ޖަރުމަންގެ އެންމެ ވާދަވެރި ދެ ކުލަބުގެ ކުރިމަތިލުމުގައި ބުރޫޝިއާ ޑޯޓްމުންޑްގެ މައްޗަށް 3-2 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި ބަޔާން މިޔުނިކް ތާވަލުގެ އެއް ވަނައަށް ޖެހިލައިފި އެވެ.
ފުރުތަމަ ހާފުގެ ފަހުކޮޅު މާކޯ ރިއުސް ވަނީ، ޑޯޓްމުންޑަށް ލީޑް ނަގައިދީގަ އެވެ. އެހެން ނަމަވެސް ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ތޯމަސް މުލާ ދިން ބޯޅައިން ޑޭވިޑް އަލްބާ، ބަޔާން އަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ. ދެވަނަ ހާފަށް ނުކުމެ ލިޑް ނަގަން ބަޔާންއަށް ބޭނުންވީ ތިން މިނެޓެވެ. ލޫކަސް ހެނާންޑޭންޒް ނަގައިދިން ހުރަސް ބޮލުން ގޯލްގެ ތެރެއަށް ވައްދާލައި ރޮބަޓް ލެވަންޑޮސްކީ ވަނީ މެޗުގެ 48 ވަނަ މިނެޓްގައި ބަޔާން އަށް ލީޑް ނަގައިދީފަ އެވެ. މެޗުގެ 80 ވަނަ މިނެޓްގައި ލިރޮއީ ސަނޭ ބަޔާންގެ ތިން ލަނޑު ކާމިޔާބު ކޮށްފަ އެވެ.
އޭގެ ތން މިނެޓް ފަހުން އާލިންގް ހާލޭންޑް ޑޯޓްމުންޑަށް ލަނޑު ކާމިޔާބު ކޮށްދީ އުންމީދެއް ހޯދައި ދިނެވެ. ނަމަވެސް މެޗުގެ ނަތީޖާ ހަމަހަމަ ކުރާނެ ފުރުސަތެއް ޑޯޓްމުންޑްގެ ޓީމަށް ނުލިބުނެވެ. ދެ ވަނަ ހާފުގެ އިތުރު ވަގުތުގައި ލެވަންޑޮސްކީ ލަނޑެއް ކާމިޔާބު ކުރިކަމަށް ބެލވުނެވެ. ނަމަވެސް ވީއޭރުން ދެއްކީ އޭނާ އޮފްސައިޑް ވެފައި ހުރި ކަމަށެވެ.
މެޗުގެ އެހެން ފުރުސަތެއްގައި ވެސް ލެވަންޑޮސްކީއަށް ފޮނުވާލި ބޯޅަ ގޯލްގެ ތެރެއަށް ވަން ނަމަވެސް ވީއޭއާރުން އެ ގޯލް ބަލައެއް ނުގަތެވެ. "ޑާ ކްލަސިކާ" ގެ ނަމުން މަޝްހޫރު ވެފައިވާ ކުރިމަތިލުމުގައި އެންމެ ގިނަ ލަނޑު ކާމިޔާބު ކޮށްފައި ވަނީ ކުރިން ޑޯޓްމުންޑަށް ވެސް ކުޅުނު ލެވަންޑޮސްކީ އެވެ. އޭނާ ވަނީ ކްލަސިކާ ގައި 18 ލަނޑު ޖަހާފަ އެވެ. އެއީ ޑޯޓްމުންޑްގައި ހުރެ ބަޔާން ކޮޅަށް ޖެހި އެއް ލަނޑާވެސް އެކުގަ އެވެ.
ބަޔާން އެއް ވަނައިގައި އޮތީ 18 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތީ 16 ޕޮއިންޓާއެކު އޮތް އާރްބީ ލައިޕްޒިގް އެވެ. 15 ޕޮއިންޓާއެކު ޑޯޓްމުންޑް އޮތީ ތިން ވަނައިގަ އެވެ.