 މެޗުގެ ތެރެއިން 15 މެޗު ކާމިޔާބު ކުރި ދެ ކޯޗުންނަކީ، ގާޑިއޯލާ އާއި ފްލިކެވެ.

ބަޔާންގެ ކޯޗް ކަމާ ފްލިކް ނޮވެމްބަރު މަހު ހަވާލުވީ ވަގުތީ ކޯޗެއްގެ ގޮތުގަ އެވެ. އޭގެ ކުރިން އޭނާ ހުރީ ބަޔާންގެ އޭރުގެ ކޯޗް ނިކޯ ކޮވާކްގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގަ އެވެ. ކޯޗް ކަމަށް ފްލިކް ހަމަޖެއްސީ ކޮވާކް ވަކި ކުރުމަށް ފަހު އެވެ. މިދިޔަ މަހު ބަޔާން އިން ވަނީ އޭނާއަށް ކޮންޓްރެކްޓެއް ދީފަ އެވެ.