ހަބަރު

ފްރާންސްގެ ނޫސް އިދާރާއަކަށް ހަމަލާދީ ބަޔަކު މަރާލި ހާދިސާ ރައީސް ނަޝީދު ކުށްވެރި ކުރައްވައިފި

ފްރާންސްގެ ނޫސް އިދާރާއަކަށް ބަޑިން ހަމަލާދީ މިއަދު 12 މީހަކު މަރާލައި ބަޔަކު ޒަހަމްކޮށްލި ހަމަލާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުށްވެރި ކުރައްވައިފި އެވެ.

އެމަނިކުފާނު މިރޭ ކުރެއްވި ޓްވީޓެއްގައި ވަނީ ހަރުކަށި އިބާރާތުން އެކަން ކުށްވެރި ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެ ހަމަލާގައި މަރުވި މީހުންގެ އާއިލާއަށް ތައުޒިޔާ ފޮނުއްވާ ކަމަށް ވެސް އެ ޓްވީޓްގައި ނަޝީދު ވިދާޅުވެފައިވެ އެވެ.

ޗާލީ ހެބްދޫ ނަމަކަށް ކިޔާ އެ ނޫހުގެ އިދާރާއަށް މާސްކް އަޅައިގެން ތިބި ބަޔަކު ދިން އެ ހަމަލާގައި މަރުވި މީހުންގެ ތެރޭގައި އެ ނޫހުގެ ޗީފް އެޑިޓަރާއި އެހެނިހެން ބައެއް މުވައްޒަފުންގެ އިތުރުން ދެ ފުލުހަކު ވެސް ހިމެނޭ ރިޕޯޓްތައް ބުނެއެވެ. މީގެ އިތުރުން އިތުރު ބަޔަކަށް ވެސް އެ ހަމަލާގައި އަނިޔާވެފައިވެ އެވެ.

އެ ނޫހުން މީގެ ކުރިން ވަނީ ކީރިތި ރަސޫލާއަށް ކާޓޫނު ކުރަހައި ޖޯކު ޖެހުމުގެ އިތުރުން އައިއެސްގެ ލީޑަރަށް ވެސް ޖޯކު ޖަހައި ކާޓޫނު ކުރަހައިފަ އެވެ. އެކަމާ ގުޅިގެން އެ ނޫހުގެ ޗީފް އެޑިޓަރަށް ބަޔަކު މަރުގެ އިންޒާރު ދިނުމުން އޭނާ އުޅެމުން ދިޔައީ ވެސް ފުލުހުންގެ ހިމާޔަތުގަ އެވެ.

ހަމަލާދިން މީހުންތައް ހޯދުމަށް ފްރާންސްގެ ސަލާމަތީ ބާރުތަކުން ވަރުގަދަ އޮޕަރޭޝަނެއް ފަށާފައިވާއިރު އެމެރިކާ އާއި އިނގިރޭސިވިލާތް ފަދަ ބޮޑެތި ގައުމުތަކުން ވެސް ވަނީ އެ ހަމަލާ ކުށްވެރިކޮށްފަ އެވެ.